ލުކާކޫ 450 ޑޮލަރު ޕޮލިހަށް ދައްކަން ޖެހިއްޖެ
ލުކާކޫ 450 ޑޮލަރު ޕޮލިހަށް ދައްކަން ޖެހިއްޖެ

ލޮސް އެންޖެލެސް (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެމެރިކާގެ ލޮސް އެންޖެލްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު މާ އަޑުގަދަކޮށް ޕާޓީކުރުމުން އޭނާ މައްޗަށް އުފުލާފައިވާ ދައުވާގައި ޖޫރިމަނާގެ ގޮތުގައި 450 ޑޮލަރު ދައްކަން ޖެހިއްޖެ އެވެ.

މިދިޔަ ޖުލައި މަހު ދެ ވަނަ ދުވަހު ލުކާކޫ ހިފައިގެން ހުރި ގޭގައި ކުރިއަށްދިޔަ ޕާޓީއެއްގެ ތެރެއިން ބެވަލީ ހިލްސްގެ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ލުކާކޫ ވެސް ހިމެނެ އެވެ. އެކަމަކު އާދައިގެ ކުށްތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، ކޯޓަށް ހާޒިރުވާން އެންގުމަށް ފަހު އޭނާ ވަނީ ވަގުތުން ދޫކޮށްލައިފަ އެވެ.

ލޮސް އެންޖެލްސްގެ އެއާޕޯޓް ކޯޓްހައުސް އިން ފުރަތަމަ އަޑުއެހުމުގައި އަންގާފައިވަނީ ޕޮލިހުންނަށް ބަދަލެއްގެ ގޮތުގައި 450 ޑޮލަރު ދެއްކުމަށެވެ. އާންމު ގޮތެއްގައި މި ކަހަލަ ކުށްތަކުގައި އެންމެ ގިނަ ވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނައިރު، އަޑުގަދަކޮށް މީހުންނަށް އުނދަގޫ ވާގޮތަށް އުޅުމުގެ ސަބަބުން ދޭން ޖެހޭ 100 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ވެސް ލުކާކޫ އަށް އަންގާނެ އެވެ.

މީގެ އިތުރުން ވެސް އަންނަ މަހު 18 ވަނަ ދުވަހު އޮންނަ މި މައްސަލައިގެ އަނެއް އަޑު އެހުމުގައި ލުކާކޫ އަށް އިތުރު އަދަބެއް އައުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާ ނޫސްތަކުން ބުނެ އެވެ.

އުމުރުން 24 އަހަރުގެ ލުކާކޫ މި ސީޒަން ފެށުމުގެ ކުރިން އެވަޓަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ 75 މިލިއަން ޕައުންޑަށެވެ. ލުކާކޫ ޔުނައިޓެޑުގައި ހުރީ ހަފްތާ އަކު 250،000 ޕައުންޑުގެ މުސާރައެއްގަ އެވެ.

ޔުނައިޓެޑާ އެކު މިރޭ ޗެމްޕިއަންސް ލީގުގައި ލުކާކޫ ނުކުންނާނީ ބަސެލްއާ ދެކޮޅަށެވެ. ސްވިޒަލެންޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.