21 ނޮވެމްބަރ 2017 - 15:17

ބެންގަލޫރު (ނޮވެމްބަރު 21) - އިންޑިއާ ސިފައިންގެ 58 މީހުން އެއް ސައިކަލަކަށް އަރާ 1،200 މީޓަރަށް ދުއްވުމަށް ފަހު ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.
ބެންގަލޫރުގައި ހުންނަ އިންޑިއަން އެއާ ފޯސް މަރުކަޒުގައި ބޭއްވި އިވެންޓުގައި އާމީ ސާވިސް ކޮޕްސް (އޭއެސްސީ) ނުވަތަ "ޓޯނޭޑޯ" ޓީމުން ދުއްވާފައި ވަނީ 500 ސީސީގެ ރޯޔަލް އެންފީލްޑް ސައިކަލެކެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނީ އެއީ ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވަން ބޭއްވި ހަރަކާތެއް ކަމަށެވެ.
އޭއެސްސީ ޓީމުގެ ހަރަކާތްތައް 1982 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ދައްކާލި ފަހުން ހާހަކަށް ވުރެ ގިނަ އިވެންޓުގައި ބައިވެރިވެފައިވެ އެވެ. އޭއެސްސީ ޓީމުން ވަނީ އިންޑިއާގެ ގައުމީ 19 ރެކޯޑެއް ހަދައިފަ އެވެ. އޭގެ ތެރޭގައި 56 މީހުން އަރައިގެން 2010 ވަނަ އަހަރު ސައިކަލް ދުއްވުން ވެސް ހިމެނެ އެވެ.
"ވޭތުވެދިޔަ 10 މަސް ދުވަހު ޓީމުގެ 150 މެންބަރުން ވަނީ ނިދިން މަހްރޫމްވެ އާއިލާ އަށް ދޭން ޖެހޭ ވަގުތު ނުދީ 20 ވަނަ ރެކޯޑް ހެދުމަށް ގަދައަޅާ މަސައްކަތްކޮށްފައި. ދުއްވާފައިދާ ސައިކަލެއްގައި މިހާ ގިނަ މީހުން ތިބުމަށް ވަރަށް ގިނަ ޕްރެކްޓިސް ބޭނުންވި،" އޭއެސްސީ ޓީމުގެ ލީޑަރު މޭޖާ ބަނީ ޝަރްމާ ވިދާޅުވި އެވެ.