23 ނޮވެމްބަރ 2017 - 06:57

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ"ގެ އެންމެ ފަހުން ރިލީޒްވި ލަވަ "ސްވޭގް ސޭ ސްވާގަތު"ގެ ޓްރެކް އަކީ ވަރަށް ބުރަ މަސައްކަތުން ނުވަ މަސް ދުވަހުން ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށް ކޮމްޕޯސާ-ޕްރޮޑިއުސަރު މެގްދީޕު ބޯސް ބުނެފި އެވެ.
"ޓައިގާ ޒިންދާ ހޭ"ގެ މިއުޒިކް ޑައިރެކްޓަރުންނަކީ ވިޝާލް-ޝޭކަރް އެވެ. މެގްދީޕު ބުނީ އޭނާގެ ދެ ލަވައެއް މި އަލްބަމްގައި ހިމެނޭ ކަމަށާއި އެ ފަަދަ ފުރުސަތެއް ދިނީތީ ވިޝާލް-ޝޭކަރް އަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
"ސްވޭގް ސޭ ސްވާގަތު" ރިލީޒްވުމާ އެކު ވަރަށް ގިނަ ބަޔަކަށް މި ލަވަ ވަނީ ކަމުގޮސްފަ އެވެ. މިއީ އަހަރުގެ އެންމެ މޮޅު ލަވަ ކަމަށް ވެސް ބައެއް މީހުން ސިފަ ކުރެ އެވެ. މެގްދީޕު ބުނީ އޭނާއަށް އަކީ ފިލްމީ ލަވަތައް އުފެއްދުމުގެ ގާބިލްކަމެއް ނެތް މީހެއް ކަމަށް ކުރިން ގިނަ ބަޔަކު ހީކުރިޔަސް މި ލަަވަތައް ކާމިޔާބުވުމުން އެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.
މެގްދީޕް މީގެ ކުރިން ވަނީ "އޭ ދިލް ހެ މުޝްކިލް" އާއި "ގާބިލް"، "ބޭފިކްރޭ"، "ދަންގަލް"، "ޓީން"، ޖެއި ގަންގާޖަލް"ފަދަ ފިލްމުތަކުގެ ބައެއް ލަވަ ވެސް ތައްޔާރުކޮށްދީފަ އެވެ.
ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އަކީ ސްޕައި ތުރިލާ "އޭކް ތާ ޓައިގާ"ގެ ސީކުއަލް އެކެވެ. "ސްވޭގް ސޭ ސްވާގަތު" ޝޫޓް ކޮށްފައި ވަނީ ގްރީސްގަ އެވެ.
މި ލަވައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން "ޓައިގާ ޒިންދާ ހޭ"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނީ މިއީ ވަރަށް މަޖާ އަދި ސްޓައިލިޝް ލަވައެއް ކަމަށެވެ. މި ލަވައިގައި ނަށާފައިވާ ނެށުންތެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނެސްފައި ތިބި ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ލަވައިގައި ސަލްމާނާއި ކެޓުރީނާގެ ނެށުމުގެ ހަރަކާތްތައް ވެސް ވަރަށް މޮޅަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
"ޓައިގާ ޒިންދާ ހޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.