21 ނޮވެމްބަރ 2017 - 21:15

ހަރާރޭ (ނޮވެމްބަރު 21) - ޒިމްބާބުވޭގައި 37 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭ، އެންމެ ފަހުން ގޮތް ހުސްވެ މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

އެފްރިކާގެ ގައުމެއްގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވުމުގެ ރިކޯޑަށް ފަހު، މުގާބޭ އިސްތިއުފާ ދެއްވީ، ވެރިކަމުގެ ބާރުތައް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް މުގާބޭ ގޭ ބަންދުކޮށްފައި ހުންނަވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށް ސިފައިން ދިން މުހުލަތު އިއްޔެ މެންދުރު ހަމަވި އިރު ވެސް އިސްތިއުފާ ނުދެއްވުމުން، މަގާމުން ދުރު ކުރުމުގެ މަސައްކަތް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
މުގާބޭ އިސްތިއުފާ ދެއްވި ކަން އިއުލާން ކުރެއްވީ، އޭނާ މަގާމުން ދުރު ކުރުމަށް، ގާނޫނު ހަދާ މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގެ މެދުތެރެއިން، އެ މަޖިލީހުގެ ރައީސެވެ.
"ޒިމްބާބުވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރުން ފެށިގެން ޒިމްބާބުވޭގެ ރައީސްގެ މަގާމުން އިސްތިއުފާ ދީފީމެވެ،" ގާނޫނު ހަދާ މަޖިލީހަށް މުގާބޭ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މުގާބޭގެ އިސްތިއުފާގެ ސިޓީ ލިބުމާ އެކު ވަނީ އޭނާ މަގާމުން ދުރުކުރަން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން ނިންމާލައިފަ އެވެ. މުގާބޭގެ އިސްތިއުފާއާ އެކު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ އުފާފާޅު ކުރަން ފަށައިފަ އެވެ. އަދި ޒިމްބާބުވޭގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ މިހާރު ދަނީ އުފާފާޅު ކުރަމުންނެވެ.
މުގާބޭ އަށް ފަހު ވެރިކަމަށް ދެން ވަޑައިގަންނަވާނެ ފަރާތެއް އަދި ނުނިންމަ އެވެ. އެކަމަކު ގާނޫނު އަސާސީގައިވާ ގޮތުން ރައީސްގެ މަގާމަށް އަންނާނީ ނައިބް ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފެލެކެޒެލާ ފޮކޯ އެވެ. އޭނާ އަކީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ބައިވެރިއެކެވެ. އެހެންވެ އޭނާ އަށް ރައީސްކަމުގެ މަގާމު ދޭނެކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.
މުގާބޭ ގެންދެވީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ. އިންތިޚާބުތައް މުގާބޭ ކާމިޔާބު ކުރެއްވި ނަމަވެސް ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ ބޭއްވި ކޮންމެ އިންތިޚާބެއް ނިމިގެން ގޮސްފައި ވަނީ ހަމަނުޖެހުންތަކުގެ ތެރޭންނެވެ.