ގައުމު ސަލާމަތްކޮށްދިނީތީ ޕުޓިން އަށް އަސަދުގެ ޝުކުރު
ގައުމު ސަލާމަތްކޮށްދިނީތީ ޕުޓިން އަށް އަސަދުގެ ޝުކުރު

ސޮޗީ (ނޮވެމްބަރު 21) - ގައުމު ސަލާމަތްކޮށްދިން ކަމަށްޓަކައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޝުކުރު އަދާކުރައްވައިފި އެވެ.

ދެ ގައުމުގެ ވެރިން މިއަދު ވަނީ ރަޝިޔާގެ ބްލެކް ސީ ރިސޯޓް ސޮޗީގައި ބައްދަލު ކުރައްވައިފަ އެވެ. ދެ ބޭފުޅުން ވަނީ ޓެރަރިޒަމާއި ސީރިއާގެ މައްސަލަ އަށް ސިޔާސީ ހައްލެއް ގެނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ކަމަށް ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ސީރިއާގެ ހަތް އަހަރުވީ މައްސަލަ ހައްލު ކުރަން މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަސަދު ވަނީ ވިދާޅުވެފަ އެވެ. އަދި އަސަދުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޕުޓިން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ޕުޓިން އާއި އަސަދުގެ ބައްދަލުވުން ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށެވެ. މިއީ ސީރިއާގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން އަސަދާއި ޕުޓިން ބައްދަލު ކުރެއްވި ދެ ވަނަ ފަހަރެވެ. ޕުޓިން އާއި އަސަދު ވަނީ އޮކްޓޯބަރު، 2015 ގައި މޮސްކޯގައި ބައްދަލު ކުރައްވައިފަ އެވެ.

ސީރިއާ ހަނގުރާމައިގައި އެ ގައުމުގެ އެންމެ ބޮޑު ބައިވެރިއަކީ ރަޝިޔާ އެވެ. މި ހަނގުރާމައިގައި މިހާތަނަށް ވަނީ 465،000 މީހުން މަރުވެ 12 މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.