ޒިމްބާބުވޭ، އާ ލީޑަރެއްގެ އިންތިޒާރުގައި
ޒިމްބާބުވޭ، އާ ލީޑަރެއްގެ އިންތިޒާރުގައި

ހަރާރޭ (ނޮވެމްބަރު 22) - ޒިމްބާބުވޭގެ ރައީސްގެ މަގާމުން ދެން އެއްވެސް ގޮތެއް ނެތިގެން ރޭ އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ލީޑަރަކަށް ރައްޔިތުން އިންތިޒާރު ކުރަން ފަށައިފި އެވެ.

ޒިމްބާބުވޭ، އާ ލީޑަރެއްގެ އިންތިޒާރުގައި
ޒިމްބާބުވޭ، އާ ލީޑަރެއްގެ އިންތިޒާރުގައި

މުގާބޭގެ 37 އަހަރުގެ ވެރިކަން ނިމުމަކަށް އައިކަން އިއުލާން ކުރީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުގައި ކުރަމުން ދަނިކޮށެވެ. ޕާލަމެންޓުގެ ރައީސް އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އުމުރުން 93 އަހަރުގެ މުގާބޭ ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

މުގާބޭގެ އިސްތިއުފާގެ ޚަބަރާ އެކު ގިނަ ބަޔަކު މަގުތަކަށް ނުކުމެ ވަނީ އުފާފާޅު ކުރަން ފަށައިފަ އެވެ.

ޒިމްބާބުވޭގެ ވެރިކަމަށް ގެންނާނެ ކަމަށް ބެލެވެނީ މީގެ ދެ ހަފުތާ ކުރިން ނައިބް ރައީސްގެ މަގާމުން މުގާބޭ ދުރުކުރި އެމާސަން ނަންގަގްވާ އެވެ. މުގާބޭގެ ވެރިކަން ނިމުމަކަށް އައުމަށް މެދުވެރިވި ނަންގަގްވާ މިހާރު ހުންނެވީ ގައުމުން ބޭރުގަ އެވެ.

ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ ޗީފް ވިޕް ލަވްމޯ މަޓުކެއާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ނަންގަގްވާ ވެރިކަމުގައި ހުންނަވާނީ މުގާބޭގެ ރިޔާސީ ދައުރު ނިމެންދެންނެވެ. މިހާރު ޝެޑިއުލް އޮތް ގޮތުން ޒިމްބާބުވޭގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މުގާބޭގެ ވެރިކަން ނިމުމާ އެކު ސިފައިންގެ ވެރިޔާ ޖެނެރަލް ކޮންސްޓަންޓިނޯ ޗިވެންގާ ވަނީ ރައްޔިތުން ހަމަޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

މުގާބޭ ގެންދެވީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ. ނަމަވެސް އޭނާ އަށް ފަހު އަނބިކަނބަލުން ގްރޭސް، 52، އަށް ވެރިކަން ހޯދައިދޭން އެޅުއްވި ފިޔަވަޅުން ވަނީ ވެރިކަމުގެ ބާރުތައް ގެއްލި އެންމެ ފަހުން އިސްތިއުފާ ދެއްވަން ޖެހިފަ އެވެ.