22 ނޮވެމްބަރ 2017 - 15:40

ޖިއްދާ (ނޮވެމްބަރު 22) - ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސައުދީ އަރަބިއާގެ ޖިއްދާގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އެ ސިޓީ ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ސައުދީގައި ދެ ވަނަ އަށް އެންމެ ބޮޑު ސިޓީގައި ފެންބޮޑުވުމުން ސިވިލް ޑިފެންސް އޮފިޝަލުން ނުކުމެ އާއްމުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފަ އެވެ. ޖިއްދާ އަށް މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފެންބޮޑުވެފައިވާ ޖިއްދާގެ ބައެއް މަގުތަކުގައި ވެހިކަލްތައް ދުއްވާ ވީޑިއޯތައް ބައެއް މީހުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ.
ޖިއްދާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 2009 ވަނަ އަހަރު ވަނީ 23 މީހުން މަރުވެފަ އެވެ. އޭގެ ދެ އަހަރު ފަހުން ވަނީ ފެންބޮޑުވުމުގައި 10 މީހުން މަރުވެފަ އެވެ.
ސައުދީގައި މި މަހު ކުރީކޮޅު އުފެއްދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ޖިއްދާގައި 2009 ވަނަ އަހަރު ފެންބޮޑުވުމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.