21 ނޮވެމްބަރ 2017 - 14:14

ތައިލެންޑްގެ ޔުނިވަސިޓީ އޮފް ތައި ޗެމްބާ އޮފް ކޮމާސް (ޔޫޓީސީސީ) ގެ ދަރިވަރުން، ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖަށް އިއްޔެ ޒިޔާރަތްކޮށްފި އެވެ.

އެވިޑް ކޮލެޖުން ބުނީ އެތަނަށް ޒިޔާރަތްކުރި ޔޫޓީސީސީގެ ބިޒްނަސް ފެކަލްޓީގެ 25 ދަރިވަރަކާއި އެ ފެކަލްޓީގެ ޑީން ޑރ. ޖެކަރިން ސްރިމޫން އަށް ދިވެހި ސަގާފީ ގޮތެއްގައި މަރުހަބާ ކިޔާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި މުހިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެވިޑުން ބުންޏެވެ.
ފަސް ގަޑިއިރުގެ އެ މަޝްވަރާތަކުގައި، ދެ ކޮލެޖުގެ ދަރިވަރުން ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި ފަންނީ ގޮތުން ޔޫޓީސީސީގެ އެހީތެރިކަން އެވިޑް ކޮލެޖަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެވިޑްގެ ދަރިވަރުން ޔޫޓީސީސީ އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހަމަޖެހޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ދެ ކޮލެޖުން ހިންގަމުން އަންނަ ޕްރޮގްރާމްތަކާއި ހުރި ފުރުސަތުތައް ވެސް ކިޔައިދީފައިވާ ކަން އެވިޑުން ފާހަގަކުރި އެވެ.
ޔޫޓީސީސީ އަކީ 30 އަށް ވުރެ ގިނަ ގައުމުގެ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ޔުނިވަސިޓީ އެކެވެ.