ހަސަންބެގެ ދެ ގާތިލުން އުމުރަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓް
ހަސަންބެގެ ދެ ގާތިލުން އުމުރަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓް

ނ. މާފަރުގައި ރަހީނުކޮށް، މަރާލި ހަސަން އަބޫބަކުރު (ހަސަންބެ) ގެ ގާތިލުން އުމުރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މެއި، 2012 ގައި މާފަރު ހިތްފަސޭހަގޭ، ހަސަންބެ ނިދާފައި އޮއްވާ އެގެއަށް ވައްކަން ކުރަން ވަދެ، ހަސަންބެ ބަނދެ، ރަހީނު ކުރުމުގެ ސަބަބުން ހަސަންބެ މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ ލ. އިސްދޫ އެވާލާސްޓް މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދުގެ މައްޗަށެވެ.

ހަސަންބެ މަރުވީ އޭނާގެ ބަނުމަށް ފަހު އޭނާގެ ނޭފަތާއި އަނގަ މަތީގައި އެއްޗެއް އެޅުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ހަސަންބެ މަރުވެފައިވަނީ އެ ދެ މީހުން އޭނާ ރަހީނު ކުރުމުގެ ސަބަބުން ކަން ސާބިތުވާ ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ތާއީދުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ހަސަންބެ ރަހީނުކުރި ކަމަށް އެ ދެ މީހުން ތަހުގީގުގައި އެއްބަސްވެފައިވާއިރު ޝަރީއަތުގައި އެ ދައުވާއަށް އިންކާރު ކުރިޔަސް، އެ މީހުން ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ ރެކޯޑިންއަށް ބެލުމުން އެކަމަށް އެއްބަސްވެފައި ވަނީ މަޖުބޫރުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ މީހުން ދިން ބަޔާނާއި ހެކިބަސް ދިން ހެކިންގެ ހެކިބަހާ ދިމާވާތީ އެ މީހުންގެ ތަހުގީގު ބަޔާނަކީ ހެކިންގެ ބަހަށް ބާރު ލިބޭ ފަދަ ހެއްކެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"މި މީހުން އަމަލުކުރި ގޮތް ކިޔައިދީފައިވާ ވީޑިއޯ ރެކޯޑިންއަކީ އެ އަމަލު އަމަލީ ގޮތުން ހިންގި ބަޔަކަށް ނޫނީ ކިޔައިދޭން ނޭނގޭ މިންވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ވީޑިއޯ ރެކޯޑިންއެއް ކަން އެނގެން އޮންނަ ކަމާއި،،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

ތަހުގީގުގައި އެ މީހުން ވެފައިވާ އިއުތިރާފް ހެއްްކެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ދެ މީހުންގެ ފަރާތުން ފާހަގަކޮށްފައި ވިޔަސް އަމިއްލަ އިހްތިޔާރުގައި ތަހުގީގަށް ދޭ ބަޔާނަށް ބާރު ލިބޭ ފަދަ ހަރުދަނާ އެހެން ހެކިތަކެއް ހުރެއްޖެ ނަމަ، ކުށް ސާބިތު ކުރުމުގައި ތަހުގީގު ބަޔާނަށް ބާރު ދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ ދެ މީހުން ތަހުގީގުގައި ވެފައިވާ އިއުތިރާފަކީ މަޖުބޫރުން ވެފައިވާ އިއުތިރާފެއް ކަމަށް ނުބެލެވޭ ނަމަ ނުވަތަ އަދި އެ އިއުތިރާފަށް ބާރު ލިބޭ އެހެން ހެކިތައް ހުރެއްޖެ ނަމަ ތަހުގީގު ބަޔާން ވެސް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހާދިސާއަށް ފަހު، ފައިސަލްގެ ގޭގެ ގިފިލީގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި ފައިސާތަކަކީ ހަސަންބެގެ ގެއިން ވަގަށް ނެގި ފައިސާ ކަމަށް ފައިސަލް އެއްބަސްވި ކަމަށް ދެ މީހަކު ހެކިބަސް ދީފައިވާއިރު ނައުޝާދުގެ ގޭގައި ގެންގުޅުނު ކަށިގަނޑެއް، ހަސަންބެ މަރުވެފައި އޮތް ގެއިން ފެނިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއީ ދެ މީހުން ތަހުގީގަށް ވެސް ކިޔައިދިން ވާހަކަތަކެއް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ.

ހަސަންބެގެ މަރާ ގުޅިގެން ނައުޝާދާއި ފައިސަލްގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެ ހާދިސާ ހިނގިއިރު އަމަލު ކުރަމުން ދިޔަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށް ކުރި މީހަކު މެރުމަށް ނުވަތަ އުމުރަށް ޖަލަށް ލުމަށް ނުވަތަ އުމުރަށް އަރުވާލަން ހުކުމް ކުރެވެ އެވެ.