މުގާބޭ އަށް ފަހު ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ވެރިން
މުގާބޭ އަށް ފަހު ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ވެރިން

ހަރާރޭ (ނޮވެމްބަރު 22) - ވެރިކަމުގައި ދެމި ހުންނެވޭނެ އެހެން ގޮތެއް ނެތިގެން ރޮބަޓް މުގާބޭ ޒިމްބާބުވޭގެ ރައީސްކަމުގެ މަގާމުން ރޭ އިސްތިއުފާ ދެއްވި އިރު އުމުރަކީ 93 އަހަރެވެ. އޭނާ އަކީ ދުނިޔޭގައި ވެރިކަމުގައި ހުންނެވި އެންމެ އުމުރުން ދުވަސްވީ ބޭފުޅާ ވެސް މެ އެވެ.

މުގާބޭ އަށް ފަހު ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ވެރިން
މުގާބޭ އަށް ފަހު ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ވެރިން

ތިރީގައި މި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިކަމުގައި ތިއްބެވި އުމުރުން 80 އަދި 90 އަހަރުން މަތީގެ ވެރިންނާ ބެހޭ މައުލޫމާތެވެ.

އިނގިރޭސި ވިލާތުގެ ކުއީން އެލިޒަބަތު 2 އުމުރުފުޅުން 91 އަހަރުވީ އިރު ތަޚުތުގައި އިންނަވާތާ 65 އަހަރު ވެއްޖެ އެވެ. މުގާބޭ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ދުނިޔޭގައި ހުންނެވި އެންމެ އުމުރުން ދުވަސްވީ ލީޑަރަކީ ކުއީން އެލިޒަބަތެވެ. އިނގިރޭސި ތަޚުތަށް އެކަމަނާ 1952 ވަނަ އަހަރު އިސްކުރީ ބައްޕާފުޅު ޖޯޖް 6 އަވަހާރަވުމާ ގުޅިގެންނެވެ. އޭރު ރާނީގެ އުމުރުފުޅަކީ 25 އަހަރެވެ.

ޓިއުނީޝިއާގެ ރައީސް މުހައްމަދު ގާއިދު އަލް ސަބްސީގެ އުމުރުފުޅަކީ 90 އަހަރެވެ. ވެރިކަން ލިބިވަޑައިގެންނެވީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ކެމަރޫންގެ ރައީސް ޕޯލް ބިޔާގެ އުމުރުފުޅަކީ 84 އަހަރެވެ. ވެރިކަން ލިބިވަޑައިގެންނެވީ 1982 ވަނަ އަހަރު އެވެ. ހަތް އަހަރުގެ ހަ ވަނަ ދައުރަކަށް އިންތިޚާބުވެފައި ވަނީ 2011 ވަނަ އަހަރު އެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާގެ އުމުރުފުޅަކީ 80 އަހަރެވެ. ވެރިކަން ކުރައްވަނީ 1999 ވަނަ އަހަރުން ފެށިގެންނެވެ. ހަތަރު ވަނަ ދައުރަށް އިންތިޚާބުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.

އުމުރުން 88 އަހަރުގެ ޝެއިޚް ސަބާހް އަހުމަދު އަލް ސަބާހަށް ކުވޭތުގެ އަމީރުކަން ލިބިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. ބޭބޭފުޅު ޝެއިޚް ޖާބިރު އަލް އަހުމަދު އަލް ސަބާހުގެ ސިއްހީ ހާލުކޮޅު ދަށްވުމުން، އަމީރުކަން ލިބުމުގެ ކުރިން ވެސް، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމު ހިންގެވީ އަހުމަދު އަލް ސަބާހެވެ.

ޖަޕާނުގެ ތަޚުތަށް 1989 ވަނަ އަހަރު އިސްކުރި އެމްޕަރާ އަކިހީޓޯގެ އުމުރުފުޅަކީ 83 އަހަރެވެ. ޖަޕާނުގެ ޕާލަމެންޓުން މި އަހަރުގެ ޖޫން މަހު ވަނީ އެމްޕަރާ އަކިހީޓޯ އަށް ތަޚުތު ދޫކޮށްލެވޭ ގޮތަށް ފާސްކޮށްފަ އެވެ.

ސައުދީ އަރަބިއާގެ ރަސްކަމަށް ޖެނުއަރީ 23، 2015 ގައި އިސްކުރި ސަލްމާން ރަސްގެފާނުގެ އުމުރުފުޅަކީ 81 އަހަރެވެ. ސަލްމާން މިހާރު ގެންދަވަނީ މި އަހަރުގެ ޖޫން މަހު ވަލީ އަހުދުކަމަށް އިސްކުރި ދަރިކަލުން މުހައްމަދު، 32، އަށް ބާރުތައް ދެއްވަމުންނެވެ.

ނޯވޭގެ ރަސްކަމަށްް 1991 ވަނަ އަހަރު އިސްކުރި ހެރަލްޑް 5 ގެ އުމުރުފުޅަކީ 80 އަހަރެވެ.

ކިއުބާގެ ކުރީގެ ލީޑަރު ފިޑެލް ކާސްޓްރޯގެ ފަރާތުން 2006 ވަނަ އަހރު ވެރިކަން ލިބިވަޑައިގެންނެވި ރައުލް ކާސްޓްރޯގެ އުމުރުފުޅަކީ 86 އަހަރެވެ. ރަސްމީކޮށް ރައީސްކަން ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އޭނާ ވަނީ ޒުވާން ޖީލަކަށް ވެރިކަން ހަވާލު ކުރަން އަންނަ އަހަރުގެ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ވެޓިކަންގެ ހެޑް އޮފް ސްޓޭޓުގެ މަގާމަށް މާޗް 2013 ގައި ހަމަޖެއްސި ޕޯޕް ފްރާންސިސްގެ އުމުރުފުޅަކީ 80 އަހަރެވެ.

ލާއޯސްގެ ރައީސް ބޯންގްނަންގް ވޮރާޗިޓުގެ އުމުރުފުޅަކީ 80 އަހަރެވެ. ޗައިނާ އާއި ތައިލެންޑާ ދެމެދު އޮންނަ ކޮމިއުނިސްޓް ކުޑަ ގައުމުގެ ވެރިކަމަށް އޭނާ ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ.