ރޮނާލްޑޯ ރެކޯޑް ހެދިއިރު މެޑްރިޑް ދެ ވަނަ ބުރަށް
ރޮނާލްޑޯ ރެކޯޑް ހެދިއިރު މެޑްރިޑް ދެ ވަނަ ބުރަށް

ނިކޮސިއާ، ސައިޕްރަސް (ނޮވެމްބަރު 22) – ކްރިސްޓިއާނޯ ރޮނާލްޑޯ ގާއިމްކުރި ރެކޯޑާ އެކު ސައިޕްރަސްގެ އެޕޮއެލް ނިކޮސިއާ އަތުން 6-0 އިން މޮޅުވެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މެޑްރިޑް އަނެއް ބުރަށް ދިޔައީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމު ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި 13 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މީގެ ކުރިން ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެ ޓީމު ވަނީ ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި އެޕޮއެލް ކޮޅަށް ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި މި އަހަރު ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ. މިއީ ކަލަންޑަރު އަހަރެއްގައި މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުންތެރިއަކު އެންމެ ގިނައިން ލަނޑު ޖެހި ފަހަރެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ އިތުރުން ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ވެސް ދެ ލަނޑު ޖެހި އެވެ. މި ދެ ކުޅުންތެރިންނަކީ ލަނޑު ޖެހުމުގެ ފޯމް ދަށްވެ ފާޑުކިއުން އަމާޒުވެފައިވާ ދެ ކުޅުންތެރިންނެވެ. އަނެއް ދެ ލަނޑު ޖެހީ ލޫކާ މޮޑްރިޗާއި ނާޗޯ އެވެ.

އަމިއްލަ ދަނޑުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ޕިއެރޭ އެމެރިކް އޯބަޔަމަންގެ ލަނޑުން ޓޮޓެންހަމް ކޮޅަށް ލީޑު ނަގައިފަ އެވެ. ޓޮޓެންހަމް މޮޅުވީ ހެރީ ކޭން އަދި ހެއުން މިން ސޮން ޖެހި ލަނޑުތަކުންނެވެ.