ވިލާ ކޮލެޖުން އާ ޕްރޮގްރާމްތަކެއް ތައާރަފުކޮށްފި
ވިލާ ކޮލެޖުން އާ ޕްރޮގްރާމްތަކެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް މިއަދު ތައާރަފުކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިިއްޔާތުގައި، ކޯސްތައް ތައާރަފުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އަލަށް ތައާރަފުކުރި ޕްރޮގްރާމްތަކަކީ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫޑަބްލިއުއީ)ގެ ބެޗްލާ އޮފް ނާސިން އިންޓަނޭޝަނަލް (އޮނާސް) އާއި ބެޗްލާ އޮފް ޓީޗިން ދިވެހި ލެންގުއޭޖް އާއި މާސްޓާ އޮފް އެޑިއުކޭޝަން އިން ޓީޗިން އަދި މާސްޓަސް އޮފް އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓެެވެ.

މިއީ ނާސިންގެ ޑިޕްލޮމާ ފުރިހަމަކޮށް، މިހާރު އެ ހިދުމަތުގައި ތިބި ނަރުހުންނަށް އަމާޒުކޮށްގެން ތައާރަފުކުރި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުގެ ކޯހެކެވެ. ދެ އަހަރު ދުވަހުގެ މި ޕްރޮގްރާމުގައި ސިއްހީ ހިދުމަތް ދިނުމުގައި ކްރިޓިކަލް ތިންކިން ބޭނުންކުރުމާއި ބިނާކުރަނިވި އާ ގޮތްތައް ބޭނުންކޮށްގެން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ގޮތްތަކަށް ސަމާލުކަން ދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ކޯހުގެ ފީ އަކީ މަހަކު 3950ރ. އެވެ.

މިއީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމެކެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ ތަރުބިއްޔަތު ދިނުމަށްޓަކައި ތައާރަފުކުރި މި ޕްރޮގްރާމުން، ގައުމީ މަންހަޖުގައި ފާހަގަކޮށްފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން އެހީތެރިވެދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ތިން އަހަރު ދުވަހުގެ މި ކޯހުގެ ފީ އަކީ މަހަކު 2999ރ. އެވެ.

ޓީޗަރުންނަށް ކިޔަވައި ދިނުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތަކަށް ސަމާލުކަން ދިނުމުގެ ގޮތުން އުފައްދާފައިވާ މި ޕްރޮގްރާމުގެ ފީއަކީ މަހަކު 4950ރ. އެވެ.

ސްކޫލުތައް ހިންގުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މި ކޯހުގެ ފީ އަކީ ވެސް މަހަކުު 4950ރ. އެވެ.

މި ކޯސްތައް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ހުރިހާ ޕްރޮގްރާމެއް ވެސް ކުރިއަށްގެންދާނީ ދަރިވަރުންނަށް ފަސޭހަ ވަގުތުތަކުގައި ކަމަށާއި ނާސިން ކޯސް ފިޔަވައި، މިއަދު ތައާރަފުކުރި ތިން ޕްރޮގްރާމް ވެސް ރަށްރަށުގައި ހުންނަ އެ ކޮލެޖުގެ ކެމްޕަސްތަކުގައި ފަށާނެ ކަމަށެވެ.

ނަޖީބު ވިދާޅުވީ ނާސިންގެ ޑިގްރީ ޕްރޮގްރާމުގެ ތަޖުރިބާ އަށް ބެލުމަށްފަހު، އަންނަ އަހަރުގެ މޭ ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަށްރަށުގައި ހުންނަ ކެމްޕަސްތަކުގައި ފަށާނެ ކަމަށެވެ.

އަލަށް ތައާރަފުކުރި ހަތަރު ޕްރޮރޮގްރާމާއެކު އެ ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ދީފަ އެވެ.