މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ފަށައިފި
މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ފަށައިފި

ހަރާރޭ (ނޮވެމްބަރު 21) - ޒިމްބާބުވޭގެ ރައީސްގެ މަގާމުން ރޮބަޓް މުގާބޭ ވަކިކުރުމުގެ މަސައްކަތް ޕާލަމެންޓުން މިއަދު ފަށައިފި އެވެ.

މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ފަށައިފި
މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ފަށައިފި

މުގާބޭ މަގާމުން ދުރުކުރަނީ އޭނާ އަމިއްލަ އަށް އިސްތިއުފާ ދިނުމަށް ދިން މުހުލަތު އިއްޔެ މެންދުރާ ހަމައަށް ހަމަވިއިރު އިސްތިއުފާ ދެއްވާފައި ނުވާތީ އެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން ޕާލަމެންޓުގެ ރައީސް ޖެކޮބް މުބެންޑާ ވިދާޅުވީ މިއީ ޒިމްބާބުވޭ މިނިވަންވުމަށް ފަހު އަލަށް ކުރާ ކަމެއް ކަމަށެވެ. ޕާލަމެންޓުގެ ބައްދަލުވުން މެދުކަނޑާލެއްވުމަށް ފަހު ރައީސް އިއުލާން ކުރެއްވީ ހައުސް އޮފް އެސެމްބްލީ އާއި ސެނެޓުގެ ޖޮއިންޓް ބައްދަލުވުމެއް މިރޭގެ ވަގުތެއްގައި ބާއްވާނެ ކަމަށެވެ.

މުގާބޭ ވަކިކުރުމުގެ ވޯޓަށް ތައްޔާރުވަމުންދާ އިރު ގިނަ ބަޔަކު ވަނީ ޕާލަމެންޓުގެ ބޭރަށް ޖަމާވެފަ އެވެ.

މުގާބޭ ވެރިކަމުން ދުރުކުރަން ޕާލަމެންޓަށް ހުށަހަޅާ ސަބަބަކީ ގާނޫނު އަސާސީގެ ބޭރުން އަނބިކަނބަލުން ގްރޭސް މުގާބޭ އަށް ބާރުތައް ދިން މައްސަލަ އެވެ. ޒިމްބާބުވޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް މަގާމުން ދުރުކުރެވޭނީ "ސީރިއަސް އަޚުލާގީ މައްސަލައެއް" ދިމާވުމުން، ގާނޫނު އަސާސީއާ ޚިލާފުވުން، ގާނޫނު އަސާސީ ދިފާއުކޮށް ނެގެހެއްޓުމުގައި ފޭލްވުން އަދި ވެރިކަން ކުރަން ނުކުޅެދުމެވެ.

މުގާބޭ މަގާމުން ދުރުކުރުގެ ވޯޓު ނޭޝަނަލް އެސެމްބްލީ އާއި ސެނެޓުގައި ނެގުމުގެ ކުރިން ރައީސް މަގާމުން ދުރުކުރުމާ ގުޅޭ ޖޮއިންޓް ކޮމިޓީއެއް ދެ ޗެމްބަރުން އެކުލަވާލާނެ އެވެ. ރައީސް މަގާމުން ދުރުކުރަން މި ކޮމިޓީން ލަފާދީފި ނަމަ ވޯޓަށް އަހާނެ އެވެ. ރައީސް މަގާމުން ދުރުކުރެވޭނީ ދެ ޗެމްބަރުގެ ވެސް ތިން ބައިކުޅަ ދެބައި ވޯޓުންނެވެ. ވެރިކަންކުރާ ޕާޓީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ވޯޓު ނަގާނީ މާދަމާ އެވެ.