22 ނޮވެމްބަރ 2017 - 11:59

ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާ އެކު އަތޮޅު ކައުންސިލްގެ މެމްބަރުން އެ އަތޮޅު އަތޮޅުގޭގައި ރޭ ބައްދަލުވުމެއް ބޭއްވުމުން، އެ ތަން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ކުއްލި ގޮތަކަށް އަތޮޅުގެއާ ފުލުހުން ހަވާލުވީ ހޯމް މިނިސްޓްރީން އަންގައިގެން ކަމަށެވެ. މައްސަލައަކަށް ވީ، އެ ތަނުގައި ސައުދާ އެކު ބައްދަލުުވުމެއް ބޭއްވުން ކަމަށާއި އެއީ އަތޮޅުގޭގައި ސިޔާސީ ހަރަކާތްތައް ހިންގުން ކަމަށް ތުހުމަތުކޮށް ހޯމް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުންނެވެ.
"ސައުދުﷲ އެދިވަޑައިގަތީ މުހިއްމު މަޝްވަރާތަކެއް ކުރަން ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި. ކައުންސިލްގެ އިދާރާ ތަޅުލާފައި ހުރީމަ ރޭ ނުހުޅުވަންވެގެން އަތޮޅުގޭގެ ސިޓިންރޫމުގައި ކައުންސިލަރުން އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ،" ނާސިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަތޮޅުގެ ފުލުހުންނާ ހަވާލުކުރަން ސިޓީ ފޮނުވީ އެ ބައްދަލުވުން އަތޮޅުގޭގައި ހިނގަމުން ދަނިކޮށެވެ. ބައްދަލުވުން ނިމުނު އިރު، ފުލުހުން އަތޮޅުގޭގެ ބޭރުގައި ތިބި ކަމަށާއި ފުލުހުން އެދިގެން ޕޮލިހަށް ހާޒިރުވުމުން ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ސޮއި ކުރައްވައި ފޮނުއްވާފައިވާ ސިޓީ ފުލުހުން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސިޓީގައި އޮތީ ފުލުހުން އަތޮޅުގެއާ ހަވާލުވުމަށް. އަޅުގަނޑު ދެންނެވީ ކައުންސިލަށް ސިޓީ ނުލިބޭތީވެ ރޭ ވަގުތުން ވަގުތަށް ހަވާލު ނުކުރެވޭނެ ކަމަށް. މިއަދު ހެނދުނު ކައުންސިލް އިދާރާ ހުޅުވި އިރު އަޅުގަނޑުމެންނަށް ސިޓީ ފޮނުވާފައި އޮތީ، އެހެންވެ އަތޮޅުގެ ފުލުހުންނާ ހަވާލުކޮށްފިން،" ނާސިހް ވިދާޅުވި އެވެ.
އާއްމުކޮށް، އަތޮޅުގެތައް ބަލަހައްޓަނީ އަތޮޅު ކައުންސިލްތަކުންނެވެ.
ގދ. އަތޮޅު އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މާދަމާ ރޭ އިދިކޮޅު ޕާޓީތަކުން އެ ރަށުގައި ޖަލްސާއެއް ބާއްވަން އޮތީ ނިންމައިފަ އެވެ. ރައީސް އަބްދުﷲ ޔާމީން ތިނަދު އަށް ކޮށްދެއްވި ކަންކަމުގެ އަގު ވަޒަންކުރާ ނަމަ އެއްވެސް ރައްޔިތަކު އެ ޖަލްސާގައި ބައިވެރިނުވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ރޭ ވަނީ ގޮވާލައްވައިފަ އެވެ.