22 ނޮވެމްބަރ 2017 - 17:58

އިދިކޮޅު ފަރާތްތަކުން ގދ.ތިނަދޫގައި މާދަމާ ރޭ ބާއްވަން ނިންމާފައިވާ ޖަލްސާއަށް ސަރުކާރުން ހުރަސްއަޅަމުން ދާ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.
ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެރަށު ދެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ ރަށުގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް ފުލުހުން މިއަދު ވަނީ ނަގާފަ އެވެ.
އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ސަރުކާރުން ޕީޕީއެމާއި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް، އެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުން ގުޅިގެން މިކުރާ މަސައްކަތައް ތިބޭފުޅުންގެ އެއްބާރުލުމާއި ގާނޫނީ ގޮތުން ތިބޭފުޅުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ތިބޭފުޅުންނަށް ގޮވާލަން. މިވަގުތު ތިނަދޫގައި މިޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފުލުހުން ކޯޓް އަމުރެއް ހިފައިގެން ވަދެ އުޅޭކަމުގެ ހަބަރު ވަނީ ލިބިފަ،" ނިޔާޒު ވިދާޅުވި އެވެ.
ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ކޯޓުތަކުގެ ހައިބަތު ގެއްލުވާލައި ކޯޓުތަކާ މެދު ނުބައި ތަސައްވުރެއް ދިނުމަށް އަދި ގާނޫނާއި މުއައްސަސާތައް ހިންގުމަށް ހުރަަސްއެޅުމުގެ މަގްސަދުގައި ހަރުކޮށްފައިވާ ތަކެތި ހޯދައި ހިފެހެއްޓުމަށެވެ. އަމުރުގައިވާ ގޮތުން މިއީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ މައްސަލައެކެވެ.
ނިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގާނޫނާ ހިލާފް ކަމެއް ނުކުރާ ކަމަށެވެ.
އެޖަލްސާ ނުބޭއްވޭނެ ހާލަތެއް އަންނާނެ ކަމަށް ގަބޫލް ނުކުރާ ކަމަށާއި ކާމިޔާބު ކަމާއެކު އެޖަލްސާ ބާއްވާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. ތިނަދޫ ދެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެރަށު ރައްޔިިތުން ގަބޫލު ނުކުރާ ކަމަށާއި އެރަށު ރައްޔިތުން ތިބީ ޖަލްސާ ބޭއްވުމަށް ބޭނުންވެފައި ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
އިންތިހާބަކަށް ތައްޔާރުވާއިރު މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޔަގީން ކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް އޭނާ ވަނީ ގޮވާލާފަ އެވެ.