ސޯފިއާ ބޮޓެލާ: ބެކް ޑާންސަަރަކުން ވަރުގަދަ ބަތަލާއަކަށް
ސޯފިއާ ބޮޓެލާ: ބެކް ޑާންސަަރަކުން ވަރުގަދަ ބަތަލާއަކަށް

ކުރި އަރަމުން އަންނަ އުންމީދީ ބަތަލާ ސޯފިއާ ބޮޓެލާގެ ނަމަކީ އާންމުންގެ ތެރޭގައި އަދި އެހާ ފަރިތަ ނަމަކަށް ނުވެދާނެ އެވެ. އެކަމަކު އޭނާއަކީ އާދައިގެ ތަރިއެއް ނޫނެވެ.

ސޯފިއާ ބޮޓެލާ: ބެކް ޑާންސަަރަކުން ވަރުގަދަ ބަތަލާއަކަށް
ސޯފިއާ ބޮޓެލާ: ބެކް ޑާންސަަރަކުން ވަރުގަދަ ބަތަލާއަކަށް

ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުގެ ފިލްމުތަކުން އަދި އެހާމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމްތައް ކުޅެން ލިބުމަކީ އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ނޫނެވެ. ހާއްސަކޮށް ސޯފިއާ ކަހަލަ ހުނަރުވެރިއަކަށް މިއީ ވަރަށް ބޮޑު ޝަރަފެކެވެ.

އޭނާއަކީ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މެޑޯނާގެ ޕަފޯމްތަކުގައި އާންމުކޮށް ބެކް ޑާންސަރެއްގެ ގޮތުގައި ފެނިގެން ދިޔަ ނެށުންތެރިއެކެވެ. އޭނާ ދަންނަ ބަޔަކަށް ވެސް ސޯފިއާ ފާހަގަ ކުރެވިފައި ވާނީ މެޑޯނާގެ ބެކް ޑާންސަރެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ބްރޭންޑް ނައިކީގެ ބައެއް ކޮމާޝަލްތަކުން ވެސް ސޯފިއާ ފެނިފައިވެ އެވެ.

އަލްޖީރިއާ އަށް އުފަން ސޯފިއާ ބުނީ ނެށުމަށް އަބަަދު ވެސް ލޯބި ކުރާ ކަމަށެވެ. އެކަމަކު ކެރިއާއެއްގެ ގޮތުގައި އަބަދު ވެސް ކުރިއަށް ދާން ބޭނުންވީ އެކްޓިންގެ ދާއިރާ އިން ކަމަށް 34 އަހަރުގެ ބަތަލާ ބުންޏެވެ. އެހެންވެ އުމުރުން 29 އަހަރުގައި އޭނާ ވަނީ ނެށުން ދޫކޮށްލައި، ބޮޑު ސްކްރީނަށް އައިސްފަ އެވެ.

"އަހަރެން މެޑޯނާ އާ އެކު މަސައްކަތް ކުރި ދުވަސްވަރު އަބަދު ވެސް އޭނަ ކައިރީ ދައްކަން ބަތަލާއަކަށް ވާން ބޭނުން ވާހަކަ. އަދި ކޮންމެ ވެސް ދުވަހަކުން ނެށުން ދޫކޮށްލާނެ ކަމަށް ބުނަން،" އޭނާ ބުންޏެވެ. "އަހަރެންގެ އެ ވާހަކަތަކަށް މެޑޯނާ އަބަދު ވެސް ވަރަށް ހިތްވަރު ދޭނެ."

ސޯފިއާއަކީ ހަގީގަތުގައި ނަސީބު ގަދަ ބަތަލާއެކޭ ބުނެވިދާނެ އެވެ. އޭނާ ފިލްމުތަކުގައި ކުރިން ކުދިކުދި ރޯލްތަކުން ފެނުނަސް މިހާރު އޭނާއަކީ ވަރުގަދަ ލީޑިން ލޭޑީއެކެވެ.

އެގޮތުން ކޮލިން ފާތު ބަތަލެއްގެ ރޯލުން ފެނިގެން ދިޔަ ކިންގްމޭން: ދަ ސީކްރެޓް ސާވިސް (2014) އަކީ ބޮޑު ރޯލަކުން ސޯފިއާ ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.

މީގެ އިތުރުން "ޖެޓް ޓްރޭޝް" އަކީ ސޯފިއާގެ މޮޅު އެކްޓިން ފެނިގެން ދާނެ ފިލްމެކެވެ. ހަމަ މިއާ އެކު މި މަހުގެ 22 ގައި ރިލީޒް ކުރާ ފިލްމް "ސްޓާ ޓްރެކް ބިޔޯންޑް" ގެ ވަރަށް ވަރުގަދަ ކެރެކްޓާއަކުން އޭނާ ފެނިގެން ދާނެ އެވެ.

ސޯފިއާގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުގެ ތެރެއިން 2017 ގައި ރިލީޒް ކުރާ "ދަ މަމީ" އަކީ އޭނާ ޓޮމް ކްރޫޒާ އެކު ފެނިގެން ދާނެ ފިލްމެކެވެ.