22 ނޮވެމްބަރ 2017 - 06:36

މަޝްހޫރު ފަންނާނަކަށް ވާން ބޭނުންވާ މީހުންނަށް ޚާއްސަ ފުރުސަތެއް ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އިއުލާން ކޮށްފި އެވެ.
ސްޓާ ޕްލަސް އިން މިފަހަރު ކަރަން އާއި ރޯހިތު ގުޅިގެން ހުށަހަޅައިދެނީ "އިންޑިއާޒް ނެކްސްޓް ސުޕަސްޓާސް" ކިޔާ ޝޯ އެކެވެ.
ޝޯގެ ތައާރަފްގައި ބުނަނީ ކަރަން އާއި ރޯހިތަށް އެމީހެއްގެ ހުނަރު ދައްކާލެވިއްޖެ މީހަކަށް ކަރަންގެ ފިލްމެއްގެ ސުޕަސްޓާރަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ސުޕަސްޓާރުން އުފެދެނީ ނޫން ކަމަށާއި އުފައްދަނީ ކަމަށާއި މި ޝޯއަކީ ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް ފުރަތަމަ އިޝްތިހާރުގައި ބުނެފައިވެ އެވެ.
ޝޯގައި ބައިވެރިވާން އެދޭ މީހުންގެ ތެރެއިން ފައިނަލަށް ގޮސްގެން ޓީވީން ދައްކާނެ ބައިވެރިން ނެގުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ފިލްމުތަކުގެ ކާސްޓިން ޑައިރެކްޓަރެއްގެ ގޮތުގައި މަަސައްކަތްކުރާ މުކޭޝް ޗަބްރާ އެވެ.
ޝޯގައި ބައިވެރިވާ މީހުންގެ އެކްޓްކުރުމާއި ނެށުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު މި ޕްލެޓްފޯމުން ލިބިގެން ދާނެ އެވެ. އަދި އެއްވަނައަށް ދާ މީހަކަށް، ކަރަން ޖޯހަރް ދެން އުފައްދާ ފިލްމަކުން ފުރުސަތު ލިބޭނެ އެވެ.
މި ޝޯގެ ފޯމެޓް އޮންނަ ގޮތުން ފައިނަލަށް ހޮވޭ ހުރިހާ ބައިވެރިން ޝޯ ނިމެންދެން ދިރިއުޅެން ޖެހެނީ އެއް ތަނެއްގަ އެވެ. ކޮންމެ ދުވަހަކުވެސް ދައްކާ މި ޝޯގެ ވަކި އެޕިސޯޑްތަކެއްގައި ޝާހްރުކް ޚާން، ކަރީނާ ކަޕޫރު ފަދަ ފިލްމީ ތަރިން ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.