22 ނޮވެމްބަރ 2017 - 11:57

ކުރީގެ ވަރަށް މަގުބޫލް ސިލްސިލާއެއް ކަމަށްވާ "ޕެޓްރިޖް ފެމިލީ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި އެކްޓަރު އަދި ލަވަ ކިޔުންތެރިޔާ ޑޭވިޑް ކެސިޑީ މަރުވެއްޖެ އެވެ.
އުމުރުން 67 އަހަރުގެ އެކްޓަރު މަރުވީ އޭނާގެ ކިޑްނީ ފެއިލްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނިކޮށް އަންގާރަ ދުވަހު އެވެ. ކެސިޑީ ވަނީ ޑިމެންޝިއާ ޖެހިފައިވާކަން ވެސް މީގެ ކުރިން އިއުލާނުކޮށްފަ އެވެ.
ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ވެސް ވަރަށް ޒުވާން އުމުރު "ޓީން އައިޑޮލް" އެއްގެ ލަގަބާ އެކު ވިދާލި ކެސިޑީ ބުނެފައިވާ ގޮތުގައި އޭނާ މަންމަ އާއި ކާފަ ވެސް މަރުވީ ޑިމެންޝިއާ ޖެހިގެންނެވެ.
ކެސިޑީގެ މަރާ ގުޅިގެން އޭނާގެ ތަރުޖަމާން ނެރުނު ބަޔާނުގައި ބުނީ މި ދަނޑިވަޅަކީ މުޅި އާއިލާ އަށް ވެސް ވަރަށް ހިތްދަތި ވަގުތެއް ކަމަށާއި ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ކެސިޑީގެ ފޭނުންގެ ގޮތުގައި ތިބި ހުރިހާ މީހުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ކެސިޑީ މަރުވި އިރު، ދެ ކުދިން ވެސް އެބަ ތިއްބެވެ. އެއީ "އެރޯ" ގެ ބަތަލާ ކެޓީ ކެސިޑީ، 30، އާއި ފިރިހެން ދަރިފުޅު ބިއު ކެސިޑީ، 26، އެވެ.
ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ކުޅެފައިވާ ކެސިޑީގެ އެންމެ ފަހު މަސައްކަތަކީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ފޮގިވެން ދިިސްގަން4ހަޔާ" އެވެ.
ކެސިޑީގެ މިއުޒިކީ ކެރިއަރަށް ބަލާ އިރު އޭނާ ވަނީ 12 ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ. އޭގެ ތެރޭގައި ޗެރިޝް (1972) އަދި ރޮމޭންސް (1985) ފާހަގަކޮށްލެވެ އެވެ.