ރާޤީ
ރާޤީ

(އާދިއްތަ ދުވަހާ ގުޅޭޭ)

ދެން ފެނުނީ ކުޑަވަރެއްގެ ފިރިހެންކުއްޖަކު ވަންތަނެވެ. އޭނަގެ އުމުރުން ސާދަޔަށް ވުރެ މަތި ވާނެހެނެއް ހިޔެއް ނުވެއެވެ. ނިކަން ހަރުކޮށް ހިނގައިލައިފައި އައިސް އަހަރުމެން ތިބި މޭޒު ކައިރިއަށް ހުއްޓުނެވެ.

"ކޯޗެއް ބޭނުމީ؟" އޭނަ ސުވާލުކުރިއެވެ. "ކޮޓަރިއަށްތަ ނޫނީ މި ތަނަށްތަ ގެންނަންވީ؟"

"މި ތަނަށް." އަހަރެން ބުނީމެވެ.

"އޯކޭ! ކޯޗެއް ބޭނުމީ؟" އޭނަ އެހިއެވެ.

"ކޯޗެއް ހުރީ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ.

"ހުންނާނެ ހުރިހާ އެއްޗެއް ވެސް. އޯޑަރު ދޭ އެއްޗެއް ލިބޭނެ." ބަހަށް ދެރަކޮށް ދުލަށް ފަރިތަކޮށް، އިނގެރޭސިބަހުން އެ ކުއްޖާ ބުނެލިއެވެ.

"ތިހެން ބުންޏަކަސް ނޭނގޭނެއްނު ގެންނަންވީ އެއްޗެއް ބުނާކަށް،" އަނެއްކާ ވެސް އަހަރެން ބުނީމެވެ. "ގެނޭ ދެން ކޮންމެވެސް އެއްޗެއް."

"ތިހެން ބުންޏަކަސް ނޭނގޭނެއްނު ގެންނާނެ އެއްޗެއް،" އޭނަ އުޒުރުވެރިވިއެވެ. "އޯޑަރު ދިނީމަ ގެނެވޭނީ."

ކުރިމަތިވީ ވަރުގަދަ ކަމަކާއެވެ. އަހަރެން ހަނދާންކުރީމެވެ. ދެތިން އެއްޗެއް ހަނދާންވިއެވެ.

"ގެނޭ ނާނަކާ، ފަރާޓާއަކާ، ކުކުޅުރިހަޔަކާ އެއްޗެހި،" އަހަރެން ބުނީމެވެ. "އާދައިގެ ބަތްކޮޅެއް ވެސް ގެންނާތި!"

"އާނ އޯކޭ!" ދެއަތަށް ބޯހޫރައިލައިފައި އޭނަ ބުންޏެވެ. "މައްސަލައެއް ނޯންނާނެ."

އައި ބާރުމިނުގައި ހިނގައިލައިފައި އޭނަ ނުކުތެވެ. ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. ކުއްލިއަކަށް އެ ތަނުގައި ހުރި އެހެން ދޮރެއް ހުޅުވުނެވެ. އިވުނު އަޑު ގަދަކަމުން އަހަންނާއި އިނާޔާ ވެސް ސިއްސައިގެންދިޔައެވެ. އެކަމަކު އެ ދޮރަކުން މީހަކު ނުވަދެއެވެ.

"ކިހިނެއް އެ ވީ؟" އިނާޔާ ޖެހިލުންވެފައި ސުވާލުކުރިއެވެ.

"ކިހިނެއްތަ ވީ؟ ދޮރެއް ހުޅުވުނީނު،" ހަމަޖެހިލައިފައި އަހަރެން ބުނީމެވެ. "އެ ކަމާ ވެސް ބިރުގަތީ؟ ސާބަހޭ! ހެސްކިޔާފަ ވައިޖެހޭ ތަނެއްގަ ދޮރެއް ހުޅުވިދާނެތާ! އެ ވަރު ކަމެއްތަ އެއީ؟"

"ފާޑެއްގެ ހިޔަންޏެއް ކަހަލަ އެއްޗެއް ވަނެއްނު!" އިނާޔާ ހާސްވެފައި ބުންޏެވެ. "ނުދެކެންތަ؟"

އަހަންނަށް ވެސް އެހެން ހީވިއެވެ. އެކަމަކު، އަހަރެން އެއްބަސްވެއްޖެއްޔާ އިނާޔާގެ ބިރު ހައްތާ ބޮޑުވާނެތީ ދޮގެއްހަދަން މަޖުބޫރުވިއެވެ.

"ކީއްވެ މަށަށް ނުފެންނަ އެއްޗެހި އިނާޔާއަށް ފެންނަނީ؟" އަހަރެން ބުނީމެވެ. "ތީ އަޖައިބެއްނު! ފެންނަންޏާ ފުރަތަމަ މަށަކަށްނު ފެންނަންޖެހޭނީ."

އިނާޔާގެ ބިރު އެ ވަރުން ވެސް ކެނޑޭ ގޮތެއް ނުވިއެވެ. ދަރިފުޅު ގެނެސް އުނގަށް ލިއެވެ.

"މަށަށް ހީވަނީ މީ ވަރަށް ނާމާން ތަނެއްހެން،" އިނާޔާ ބުންޏެވެ. "އެއްވެސް ގެސްޓެއް ނުފެނެއެއްނު! ރޫމަކުން ވެސް މީހަކު ނުނިކުމޭ. މީ ޓުއަރިސްޓު ތަނެއް. އެކަމަކު މުޅި ހޮޓަލުގަ ވެސް އުޅެނީ އެންމެ މީހެއް. ކިހާ އޮޑް؟ އަހަންނަށް ވަރަށް ހީވޭ މީ ހޯންޓަޑް ތަނެއްހެން."

"ބަލަ ސީޒަން ނޫންވީމަ ގެސްޓުންނެއް ނާންނާނެއްނު އިނާޔާ،" އަހަރެން ބުނީމެވެ. "ހުރިހާ އެންމެންނަކީ އަހަރުމެން ކަހަލަ މޮޔައިންނެއް ނޫނެއްނު! އަނެއްހެން ބަލާއިރު މީހަކު ނޫޅުނަސް އަހަރުމެންނަށް ކީއް؟ މާ ބޮލަށް ފަސޭހައެއްނު!"

"މަ ވަރަށް ބިރުގަނޭ އެބަ،" އިނާޔާ ބުންޏެވެ. "ހިނގާ ރޫމް ޗޭންޖުކުރަން."

"ދެން ތި ސަކަރާތެއް އަލުން ޖަހާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "ކާއެއްޗެހި ގެނައިމަ ކައިގެން ކޮޓަރިއަކަށްނު އަހަރުމެން ދާނީ. މިސާލަކަށް މި ތާނގަ ފުރޭތައެއް ހުރިއްޔޯ! އަހަރުމެންނަށް ކީއް؟ ހުރެދާނެއްނު! ހުރެހުރެފަ ހިނގައިދާނެއްނު!"

ކޮޓަރިއަށް ދިޔަތާ މާ ގިނައިރެއް ނުވެ ނަސީބަކުން އިނާޔާއާއި ދަރިފުޅަށް ނިދިއްޖެއެވެ. އެކަމަކު އެ ރެޔަކީ، ފިސާރި ރެޔަކަށް ވާނެކަން އަހަންނަށް އެނގެއެވެ. އެހެންވެ، އަހަރުމެންގެ ހަށިގަނޑުގައި ޖިންނިޝައިތާނަކަށް އަތް ނުލެވޭވަރު އަހަރެން ކުރީމެވެ. އަތެއް ނުލައެވެ. އެކަމަކު، ދެން ކުރެވޭނެ ހުރިހައިކަމެއް ކުރިއެވެ. ކުއްލިއަކަށް އިނާޔާއަށް ހޭލެވުނެވެ. އަހަރެން އޭރު ވެސް އޮތީ ހޭލައެވެ. ނިދިކަމަށް ހަދައިގެންނެވެ. އިނާޔާ ވަރަށް ހާސްވެފައިވާ އަޑަކުން އަހަންނަށް ގޮވަން ފެށިއެވެ. އަހަރެން ލޯ ހުޅުވައިލީ ނިދީފައި އޮތް މީހަކު ނިދިން ހޭލާ ކަހަލަ ގޮތަކަށެވެ.

"ކިހިނެއްވީ؟" ނިދިއަޑަކުން އަހަރެން އެހީމެވެ.

"ބިރުގަންނަ ހުވަފެނެއް ފެނުނީ،" ފުން ނޭވާތަކެއް ލަމުން އިނާޔާ ބުންޏެވެ. "ހިނގާ އަހަރުމެން މި ތަނުން ނުކުންނަމާ!"

"މި ވަގުތު؟" އަހަރެން ގަޑި ބަލައިލަމުން ބުނީމެވެ. "ދޭއްޖަހަނީ. މި ގަޑިއަކު ނުވާނެއްނު ތި ކަމެއް. ކުރުސި ކިޔައިގެން ނިދާލަބަލަ! އިރުކޮޅަކުން އިރުއަރައިފާނެ."

ކުއްލިއަކަށް ކަރަންޓުދިޔައެވެ. މުޅި ތަން އަނދިރިވިއެވެ. އެކަމަކު، ކޮންމެވެސް ތަނެއްގައި ދިއްލައިފައިވާ ބޮތްކެއްގެ އަލި، ކުޑަދޮރުން ފެންނަން ހުއްޓެވެ. އެ އަލި ކޮޓަރިއަށް ވަންނަހާ ގަދައެއް ނޫނެވެ.

"މަށަށް އޭރު ވެސް ހީވި ކޮންމެވެސް ކަމެއް ވާށޭ އެ އުޅެނީ." އިނާޔާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ.

"އިނާޔާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި އަހަރެން ބުނީމެވެ. "މާލޭގަ ވަކި ކަރަންޓެއް ނުދޭ؟ މީ އަދި ރަނގަޅަށް ތަރައްޤީ ވެސް ނުވާ ހިސާބެއް. ހާސްނުވެބަލަ! މަ މި އޮތީނު. ދަރިފުޅު އެ އޮތީ ކައިރީގަ."

އަހަރެންގެ އަތުގައި އިނާޔާ ވަރަށް ބާރަށް ހިފަހައްޓައިލިއެވެ. އަހަރެން ފޯނުން އަލިކުރީމެވެ. ދަރިފުޅު އޮތީ ނިދައިފައެވެ. އަހަރެންގެ ހިތަށްއެރިއެވެ. ކަރަންޓު ދިޔައީބާއެވެ؟ ނުވަތަ ދުއްވައިލީބާއެވެ؟ އަހަރުމެންނަށް ގޯނާއެއް ނުކުރެވުނީމަ ދެން އޮންނާނީ ބިރުގެންނެވުމެވެ. ބަލިކަށި ހިތަކުން ވިންދު ހުސްވާ ވަރަށް އެ ކަން ކުރުމުގެ ކުޅަދާނަކަން ޖިންނީންގެ ކިބައިގައި ލައްވައިފައި ހުރެއެވެ.

"ޔަގީން ކޮންމެވެސް ކަމެއް ވާނެ،" އިނާޔާ ބުންޏެވެ. "އަޅެ މި ރަށަށް ނާދެވުނު ނަމަ."

"އިރާދަކުރެއްވިއްޔާ އެއްކަމެއް ވެސް ނުވާނެ،" އަހަރެން ބުނީމެވެ. "އެކަމަކު ބިރުންއުޅޭ ވަރަކަށް ހައްތާ ބިރު ބޮޑުވާނެ. އެއީ ވާނެ ކަމެއް. މަ ދަންތަ ތިރިޔަށް ދައިތަގަނޑަށް ބަވާލަން؟"

"އާނ! އުހުނ!" އިނާޔާއަކަށް ގޮތެއް ނުނިންމުނެވެ. "އޭރުން މަ އެކަނި މި ތާ އޮންނާނީ."

"ތިވަރުން ދެން ކިހިނެއްހަދާނީ؟ ގޮސްގެންތާ ގޮތެއް ހޯދޭނީ،" ވިސްނައިދޭ ރާގެއްގައި އަހަރެން ބުނީމެވެ. "މާ ގިނައިރެއް ނުވާނޭ. ހަމަ ދިޔުމާއައުމާ އެއްކޮށް ދާނީ. ލަކްޝަމީއަށް މި ފަހަރު ދުނިޔެ ދައްކައިލާނަން."

ވިސްނަން އިރުކޮޅަކު އޮވެފައި އިނާޔާ އެއްބަސްވިއެވެ. އިނާޔާ އެކަނި ބާއްވައިފައި ދާކަށް އަހަރެން ވެސް ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް އިނާޔާ ގޮވައިގެން ގޮއްސިއްޔާ ދަރިފުޅު އޮންނާނީ އެކަންޏެވެ. ހިތްވަރުކޮށްލައިފައި އަހަރެން ކުރިއަށް ފިޔަވަޅެއް އެޅީމެވެ. ކޮޓަރިން ނުކުތީމެވެ. ތިރިޔަށް ދިޔައިރު އެކަކު ވެސް ނެތެވެ. މުޅި ތަން އޮތީ ފަޅުވެފައެވެ. ދެން އަހަރެން ޝަކުވާ ކުރާނީ ކާކު ގާތުގައި ހެއްޔެވެ؟ އެ ތަނުގައި ހުރި ސޯފާއެއްގައި އިށީނދެލައިގެން އަހަރެން އިނީމެވެ. މީހަކު އާދޭތޯއެވެ. ފަސްވަރަކަށް މިނެޓު ވީއިރު ވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެ ހިސާބުން، އިނާޔާ ހާސްވެދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދުނެވެ. އަނެއްކާ އެނބުރި ކޮޓަރިއަށް ދިޔައީމެވެ.

"ކީކޭ ބުނީ؟" އިނާޔާ އެހިއެވެ.

އެއްވެސް މީހަކު ނެތޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ވިސްނީ އިނާޔާ ބިރުކަނޑުވާނެ ގޮތެކެވެ.

"އޭނަ ބުނީ މީ އަބަދުވެސް ވާކަމެކޭ،" އަހަރެން ދޮގެއްހަދައިލީމެވެ. "ވަރަށް އަވަހަށް ކަރަންޓު އަންނާނޯ. ހާސްނުވާށޯ! ވިއްސާރަވީމަ މި ހިސާބުގަނޑަށް އަބަދުވެސް މިހެން ވެޔޯ! ޝޯޓުސާކިޓެއްހެންނޯ ހީވަނީ."

އޭތިމީތި ކިޔައިގެން އިނާޔާ ރުއްސައިލީމެވެ. ހާސްކަން ކަނޑުވައިލީމެވެ. އިނާޔާ ހަމަޔަކަށްއެޅުނު ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. އެ ފަހަރު އަހަރެން ވެސް ސިއްސައިގެންދިޔައެވެ.

"ނުހުޅުވާތި ދޮރު!" އިނާޔާ ބުންޏެވެ.

އަހަރެން ގުޑައިވެސް ނުލައި އިނީމެވެ. ދޮރުގައި ޓަކިޖެހުން ހުއްޓައެއް ނުލިއެވެ. އަހަރުމެން ދެ މީހުންނަށް ވެސް އަޑުއިވެއެވެ. އެއީ ވަހުމެއް ނޫނެވެ.

"އޭރުންނޯ؟" އަހަރެން ބުނީމެވެ. "އިނާޔާ ހާސްނުވޭ! މަ އަންނާނަން ކާކުތޯ ބަލާފަ!"

ފޯނު ދިއްލައިގެން ގޮސް އަހަރެން ދޮރުހުޅުވީމެވެ.

"ހޫނުފެން އެބަހުރި؟" ދޮރުމަތީގައި ހުރި މީހާ އެހިއެވެ.

ޖިންނިޝައިތާނުންނަކީ އިންސާނުންގެ ސޫރަ އިޚުތިޔާރުކުރާ ބަޔެކެވެ. އެ ސޫރައިގައި ޖިންނީން ތިބޭއިރު އެއީ ހަމަ "އިންސާނެކެވެ." އިންސާނަކަށް ހިނގާ ހުރިހައި ހުކުމެއް ހިނގާނެއެވެ.

"މީ ދެން ކޮންގަޑިއެއް ހޫނުފެން ހުރިތޯ ބަލަން؟" އަހަރެން ބުނީމެވެ. "ގަޑިން ވީއިރު އެނގޭތަ؟"

"ފެނުގެ މައްސަލައެއްވީމަ ވަރަށް ސީރިޔަސްކޮށް މެނޭޖުމަންޓުން ބަލާ!" އާދައިގެ ހެދުމެއްގައި ހުރި ފިރިހެންމީހާ ބުންޏެވެ. "ކުރިން ޝަކުވާ ކުރީމެއްނު. އަހަރެން ބެލިއިރު ބޮއިލަރު ހުރީ މައްސަލަޖެހިފަ. މިހާރު ރަނގަޅުވާނެ. ބައެއް ތަންތަނަށް ހޫނުފެން ދޫކުރަނީ ސަރުކާރުން. ހެނދުނު ހަޔަކުން ދިހަޔަކަށް ލިބޭނީ. އެ ގަޑިއަށް ސަމާލުވާތި!"

"އާނ އޯކޭ!" އަހަރެން ބުނީމެވެ.

އެ މީހާ ކޮޓަރިތެރެ ބަލައިލަން އުޅުނެވެ. އަހަރެން ދޮރު ލެއްޕީމެވެ. ވީގޮތް އިނާޔާއަށް ކިޔައިދިނީމެވެ. އެ ވަގުތު ކަރަންޓު އަތުވެއްޖެއެވެ. އައި ވަގުތު އަހަރެންގެ އަތުގައި ވަރަށް ބާރަށް އިނާޔާ ހިފިއެވެ.

"މިހާރު ކިހިނެއްވީ؟" އަހަރެން އެހީމެވެ.

"ނުދެކެންތަ ދެންމެ ހުރަސްކޮށްފަ ދިޔަ ކުޑަކުއްޖެއްގެ ހިޔަންޏެއް؟" އިނާޔާ އެހިއެވެ. "ފޮތިގަނޑަށް ހަމަ ރީތިކޮށް ހިޔަނި އެޅުނު. އެކަމަކު އިންސާނަކަށް ވުރެ މާ ބާރަށް ދިޔައީ."

"ގޮއްސާނެ ވާލެއް ވެސް،" ވަރަށް ހަމަޖެހިލައިފައި އަހަރެން ބުނީމެވެ. "ބިރުގަންނަންޏާ ކޮންމެ އެއްޗެއް ވެސް ފެންނާނީ ބިރެއްހެން. ހިނގާ ނިދަމާ!"

ޙަޤީޤަތުގައި އަހަރެން ވެސް އެ ހިޔަނި ދުށީމެވެ. އެއީ ކުޑަ ކުއްޖެއްގެ ހިޔަންޏެވެ. އޭގެ ބޭނުމަކީ އަހަރުމެން ބިރުގެންނެވުމެވެ. ދެ މީހުން އޮށޯތީމެވެ. އިނާޔާ އޮންނަނީ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެއްވެސް ކަމެއް ނުހިނގާ ކުޑަ އިރުކޮޅެއް ވެއަތުވިއެވެ. އިނާޔާއަށް ނިދުނެވެ. އަހަރެންނަށް ނިދެމުންދިޔަ ވަގުތެވެ. ނުވަތަ އަހަރެން އޮތީ ދެބަދޭތެރޭގައެވެ. އެހެން އޮއްވައި ހުވަފެނުން ފެންނަނީ ބުޅަލެކެވެ. ކޮޓަރިތެރެއަށް ބުޅާ ވަނީ ކިހިނެއްކަމެއް ނޭނގެއެވެ. އެއީ ކަޅު ބުޅަލެކެވެ. ނަގޫ ވަރަށް ފަލައެވެ. ދެ ލޯ ހުރީ ރަތްކުލައިގައެވެ. ބުޅާ އައިގޮތަށް އައިސް ފުންމައިގެން އަހަރެންގެ އެނދަށް އެރިއެވެ. ފައި ކައިރިން އައިސް އަހަރެންގެ އުޅަނބޮށީގައި ހޭކެން ފެށިއެވެ. ބިރުވެރި އަޑަކުން ގޮވަން ފެށިއެވެ. ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނެވެ. އޭރު އުޅަނބޮށިން ކުޑަކޮށް ދިލަނަގައެވެ. ބަލައިލިއިރު ވަކިއަޅަފައި ހުރި ނިޝާން ފެންނަން ހުއްޓެވެ.

ނުނިމޭ