23 ނޮވެމްބަރ 2017 - 10:11

ދ. ދޫރެސް ރިސޯޓުން ފުރަންވެގެން ދުއްވާފައި ދަނިކޮށް މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓުނު ހާދިސާގައި ސަލާމަތްވި ދެ އިނގިރޭސިއަކު، އެ އެކްސިޑެންޓާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އައިލެންޑް އޭވިއޭޝަނުން ރޭ ދޮގުކޮށްފި އެވެ.
މި މަހު 16 ވަނަ ދުވަހު ހިނގި އެކްސިޑެންޓުން ސަލާމަތްވި ސަބަސްޓިއަން މާޗީކް އާއި ތޯމަސް މާކޭ އިނގިރޭސި މީޑިއާގައި ބުނީ ހާދިސާ ހިނގުމުން މީހުން ސަލާމަތް ކުރުމުގެ ބަދަލުގައި، އެންމެން ދޫކޮށްލުމަށް ފަހު ކެޕްޓަނާއި ފަސްޓް އޮފިސަރު ފަތާފައި އެއްގަމަށް ދިޔައީ ކަމަށެވެ. އަދި ހުރިހާ ލަގެޖެއް ހުރީ އެމެޖެންސީ ދޮރުގައި އައްސާފައި ކަމަށާއި، އެހެންކަމުން އެވަގުތު އެ ދޮރު ވެސް ނުހުޅުވި ތާށިވީ ކަމަށް އެ މީހުން ތުހުމަތުކުރި އެވެ.
"ހާދިސާ ހިނގިތާ ދެތިން މިނެޓުގެ ތެރޭގައި އެންމެން ތިބީ މޫދުގައި. އޭރު އެއްވެސް ލައިފް ޖެކެޓެއް ނެތް. ލައިފް ޖެކެޓްތައް ނަގާށޭ ގޮވަން ފެށީ އަހަރެން،" އިނގިރޭސި ވިލާތުގެ މަޝްހޫރު އެއް ނޫސް ކަމަށްވާ ދަ ސަންގައި ތޯމަސް ބުނެފައިވެ އެވެ.
"ލިބުނީ ކުޑަކުދިންގެ ލައިފް ޖެކެޓެއް. ހުރިހާ ލައިފް ޖެކެޓަކީ ވެސް ސެކަންޑް ހޭންޑެޑް އެއްޗެހި. ބައެއް ލައިފް ޖެކެޓުތައް ހުރީ 2004 ގައި އެކްސްޕަޔާ ވެސް ވެފައި. އެއްވެސް ސޭފްޓީ ޕްރޮޓޮކޯލެއް ވެސް ނެތް. ހަދަންވީ ގޮތުގެ އެއްވެސް މައުލޫމާތެއް ވެސް ނުދޭ."
އޭނާ ބުނި ގޮތުގައި ދޫރެސް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭން އައީ ގާތްގަނޑަކަށް 20 މިނެޓް ފަހުންނެވެ. އޭރު އެންމެން ތިބީ ބޯޓު މައްޗަށް އަރައިގެން ކަމަށް ވެސް އެ ދެ ދަތުރުވެރިން ބުންޏެވެ.
އެމީހުން ބުނި ގޮތުގައި ބޯޓުގެ ކަނދު ނެއްޓުނީ، ރިސޯޓުން ނައްޓާލަންވެގެން ތިން ވަނަ ފަހަރަށް ދުއްވާފައި ދަނިކޮށެވެ.
"މޫސުން ގޯސްވެގެން ފުރަތަމަ ދެ ފަހަރު ވެސް ޓޭކް އޮފް އެބޯޓް ކުރީ. ދެ ފަހަރު އެބޯޓް ކޮށްފައި ތިން ވަނަ ފަހަރަށް ނައްޓާލަން އުޅުނީ އެއްވެސް ވަރަކަށް މަޑުނުކޮށް،" ތޯމަސް ބުންޏެވެ.
ދެ މީހުންގެ ހުރިހާ ވާހަކައެއް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ހާރިސް ވަނީ ދޮގުކުރައްވައިފަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
"އެކަން ސިވިލް އޭވިއޭޝަނުން އެ ގެންދަނީ ތަހުގީގު ކުރަމުން. ތަހުގީގު ނުނިމެނީސް އަޅުގަނޑުމެން އެކަމާ ގުޅޭ މައުލޫމާތު ހާމަކުރުމަކީ ކުށެއް،" ހާރިސް ވިދާޅުވި އެވެ.
އެކަމަކު ދެ ދަތުރުވެރިންގެ ވާހަކައާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކްސިޑެންޓަށް ފަހު ކުރޫން އަމަލުކުރީ އެމެޖެންސީ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގުމުން ހުރިހާ ކުރޫން ވެސް ހާލަތު ހަމައަކަށް އަޅުވަން މަސައްކަތް ކުރި އެވެ. އަދި ހުރިހާ ފަޅުވެރިން ވެސް އަމަލުކުރީ އެމެޖެންސީ ހާލަތްތަކުގައި އަމަލު ކުރަން ކަނޑައަޅާފައިވާ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކާއި ސީޕްލޭންތައް އޮޕްރޭޓް ކުރަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް، ހުރިހާ ކަމެއް ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި އެ ގަވާއިދުތައް ހަދާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ހާދިސާ ހިނގި އިރު ސީޕްލޭންގައި ތިބީ 12 ދަތުރުވެރިންނާއި ތިން ފަޅުވެރިންނާ އެކު ޖުމްލަ 15 މީހުންނެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.