"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟
"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތީ" ރިލީޒްކުރުމާ ދެކޮޅުހެދުމުގެ ގޮތުން ހިންދޫންގެ ޖަމާއަތްތަކުން ދަނީ އިންޑިއާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުންނެވެ. އަންނަ މަހު 1 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު މި ސަބަބާ ހެދި މިހާރު ވަނީ ރިލީޒްކުރުން ފަސްކޮށްފަ އެވެ.

"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟
"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟

"ޕަދްމާވަތީ" ފިލްމުގައި ކިޔައިދެނީ 14 ވަނަ ގަރުނުގައި އުޅުނުކަމަށް ބުނާ ހިންދޫ ރާނީ އަކާއި އަލާއުއްދީން ޚިލްޖީ ކިޔާ މުސްލިމް ރަސްކަލެއްގެ ވާހަކަ އެވެ. ރާނީގެ ރޯލު އަދާކޮށްފައި ވަނީ ދީޕިކާ ޕަދުކޯން އެވެ. ޚިލްޖީގެ ރޯލު ރަންވީރު ސިންގެވެ.

"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟
"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟

ފިލްމާ ހިތްހަމަނުޖެހިގެން އުޅޭ ހިންދޫ އެކި ގްރޫޕްތަކުން ބުނަނީ ރާނީ ޕަދްމާވަތީ އާއި ޚިލްޖީގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ފިލްމުގައި ހިމެނޭ ކަމަށެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ. ބާންސާލީ ބުނެފައި ވަނީ ދީޕިކާ އާއި ރަންވީރުގެ ކެރެކްޓާ އެކުގައި ފެންނަ އެންމެ މަންޒަރެއް ވެސް ފިލްމުގައި ނުހިމެނޭ ކަމަށެވެ.

"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟
"ޕަދްމާވަތީ" އާ ދެކޮޅަށް ހަޅުތާލުކުރަނީ ކީއްވެ؟

ޕަދްމާވަތީ އަކީ 16 ވަނަ ގަރުނުގައި އުޅުނު ޝާއިރެއް ކަމަށްވާ މަލިކް މުހައްމަދު ޖަޔަސީ ލިޔުނު ޒަމާންވީ ޅެމެއްގައި އުޅޭ ޚިޔާލީ ރާނީ އެކެވެ. ޕަދްމާވަތީ އުޅެނީ ރަސްކަލެއް ކަމަށްވާ މަހާރާވަލް ރަތަން ސިންގް (ޝާހިދު ކަޕޫރު) އާ ކައިވެނި ކޮށްގެންނެވެ. ނަމަވެސް އޭނާގެ ރީތިކަމުގެ ވާހަކަ ޚިލްޖީއަށް އިވުމުން ކޮންމެ ގޮތަކުން ނަމަވެސް ޕަދްމާވާތީ ހާސިލުކުރަން ބޭނުންވެ އެވެ. އަދި ޕަދްމާވަތީގެ ފިރިމީހާގެ ރަސްކަމާ ހަނގުރާމައަށް އޭނާ ނުކުމެ އެވެ.

ހަނގުރާމައިގައި ޚިލްޖީ އަތުން ޕަދްމާވަތީގެ ފިރިމީހާ މަރާލަނީ އެވެ. އަވާދީ ބަހުން ލިޔެފައިވާ މި ޅެމުގައި ކިޔައިދީފައި ވަނީ ޕަދްމާވަތީގެ ފިރިމީހާ މަރުވުމުން ގަބުރުގައި ރޯކޮށްލައި އަދި ޕަދްމާވަތީ ވެސް އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވަނީ ކަމަށެވެ. އެއީ ޚިލްޖީއަށް އޭނާ ހާސިލުވިޔަ ނުދިނުމަށެވެ.

ސަތީ ނުވަަތަ ފިރިމީހާ މަރުވުމުން އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވުމަކީ މީގެ 700 އަހަރު ކުރިން އިންޑިއާގެ ހިންދޫ ރާޖްޕޫތުންގެ ތެރޭގައި ކުރަމުން އައި ކަމެއް ކަމަށްވެ އެވެ.

މިއީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް ހަމަޖައްސާފައި ވަނީ އިންޑިއާގައި އިނގިރޭސިން ވެރިކަން ކުރި ޒަމާނުގައި 1829 ވަނަ އަހަރެވެ.

ތާރީޚު ދިރާސާކުރާ މީހުން ބުނަނީ ޖަޔަސީ ލިޔުނު ޅެމާއި މި ހާދިސާ ހިނގި ކަމަށް ބުނާ ތާރީޚުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

މި ފިލްމާ ބެހޭ ގޮތުން ހިންދޫ ރާޖްޕޫތުން މިހާރު ކުރަމުންދާ މުޒާހަރާތަކުން ވެސް ޔަގީންވަނީ ޕަދްމާވަތީ އަކީ އެމީހުންގެ އިހްތިރާމާއި ގަދަރު ލިބިފައިވާ އަންހެނެއް ކަމަށެވެ.

"ޕަދްމާވަތީ"ގައި ޚިލްޖީ އާއި ޕަދްމާވަތީގެ ހުވަފެނީ ރޮމެންޓިކް މަންޒަރެއް ހިމެނޭ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެ އެވެ. މިއީ ރާޖްޕޫތު ކަރްނިކް ސޭނާ ކިޔާ ޖަމާއަތާއި އެ ނޫން ވެސް ހިންދޫންގެ ބައެއް ޖަމާއަތްތަކުން ފިލްމާ އެހާ ދެކޮޅުހަދާ ސަބަބެވެ. ފިލްމު މުޅިން މަނާކުރަން އެމީހުން އަންނަނީ ޑިމާންޑް ކުރަމުންނެވެ.

މި ފިލްމުގެ ޝޫޓިން ފެށިތަނާ ކުރީކޮޅު ފިލްމު ސެޓަށް ގަދަކަމުން ވަދެގަނެ އެތާ ހުރި އެއްޗިއްސަށް ގެއްލުންދީ ޑައިރެކްޓަރަށް ހަމަލާ ދިން މީހުން މިދިޔަ ހަފުތާގައި ވަނީ ފިލްމު އަޅުވައިފި ނަމަ ސިނަމާތަކަށް ގެއްލުންދޭނެ ކަމަށާއި ދީޕިކާގެ ނޭފަތް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުތައް ދީފަ އެވެ. މި ގްރޫޕްތަކުން ދަނީ އިންޑިޔާގެ ރާޖަސްތާނާއި އުއްތަރު ޕްރަދޭޝް އަދި ހަރިޔާނާ ސްޓޭޓްގައި ވެސް ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. އަދި ބާންސާލީގެ ސޫރަ ގޮތަށް ހަދާފައިވާ ބުދަތައް ވެސް މި މުޒާހަރާތަކުގައި އަންދާފައިވެ އެވެ.

ރާޖަސްތާން ޗީފް މިނިސްޓަރު ވަސުންދުރަ ރާޖޭ ވިދާޅުވީ މައްސަލަ ޖައްސާ ހިންދޫން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ބަދަލުކޮށްގެން ނޫނީ ފިލްމު އަޅުވައިގެން ނުވާނެ ކަމަށެވެ.

އިންޑިޔާގައި މިހާރު ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ރީޖަނަލް ލީޑަރަކު ވަނީ ޑައިރެކްޓަރު ބާންސާލީ އަދި ދީޕިކާގެ ބޯ ކަނޑާލައިގެން ގެނެސްދިން ފަރާތަކަށް 1.5 މިލިއަން ޑޮލަރު ދޭނެކަން އިއުލާން ކޮށްފަ އެވެ.

ރާޖަސްތާނުގެ ޝާހީ ޚާންދާނުގެ ބައެއް މީހުން ވެސް ވަނީ ފިލްމު ރިލީޒްކުރުން ކެންސަލް ކުރަން އެދިފަ އެވެ. އެމީހުންގެ ފަރާތުން ވާހަކަ ދެއްކި މެހެންދުރަ ސިންގް ބުނި ގޮތުގައި ފިލްމު އުފެއްދުމުގެ ނަމުގައި އެމީހުން ނުހަނު ލޯތްބާއި އިހްތިރާމްކުރާ ރާނީއެއް ކަސްބީއެއްގެ ގޮތުގައި ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފިލްމު ޑައިރެކްޓަރަކާއި ބަތަލާއަކަށް ފާޅުގައި މަރުގެ އިންޒާރުދީ އެމީހުން މަރާލައި ބޯ ކަނޑާލި މީހަކަށް ބޮޑެތި އަގުތައް ހުށަހަޅަމުންދާތީ ފިލްމު އިންޑަސްޓްރީގެ މީހުންނާއި އެނޫންވެސް ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފަ އެވެ.

އަލީގަޅް މުސްލިމް ޔުނިވަސިޓީގެ ހިސްޓޯރިއަން އިރްފާން ހަބީބް ވިދާޅުވީ ޕަދްމާވަތީ އަކީ ތާރީޚީ ޝަޚްސިއްޔަތެއް ނޫންކަމަށާއި ހިޔާލީ ކެރެކްޓާއެއް ކަމަށެވެ.

ކްރިޝް އަޝޯކް ކިޔާ ތާރީޚީ އިލްމުވެރިއަކު ބުނީ މި ފިލްމާ ދެކޮޅު ވާހަކަތަކަށް މީޑިއާ އިން އެހާ ބޮޑު ސަމާލުކަމެއް ދޭތީ މައްސަލަ އިތުރަށް ގޯސްވާ ކަމަށެވެ.

ފިލްމާ ދެކޮޅު ހަޅުތާލުތައް އިންތިހާއަށް ދިއުމުން ފިލްމުގެ ޕްރޮޑިއުސަރު ކަމަށްވާ ވައަކޮމް އިން ވަނީ ފިލްމު ރިލީޒްކުރުން ވަކި މުއްދަތެއް ނެތް ގޮތެއްގައި ފަސްކޮށްފިކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް ފިލްމު ފަސްކުރުމަކީ ޑައިރެކްޓަރު ބާންސާލީ އެއްގޮތަކަށް ވެސް ބޭނުންވި ކަމެއް ނޫނެވެ.

ފިލްމު ފަސްކުރުމަކީ "ޕަދްމާވަތީ"ގެ މުޅި ޓީމު ވެސް ވަރަށް ދެރަވި ކަމެކެވެ.

ނަމަވެސް ހިތްހަމަނުޖެހިގެން އުޅޭ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭނެ ކަމަށް ބުނެ ބާންސާލީ ތަކުރާރުކޮށް އޮޅުންފިލުވައިދޭން މަސައްކަތް ކުރި ނަމަވެސް މުޒާހަރާތައް އިތުރަށް ހޫނުވަމުން ދިއުމަކީ ވައަކަމް އިން ވަރަށް ކަންބޮޑުވި ކަމެކެވެ.

ބާންސާލީގެ ވާހަކަ، މުޒާހަރާ ކުރާ މީހުން ގަބޫލުނުކުރުމުން އެމީހުން ދެން ގަސްތުކުރީ އިންޑިއާގެ މަޝްހޫރު ދެ ޓެލެވިޒަން ޖާނަލިސްޓުން ކަމަށްވާ އަރްނަބް ގޯސްވާމީ އާއި ރަޖަތު ޝަރުމާ އަށް ފިލްމު ދައްކާށެވެ. އަދި މުޒާހަރާކުރާ މީހުން ހިތްހަމަނުޖެހޭ އެއްވެސް މަންޒަރެއް ފިލްމެއްގައި ނެތް ކަމަށް އެމީހުން ލައްވާ ޓީވީތަކުގައި ދައްކުވާށެވެ. ނަމަވެސް މިކަންތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާގޮތްވީ އެވެ.

އެއީ ފިލްމު ސެންސަރު ބޯޑުން ފާސް ނުކުރަނީސް އެހެން ބަޔަކަށް ދައްކައިގެން ސެންސަރު ބޯޑުގެ ޗެއާމަން ޕްރަސޫން ޖޯޝީ މައްސަލަ ޖެއްސީ އެވެ. އެ ހިސާބުން ފިިލްމް ސެންސަރު ކުރުމަށް ވެސް ދަތިތަކާ ކުރިމަތިވި އެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރުމުން ބޮލީވުޑް ގިނަ ބަޔަކު ވަނީ ރުޅިއައިސްފަ އެވެ. ފިލްމުތަކާ ދެކޮޅަށް މުޒާހަރާކޮށް ބިރުދައްކައިގެން ފިލްމުތައް ހުއްޓުވުމުގެ އާ ކަންތައްގަނޑެއް ފެށިފައިވާ ކަމަށާއި މުޒާހަރާކުރާ މީހުން ބުނާހާ ގޮތެއް ހެދުމަކީ އިތުރަށް މި މައްސަލަ ގޯސްވެގެން ދާނެކަމެއް ކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިހާރު ބެލެވޭ ގޮތުން "ޕަދްމާވަތީ" އެންމެ އަަވަހަށް ވެސް ރިލީޒް ކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.