ޒިމްބާބުވޭގެ އާ ރައީސް ހުވާ ކުރުން ހުކުރު ދުވަހު
ޒިމްބާބުވޭގެ އާ ރައީސް ހުވާ ކުރުން ހުކުރު ދުވަހު

ހަރާރޭ (ނޮވެމްބަރު 22) - ޒިމްބާބުވޭގެ އާ ރައީސް އަންނަ ހުކުރު ދުވަހު ހުވާ ކުރާނެ ކަމަށް އެ ގައުމުގެ ރަސްމީ ޓީވީން ބުނެފި އެވެ.

ޒިމްބާބުވޭގެ ވެރިކަމަށް ގެންނަނީ މީގެ ދެ ހަފުތާ ކުރިން ނައިބް ރައީސްގެ މަގާމުން ދުރުކުރި އެމާސަން ނަންގަގްވާ އެވެ. މަގާމުން ދުރުމާ އެކު އޭނާ ވަނީ ސައުތު އެފްރިކާ އަށް ވަޑައިގެންފަ އެވެ. ސިފައިން ބުނީ މިއަދުގެ ވަގުތެއްގައި ނަންގަގްވާ އެނގުރި ހަރާރޭ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

މުގާބޭގެ 37 އަހަރުގެ ވެރިކަން ނިމުމަށް އައުމަށް މެދުވެރީ ނަންގަގްވާ މަގާމުން ދުރުކުރުމުންނެވެ. މުގާބޭގެ ބޭނުމަކީ އަނބިކަނބަލުން ގްރޭސް އަށް ވެރިކަން ފަހިކޮށް ދިނުމެވެ. އެކަމަކު ސިފައިން ބުނެފައި ވަނީ ގައުމުގެ މިނިވަންކަމުގެ ބަތަލަކު މަގާމުން ދުރުކޮށް ރައީސްގެ އަނބިކަނބަލުންނަށް ވެރިކަމަށް ނާދެވޭނެ ކަމަށެވެ.

މަގާމުގައި ދެމި ހުންނެވުމުގެ ހުރިހާ ދޮރެއް ބަންދުވުމުން 93 އަހަރުގެ މުގާބޭ އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުގައި ކުރަމުން ދަނިކޮށެވެ.

ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ތަރުޖަމާން ވިދާޅުވީ އުމުރުން 71 އަހަރުގެ ނަންގަގްވާ ވެރިކަމުގައި ހުންނަވާނީ މުގާބޭގެ ދައުރު ނިމެންދެން ކަމަށެވެ. ޒިމްބާބުވޭގައި ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ޒިމްބާބުވޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފި ނަމަ ވެރިކަން ލިބޭނީ ނައިބް ރައީސް އަށެވެ. އެ މަގާމުގައި މިހާރު ހުންނެވީ ގްރޭސްގެ ގާތް އެކުވެރިއެއް ކަމަށްވާ ފެލެކެޒެލާ ފޮކޯ އެވެ. އޭނާ ވެސް މިހާރު ގައުމަކު ނެތެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފޮކޯ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.