މަޖީދީ މަގުގެ މަސައްކަތް ދެ ހަފުތާ ތެރޭގައި ނިންމަނީ
މަޖީދީ މަގުގެ މަސައްކަތް ދެ ހަފުތާ ތެރޭގައި ނިންމަނީ

މަޖީދީ މަގު އަލުން ހަދަން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ އެންމެ ފަހު ބައިގެ މަސައްކަތް ފަށައިފި އެވެ.

މި އަހަރު ކުރީކޮޅު ފެށި މަޝްރޫއު ހިންގަނީ މާލޭގެ އެންމެ ބާރު ބޮޑު މަގު ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން މާފަންނު ކޮޅުން ފަށައިގެން، ރޯދަމަހަށް މެދުކަނޑާލި އިރު ގަލޮޅު ސްޓޭޑިއަމްގެ މެދަކާ ހިސާބަށް މަސައްކަތް ނިންމާލި އެވެ.

ރޯދައިިގެ ފަހުން އަނެއްކާ އެ މަސައްކަތް ބާރު ސްޕީޑްގައި ހައުސިން މިނިސްޓްރީން ފެށި އެވެ. އެގޮތުން އެންމެ ފަހު މަސައްކަތެއްގެ ގޮތުން މިހާރު ކުރިއަށް ގެންދަނީ އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޝަވަރުމާ ރެސްޓޯރެންޓުން ފެށިގެން، މަޖީދީ މަގު އިރުމަތީ ކޮޅަށެވެ.

އެނގިފައިވާ ގޮތުގައި މި ބައިގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިމޭނެ އެވެ.

މަޖީދީމަގު އަލުން ހަދަނީ ކުރިން އަތުރާފައި ހުރި ގާތައް ނަގައި އާ ގާ އެތުރުމުގެ އިތުރުން، ފެން ހިންދާ ނިޒާމް ވެސް ބަދަލުކޮށްގެންނެވެ. އަދި ދުވާރު ވެސް ހަދާފައި ވަނީ ކުރިއަށް ވުރެ ތަފާތުކޮށެވެ.

މަޖީދީ މަގަކީ އަލުން ހަދަން ކަނޑައަޅާފައިވާ 13 މަގުގެ ތެރެއިން ފުރަތަމަ މަގެވެ.

މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ.