ނޯތު ކޮރެއާގެ ސިފައިންގެ މީހާ ފިލި ނާޒުކް ވަގުތުކޮޅު
ނޯތު ކޮރެއާގެ ސިފައިންގެ މީހާ ފިލި ނާޒުކް ވަގުތުކޮޅު

ސޯލް (ނޮވެމްބަރު 22) - ދެ ކޮރެއާގެ ދެމެދުގައި ވަރުގަދަ އަށް ގާޑުކޮށްފައިވާ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ނޯތު ކޮރެއާގެ ސިފައިންގެ މީހާ ފިލި ނާޒުކް ވަގުތު ކޮޅުގެ ވީޑިއޯ ޔުނައިޓެޑް ނޭޝަންސް ކޮމާންޑުން އާއްމުކޮށްފި އެވެ.

ނޯތު ކޮރެއާގެ ސިފައިންގެ މީހާ ފިލި ނާޒުކް ވަގުތުކޮޅު
ނޯތު ކޮރެއާގެ ސިފައިންގެ މީހާ ފިލި ނާޒުކް ވަގުތުކޮޅު

ނޯތު ކޮރެއާގެ ސިފައިންގެ ގާޑަކު މަދު ސިކުންތު ކޮޅަކަށް ބޯޑަރު ހުރަސްކުރާ މަންޒަރު ފުޓޭޖުން ފެނެ އެވެ. ޔުނައިޓެޑް ނޭޝަންސް ކޮމާންޑް (ޔޫއެންސީ) އިން ބުނި ގޮތުގައި މިއީ 1953 ވަނަ އަހަރު ދެ ކޮރެއާގެ މެދުގައި ގާއިމްކޮށްފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ. ޔޫއެން ކޮމާންޑުގެ ތަރުޖަމާން ކާނަލް ޗާޑް ކެރޯލް ވިދާޅުވީ ތަހުގީގުން އެނގޭ ގޮތުގައި ނޯތު ކޮރެއާގެ ސިފައިންގެ ގާޑަކު ވަނީ އަސްކަރީ ޑިމާކޭޝަން ރޮނގު މަދު ސިކުންތު ކޮޅަކަށް ނަމަވެސް ހުރަސްކޮށްފައި ކަމަށާއި ޑިމާކޭޝަން ރޮނގު ހުރަސްކޮށް ބަޑި ވެސް ޖަހާފައިވާ ކަމަށެވެ. ބޯޑަރުގައި ތިބި ސައުތު ކޮރެއާ ސިފައިންގެ މީހުން ރައްދުގައި ބަޑި ޖަހައިފައެއް ނުވެ އެވެ.

ޕަންމުންޖޮމް އަވަށުން ނޮވެމްބަރު 13 ވަނަ ދުވަހު ސިފައިންގެ މީހާ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް އޭނާގެ ގަޔަށް ވަނީ ފަސް ވަޒަން ޖަހައިފަ އެވެ. ޕަންމުންޖޮމް ހުރަސްކޮށް ސިފައިންގެ މީހަކު ފިލުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި މިއީ ދެ ގައުމުގެ ބޯޑަރު ސިފައިން ޖެހިޖެހިގެން ތިބޭ ހަމައެކަނި ސަރަހައްދު ވެސް މެ އެވެ.

ޔޫއެންސީ އިން އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ނޯތު ކޮރެއާގެ ސިފައިންގެ މީހާ ވެހިކަލުގައި ދުއްވާފައި ގޮސް، ލަފާކުރެވޭ ގޮތުން ވެހިކަލްގެ ފުރޮޅު ތާށިވުމުން، ދުވެފައި ގޮސް ބޯޑަރު ހުރަސްކުރެ އެވެ. އޭގެ ފަހުން ނޯތު ކޮރެއާގެ ސިފައިން ދުވެފައި ގޮސް ބަޑި ޖަހަ އެވެ. ފުޓޭޖުން ފެންނަ ގޮތުގައި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހަކު ސައުތު ކޮރެއާގެ ސިފައިންގެ ދެ މީހަކު ފިރުކިފައި ގޮސް، ދަމާފައި ގެންދެ އެވެ.

ނޯތު ކޮރެއާގެ ސިފައިންގެ މީހާ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާގެ ޖޮއިންޓް ސެކިއުރިޓީ އޭރިޔާ (ޖޭއެސްއޭ) އަށް ވަންނަން އުޅެނިކޮށް އޭނާގެ ގަޔަށް ބަޑިޖެހުމުން ވަނީ ވަޒަން އަރައިފަ އެވެ. ޑޮކްޓަރުން ބުނީ ސިފައިންގެ މީހާގެ ފުރާނަ އަށް ނުރައްކާވެދާނެ ހާލަތުން މިހާރު ސަލާމަތްވެފައިވާ ކަމަށެވެ.

ސިފައިންގެ މީހާ ބޭނުންވުމުން އޭނާ އަށް މިހާރު ދަނީ ސައުތު ކޮރެއާގެ ފިލްމުތައް ދައްކަމުންނެވެ. އަދި ނަފްސާނީ ގޮތުން އޭނާ އަށް ހިތްހަމަޖެހުން ގެނެސް ދިނުމަށް ހޮސްޕިޓަލުގައި ސިފައިންގެ މީހާ އޮތް ކޮޓަރީގައި ވަނީ ސައުތު ކޮރެއާގެ ދިދައެއް ހަރުކޮށްފަ އެވެ. ސިފައިންގެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ސައުތު ކޮރެއާ އިން ހާމަކޮށްފައެއް ނުވެ އެވެ.

ސިފައިންގެ މީހާގެ ބަނޑުގައި ގިނަ އަދަދަކަށް ފަނި ހުރި ކަމަށް އޭނާ އަށް ފަރުވާ ދޭ ޑޮކްޓަރުން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

ނޯތު ކޮރެއާ އިން އަހަރެއްގެ ތެރޭ ގާތްގަނޑަކަށް 1،000 މީހުން ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެ އެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑަށް ގާޑުކޮށްފައިވާ އެއް ސަރަހައްދު ކަމަށް ބެލެވޭ ޑިމިލިޓަރައިޒް ޒޯން ހުރަސްކޮށް ދަނީ މަދު ބައެކެވެ. ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ނޯތު ކޮރެއާގެ 30،000 މީހުން ސައުތު ކޮރެއާ އަށް ތެރެވެފައިވާ ކަމަށް ސޯލުން ބުނެ އެވެ. ނޯތު ކޮރެއާ އިން ގިނަ މީހުން ފިލަނީ ޗައިނާގެ ބޯޑަރުންނެވެ.