އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟
އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟

އެސްޓީއޯ މާލޭ ލީގުގެ ވަކި ހިސާބަކުން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވަކިކުރުމަށް ފަހު ނިއު ރޭޑިއަންޓުގެ ކޯޗަކަށް ސްޕެއިނުގެ އޮސްކާ ބްރުޒޮން ގެނަޔަސް ގިނަ ބަޔަކު އޭނާއާ މެދު މާބޮޑު އުއްމީދެއް ނުކުރެ އެވެ. މިދިޔަ ތިން ވަރަކަށް އަހަރުގެ ތެރޭގައި ނިއު އިން އެތައް ފަހަރެއްގެ މަތިން ކޯޗުން ބަދަލުކޮށްފައިވާތީ އެވެ. އެކަމަކު އޮސްކާއާ އެކު ނިއު ފެންނަން ފެށީ ތަފާތުކޮށެވެ. އޭނާ ނަތީޖާ ނެރެ ހަމައެކަނި ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނީއެއް ނޫނެވެ. ނިއުގެ ކުޅުމުގެ ސްޓައިލް ވެސް ބަދަލުކުރީ އެވެ.

އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟
އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟

އޮސްކާގެ ކުރިމަތީގައި ދެން އޮތީ ހަގީގީ އިމްތިހާނެވެ. އެއީ އަންނަ އަހަރުގެ އޭއެފްސީ ކަޕެވެ. އެ މުބާރާތުގައި ކާމިޔާބު ހޯދުމަކީ ނިއުގެ އާ މެނޭޖްމަންޓުގެ ޓާގެޓަކަށް ވެސް ވެފައިވާއިރު އޮސްކާ ވެސް ވަނީ ސަރަހައްދީ ބާރަކަށް ނިއު ހަދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟
އޮސްކާއާ އެކު ނިއު އޭއެފްސީ ކަޕަށް: ތަފާތު ދެއްކިދާނެތަ؟

އޭއެފްސީ ކަޕަށް ބަލާއިރު މި ސަރަހައްދުން މިހާރުގެ ބާރަކީ އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކުޅެމުން އަންނަ ބެންގަލޫރުން ވަނީ މިދިޔަ އަހަރު ފައިނަލުގައި ކުޅެ، ނިއު އިން ހާސިލްކޮށްފައިވާ މުބާރާތުގައި އެންމެ ކާމިޔާބު ދެކުނު އޭޝިއާ ޓީމުގެ ޝަރަފް އަތުލައިފަ އެވެ. މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ މާޒިޔާ އަށް ވެސް ގްރޫޕް ސްޓޭޖުގައި ހުރަސް އެޅީ ބެންގަލޫރުންނެވެ.

އެހެންވެ އޭއެފްސީ ކަޕުގައި ނިއު އަށް ވެސް އެންމެ ބޮޑު ވާދަވެރިއަކަށް ބެންގަލޫރު ނުވަތަ އިންޑިއާ ޓީމެއް ވާނެ ކަމަށް ބެލެވޭއިރު، އޮސްކާ އަކީ އިންޑިއާ ފުޓްބޯޅައިގައި ތަޖުރިބާހުރި ކޯޗަކަށް ވުމަކީ އޮތް އެޑްވާންޓޭޖެކެވެ.

އުމުރުން 40 އަހަރުގެ ބްރުޒޮން ކޯޗިން ކެރިއަރު ފެށީ ސްޕެނިޝް ލީގުގެ ސެލްޓާ ޑި ވީގޯގެ ޔޫތު ޓީމު ކޯޗުގެ ގޮތުގަ އެވެ. އެގޮތުން އެ ޓީމުގައި 2009 އިން 2011 އަށް މަސައްކަތްކުރުމަށް ފަހު 2011 އިން 2013 އަށް މަސައްކަތްކުރީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ.

އޮސްކާ ސީނިއާ ކޯޗިން ކެރިއަރު ފެށީ ވެސް 2012 ވަނަ އަހަރު އިންޑިއާ އިންނެވެ. އެގޮތުން ސްޕޯޓިން ކްލަބް ޑި ގޯއާއާ ހަވާލުވިއިރު އެއީ ރެލިގޭޝަނުގައި އޮތް ޓީމެކެވެ. އެކަމަކު އެ އަހަރު އެ ޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދީ ޖެހިގެން އައި އަހަރު އެ ޓީމު ތަށްޓަށް ވާދަކުރާ ޓީމަކަށް ބަދަލުކުރި އެވެ. އަދި ފެޑެރޭޝަން ކަޕުގެ ފައިނަލަށް ގެންގޮސްދިނެވެ.

އޭނާ އެ ޓީމުގައި އިތުރު އަހަރުތަކެއް މަޑުކުރި ނަމަ ބޮޑު ކާމިޔާބީތަކެއް ހޯދީސް ކަމަށް އިންޑިއާ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އެކަމަކު އޭނާ ވަނީ އެ ކްލަބް ދޫކޮށް 2015 ވަނަ އަހަރު އިންޑިއަން ސުޕަ ލީގުގެ މުމްބާއީ އެފްސީ އަށް ބަދަލުވެފަ އެވެ. އެ ޓީމުގައި އޭނާ މަސައްކަތްކުރީ ކޯޗު، ފްރާންސުގެ ކުރީގެ ފޯވާޑް ނިކްލަސް އަނެލްކާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު ހަގީގަތުގައި ކޯޗުގެ ޒިންމާ ވެސް ނެގީ އޭނާ ކަމަށް އޭރު ވާހަކަދެކެވުނެވެ. އޭނާ އެ ޓީމު ދޫކޮށްލީ، އަނެލްކާގެ މައްސަލަ ބޮޑުވުމުން ކަމަށް ވެސް ވާހަކަދެކެވިފައިވެ އެވެ.

އޭނާ މިދިޔަ ސީޒަނުގައި ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަންކުރިއިރު މި އަހަރުގެ އައި ލީގުގެ ފަހު ހަ މެޗުގައި މުމްބާއީ ސިޓީ އަށް ކޯޗުކޮށްދިނެވެ. އެ ޓީމުން އޭނާ އަލުން ގެނައީ ޓީމު ދަށް ހާލަތަކަށް ވެއްޓުމުން ސަލާމަތްކުރުމަށެވެ.

އިންޑިއާގެ ފުޓްބޯޅަ ދިރާސާކުރާ މަޝްހޫރު ނޫސްވެރިއާ ނޯވީ ކަޕާޑިއާ ބުނި ގޮތުގައި އޮސްކާ އަކީ އޭޝިއާގެ ފުޓްބޯޅަ އެނގޭ ކޯޗެއް ކަމަށާއި އޭނާގެ އިންޑިއާގެ ތަޖުރިބާ އަށް ބަލާއިރު އޭނާ ނިއުގެ ތާރީހު ބަދަލުކޮށްލާނެ ކަމަށެވެ.

"އޮސްކާ އަކީ ވަރަށް މޮޅު ކޯޗެއް. ވަރަށް ޕްރޮފެޝަނަލް ކޯޗެއް އޭނާ އަކީ. އޭނާ ނިއުގެ ފުޓްބޯޅަ ބަދަލުކޮށްލާނެ. ސްޕެނިޝް ފުޓްބޯޅައިގެ ރަހަ އޭނާ ގެންނާނެ،" ކަޕާޑިއާ ބުންޏެވެ.
ކަޕާޑިއާ ބުނި ގޮތުގައި ޔޫރަޕުގެ ބައެއް ކޯޗުން ދެކުނު އޭޝިއާ އަށް އަންނައިރު އަންނަނީ މި ސަހަރައްދުގެ ފުޓްބޯޅަ ވަރަށް ދަށް ކަމަށް ދެކިގެން ކަމަށެވެ. އެކަމަކު އޮސްކާ އަކީ އެ ވިސްނުމާ މުޅިން ތަފާތު ކޯޗެއް ކަމަށް އޭނާ ބުންޏެވެ.

"އޭނާ އެ ހުންނަ ކޮންމެ ގައުމެއްގައި ތަފާތު ދައްކާނެ. ހާއްސަކޮށް އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ޓްރެއިނިންދީ އެ ކުޅުންތެރިން ކުރިއަރުވަން ވަރަށް މޮޅު ކޯޗެއް. އޭނާ އަށް އޭޝިއާގެ ފުޓްބޯޅަ ވަރަށް ބޮޑަށް އެނގޭނެ،" ކަޕާޑިއާ ބުންޏެވެ. "ގޯއާގައި އޭނާ މަޑުކުރި ނަމަ އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދީސް. އެކަމަކު އޭރު އޭނާ އިހުތިޔާރުކުރީ ވަރުގަދަ ލީގެއް. އޭނާއާ ނިއު ރޭޑިއަންޓުން ތަފާތު ދައްކާނެ."

ނިއުގެ ގިނަ ކުޅުންތެރިން ވެސް ވަނީ އޮސްކާ އަށް ތައުރީފްކޮށްފަ އެވެ. އެ ޓީމުގެ ތަޖުރިބާކާރި މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީ ބުނެފައިވާ ގޮތުގައި އޮސްކާ އަކީ ބޮޑު ސްކޮޑެއްގެ ތެރެއިން ވެސް ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އެނގޭ ކޯޗެއް ކަމަށެވެ. ފުރަތަމަ ދުވަސްކޮޅު އޭނާގެ ގޭމަށް ނިއު ނުހޭނުނަސް މެޗަކަށް ފަހު މެޗެއްގައި ތަފާތު ފެނުނު ކަމަށާއި ނިއު އިން ލީގު ކާމިޔާބުކުރުމުގެ ސިއްރަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

ނިއުގެ މެނޭޖްމަންޓުން ވެސް ވަނީ އޮސްކާ އަށް އިތުބާރުކޮށް، ލީގު ކާމިޔާބުނުކުރެވެނީސް އޭނާގެ ކޮންޓްރެކްޓް ވެސް އާކޮށްފަ އެވެ.

އޮސްކާއާ އެކު ނިއު އިން ފެނުނު އެންމެ ބޮޑު އެއް ބަދަލަކީ ފޯމް ކަޓާފައި ހުރި އަލީ ފާސިރު (ސެންޓޭ) ގެ ކުޅުން ބަދަލުކޮށްލުމެވެ. މީގެ އިތުރުން ވެސް ނިއުގެ އެޓޭކިން ކުޅުންތެރިންގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފި އެވެ. ޖުމްލަ ގޮތެއްގައި އޮސްކާ އަކީ ގިނަ ޕާސްތަކެއް ޖަހުވައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުވާ ކޯޗެކެވެ. އެހެންވެ ޓީމުގެ ބެލެންސް ރަނގަޅެވެ. ނިއު އިން ލީގު ނެގިއިރު، ލަނޑުތައް ޖަހަމުން ދިޔައިރު ޖުމްލަކޮށް ޑިފެންސް ވެސް ފެނުނީ ވަރުގަދަކޮށެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތްތަކަށް ނުކުންނައިރު ލިބޭނެ އެޑްވާންޓޭޖެކެވެ.

ނިއުއާ ހަވާލުވުމަށް ފަހު އޮސްކާ ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ޓީމު ގެންނަން ބޭނުންވަނީ ހަ ހަފްތާ ކަމަށެވެ. އެ މުއްދަތު ހަމަވިއިރު ކުރިން ބުނިގޮތަށް އޭނާ ވަނީ އެ ޓީމަށް ތަފާތު ގެނުވައިފަ އެވެ. އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ކޯޗުން ވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ތިނަދޫގެ ކޯޗު އަދި ނިއުއާ އަބަދުވެސް ވާދަވެރިކަމެއް އޮންނަ އަލީ ސުޒޭން ވަނީ އޮސްކާ އަށް ތައުރީފް ކޮށްފަ އެވެ.

"ނިއު ރޭޑިއަންޓުގައި ހުރި ތަފާތަކީ އެ ޓީމުގައި ހުރި ކޯޗުގެ (އޮސްކާ)ގެ އެބަހުރި ސްޕެނިޝް ބްލެންޑެއް (ވައްޓަފާޅިއެއް). ވަރަށް ރަނގަޅު ޕާސްތަކެއް ޖަހައިގެން ވަރަށް ރީތިކޮށް ކުޅޭ،" ސުޒޭން ބުންޏެވެ.