އިޒްރޭލް މީހަކު ނަަބަވީ މިސްކިތަށް ވަދެ ފޮޓޯ ނެގި މައްސަލަ ހޫނުވެއްޖެ
އިޒްރޭލް މީހަކު ނަަބަވީ މިސްކިތަށް ވަދެ ފޮޓޯ ނެގި މައްސަލަ ހޫނުވެއްޖެ

މަދީނާ (ނޮވެމްބަރު 22) - އިޒްރޭލުގެ ރައްޔިތަކު ސައުދީ އަރަބިއާގެ މަދީނާގެ މާތްވެގެންވާ މަސްޖިދުއް ނަބަވީ އަށް ވަދެ ފޮޓޯ ނަގާ ފޭސްބުކުގައި އާއްމު ކުރުމުން ސޯޝަލް މީޑިއާގައި އަރަބިންގެ ރުޅިވެރިކަން ބޮޑުވެއްޖެ އެވެ.

ރަޝިޔާ އަށް އުފަން ބެން ޓްޒިއޮން، 31، ގެންދަނީ މުސްލިމް ބައެއް ގައުމުތަކަށް ޒިޔާރަތްކޮށް ފޮޓޯ ނަގާ ފޭސްބުކަށް ލަމުންނެވެ. މި ގޮތުން ސައުދީގެ އިތުރުން އީރާން، ލުބުނާން އަދި ޖޯޑަންގައި ނަގާފައި ހުރި ފޮޓޯތައް އޭނާ އާއްމުކޮށްފައިވެ އެވެ. މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގެ އެތެރޭގައި ހުރެ އޭނާ ނަގާފައިވާ ފޮޓޯތައް ވެސް އާއްމުކޮށްފައިވެ އެވެ.

މުސްލިމް ނޫން މީހުން މައްކާ އަށް ވަނުމަކީ މަނާކަމެކެވެ. އަދި މަދީނާގެ މެދުތެރޭގެ ހިސާބުތަކަށް ޒިޔާރަތް ނުކުރަން ވަނީ އަންގައިފަ އެވެ. އެކަމަކު ޓްޒިއޮން ބުނީ މަދީނާގެ ދީނީ ބިނާތައް ވަނީ އެންމެންނަށް ހުޅުވާލާފައި ކަމަށެވެ.

ޓައިމްސް އޮފް އިޒްރޭލަށް ދިން އިންޓަވިއުއެއްގައި ޓްޒިއޮން ބުނީ މުސްލިމް ގައުމުތަކަށް ޒިޔާރަތް ކުރުމަކީ އޭނާގެ ހޮބީއެއް ކަމަށެވެ.

"އަރަބި ދުނިޔޭގެ އެކަކު ވެސް އަހަންނަށް ނަފްރަތުކޮށްފައެއް ނުވޭ،" 2014 ވަނަ އަހަރު އިޒްރޭލުގެ ރައްޔިތަކަށްވި ޓްޒިއޮން ބުންޏެވެ. "އެ މީހުން ބުނީ އިޒްރޭލާއި ޔަހޫދިން ދެކެ ލޯބިވާ ވާހަކަ."

އޭނާ ބުނީ ސައުދީގެ ހުރިހާ ހިސާބަކަށް އޭނާ ދަތުރުކުރީ ސައްހަ ވިސާގައި ކަމަށެވެ. އީރާނުގެ ތަންތަނަށް ޒިޔާރަތްކޮށްފައި ހުރި ފޮޓޯތައް ވެސް ޓްޒިއޮން ފޭސްބުކުގައި އާއްމުކޮށްފައި ހުއްޓެވެ. އީރާނާއި އިޒްރޭލަކީ ދެ ހަތުރުންނެވެ. އިޒްްރޭލް މީހުން އީރާނަށް ދަތުރު ނުކުރަން ވެސް އަންގާފައިވެ އެވެ.

މަސްޖިދުއް ނަބަވީ އަށް ޓްޒިއޮން ވަނުމުން އެކަމުގެ ނުރުހުން ފާޅުކުރަން އަރަބި ހޭޝްޓެގެއް ވެސް ވަނީ ހަދައިފަ އެވެ.

"އިލްމުވެރިން ޖަލުގައި، ޒަޔަނިސްޓުން ރަސޫލާގެ މިސްކިތުގައި،" ހިތްހަމަނުޖެހިފައި ހުރި އަރަތްބަކު ޓްވީޓްކޮށްފައިވެ އެވެ.