23 ނޮވެމްބަރ 2017 - 06:59

އުމުރުން 78 އަހަރަށް ވުރެ ހަގު މީހުންގެ ތެރެއިން ހިނގަން އުނދަގުވާ މީހުންގެ ހިތުގެ މައްސަލަޔަކާ އެކަމާ ގުޅުމެއް ހުރެދާނެ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. ސްވިޑްންގެ ސްޓޮކްހޯމްގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ ސައިންސްވެރިން ބަލާފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް މީހުންނަށް ހެލިފެލިވެ އުޅެން ދަތިވާ ސަބަބެވެ.
މި ހޯދުމުގައި ސައިންސްވެރިން ބައިވެރިކޮށްފައި ވަނީ ސްޓޮކްހޯމްގައި ދިރިއުޅޭ އުމުރުން 60 އަހަރު ނުވަތަ އެއަށް ވުރެ ދުވަސްވީ މީހުންގެ ތެރެއިން ހިތުގެ އެއްވެސް ބައްޔެއް ނެތް މީހުންނެވެ. މި ދިރާސާ ފެށިއިރު ބައިވެރިންގެ ތެރެއިން އެއްވެސް މީހަކީ ހަލުވިކޮށް ހިނގުމަށާއި ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް ނުވަތަ ގޮނޑިއެއްގައި ހިފަހައްޓައިގެން ހުރެ ކުރާ ކަސްރަތުތައް ކުރުމަށް އެއްވެސް ދަތިކަމެއް ހުރި މީހުންނެއް ނޫނެވެ. މި ކަންތައްތަކަކީ ހިނގަނިކޮށް ވެއްޓިދާނެކަމުގެ ނުރައްކާ އޮތް މިންވަރު ބަލަން ބޭނުންކުރާ މިންގަނޑެކެވެ.
މި ހޯދުމުގައި ސައިންސްވެރިން އިތުރަށް ބެލި ކަންތައްތަކުގެ ތެރޭގައި ދިރާސާގެ ބައިވެރިިން ހަރަކާތްތެރިވެ އުޅޭ މިންވަރާއި ބަނގުރާ ބޮއެ އުޅޭތޯ އަދި ބީއެމްއައި ހުރި ވަރު ބަލާފައިވެ އެވެ. އަދި ކަންކަމާ ވިސްނައި ނިންމުންތައް ނިންމުމުގެ ކުޅަދާނަކަން މި މީހުންގެ ހުރި ވަރު ވެސް ނޯޓް ކުރަމުން ގެންދިޔަ އެވެ.
ބައިވެރިންގެ ލޭގައި ސީ-ރިއެކްޓިވް ޕްރޮޓީން (ސީއާރުޕީ) ހުރި ވަރު ވެސް ޓެސްޓް ކުރި އެވެ. ސީއާރުޕީ ލެވެލް މަތިވުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވެފައިވާ ކަމުގެ އަލާމާތެކެވެ. އުމުރުން ދުވަސްވީ މީހުންނަށް މިއީ ވަރަށް ސީރިއަސް މައްސަލަ އެކެެވެ.
މި ހޯދުން ހޯދި ސައިންސްވެރިންނަށް ވަރަށް މުހިއްމު ހަތަރު ކަމެއް ފާހަގަކުރެވުނެވެ.
1. ހިތުގެ މައްސަލަތައް ޖެހިދާނެކަމުގެ ނުރައްކާ އިތުރުވަމުންދާ ވަރަކަށް އެ މީހެއްގެ ހިނގުމުގެ ސްޕީޑް ދަށްވެ އެވެ.
2. ހިތުގެ މައްސަލަތަކުގެ ނުރައްކާތައް އިތުރުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅެން ދަތިވަނީ އުމުރުން 78 އަހަރަށް ވުރެ ހަގު މީހުންނަށެވެ.
3. ހިނގާބިނގާވެ އުޅުމުގައި ދަތިވުމާއި ހިތުގެ މައްސަލަތަކާ ގުޅުން އޮތް ނަމަވެސް އެމީހެއްގެ ވިސްނުމާއި ފިކުރުކުރުން އަދި ވަކި ގޮތަކަށް ކަންކަން ނިންމުުމުގެ ކުޅަދާނަކަމަށް ވަކި ބަދަލެއް ނާދެ އެވެ. އަދި ބެލެންސް ކުރުމުގައި މައްސަލަތައް ދިމާވުމާއި ގޮނޑިއެއްގައި ހިފަހައްޓައިގެން ހުރެ ކަސްރަތުކުރުމުގެ ގާބިލްކަން ހުރުމާއި ނެތުން އެއީ ހިތުގެ ބަލިތަކުގެ ނުރައްކާ އޮތުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ.
4. ހިނގާބިނގާވެ އުޅެން ދަތިވުމާއި ހިތުގެ މައްސަލަތައް ޖެހުމާއި ގުޅެނީ އާންމުކޮށް ހިނގާ ބިނގާވެ ދުންފަތުގެ އިސްތިއުމާލުކުރުން، ހަކުރުބަލި ޖެހިފައިވުން، ފަލަބަލި ނުވަތަ ހެލިފެލިވެ އުޅުން މަދުވުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށް ވާތީ އެވެ.
ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދައިގެން ހިތުގެ މައްސަލަތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްފި ނަމަ ޒުވާން އިރު ހުރި ގޮތަށް ހިނގާބިނގާވެ އުޅެލަން މާ ދައްޗެއް ނުވާނެ އެވެ.