ގެއްލުނު ސަބްމެރިނުން އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ބޮޑުވެއްޖެ
ގެއްލުނު ސަބްމެރިނުން އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

ބިއުނަސް އޭރީޒް (ނޮވެމްބަރު 22) - ސައުތު އެތުލާންޓިކަށް މިދިޔަ ބުދަ ދުވަހު ގެއްލުނު އާޖެންޓީނާގެ ސަބްމެރިނުން އޮކްސިޖަން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ސަބްމެރިން ގެއްލުނު އިރު އޭގައި 44 ފަޅުވެރިން ތިއްބެވެ. އަރާ ސެން ހުއާން ސަބްމެރިންނާ މުވާސަލާތީ ގުޅުން ކެނޑުމުގެ ކުރިން ސަބްމެރިން އިން މެކޭނިކަލް މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާން އެންރީކް ބަލްބީ ވިދާޅުވީ ސަބްމެރިން ފެންނަންދެން ސަބްމެރިން ހޯދުމުގެ ބޮޑު އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އިއްޔެ އިން ފެށިގެން ވަނީ މޫސުން ރަނގަޅުވާން ފަށައިފަ އެވެ. މޫސުން ގޯސްވި އިރު ހަ މީޓަރު (19.6 ފޫޓު) ގެ ރާޅު ހުއްޓެވެ. އެހެންވެ ސާޗް ވެހިކަލްތަކަށް ވަނީ ދަތިވެފަ އެވެ. ބަލްބީ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަބްމެރިން ގެއްލުނުތާ ހަ ދުވަސްވެފައިވާ އިރު އެއިން އޮކްސިޖަން ހުސްވެދާނެތީ ކަމަށެވެ.

ކުރިން ލިބުނު ސިގްނަލަކީ ސަބްމެރިން އިން ލިބުނު ސިގްނަލް ނޫން ކަމަށް އާޖެންޓީނާ އިން ވަނީ ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.

ސަބްމެރިން ގެއްލުނީ އާޖެންޓީނާގެ އައްސޭރިން 430 ކިލޯ މީޓަރު (270 މޭލު) ބޭރުންނެވެ.

ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.