21 ނޮވެމްބަރ 2017 - 12:58

ކ. މާފުށީގެ ނިއު ސްޓާ ސްޕޯޓްސް ކްލަބުން ރާވައި ޕްރިޒަން ކްލަބް އަދި މާފުށީ ޕޮލިސް ސްޓޭޝަނާ ގުޅިގެން އެ ރަށު ޒުވާނުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ "ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް އާދީއްތަ ދުވަހު މާފުށި ފުޓްސަލް ދަނޑުގައި ފަށައިފި އެވެ.

ނިއު ސްޓާ އިން ބުނި ގޮތުގައި މުބާރާތުގެ މަގުސަދަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަށް އާލާކުރުމާއި ސަރުކާރު މުއައްސަސާތަކާއި އާންމު މުއައްސަސާތަކާއި އަދި ކ. މާފުށީ ކައިރީގައި ހުރި ރިސޯޓުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އަދި ކުޅިވަރުގެ ތެރެއިން މާފުށީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމާއި މާފުށީގައި ފުޓްސަލް ކުރިއެރުވުމަކީ ވެސް މުބާރާތުގެ ބޭނުމެއް ކަމަށް އެ ކްލަބުން ބުނެ އެވެ. މީގެ އިތުރުން ޒުވާނުންނަށް މިފަދަ ހަރަކާތްތަކެއް ހިންގައިފިނަމަ، އެއީ ރަށުގައި އަމާން އޮމާން މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް އެ ކްލަބުން ދެކެ އެވެ.
މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާއެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރު އެފްއޭއެމްގެ އެކްސްކޯ މެމްބަރުކަން ކުރާ އަލީ އުމަރާއި މާފުށީގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ނައިން އެފްސީ އަދި މާފުށީ ޕްރިޒަންގެ ޓީމެވެ. މި މެޗް 4-2 އިން ކާމިޔާބު ކުރީ މާފުށި ޕްރިޒަންގެ ޓީމެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރީ ބިއާންކޯ އެފްސީ އަދި ކާނި ހޮޓެލްސްގެ ޓީމެވެ. މި މެޗް 4-1 ލަނޑުން ކާމިޔާބުކުރީ ބިއާންކޯ އެފްސީ އެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.
މާފުށީ ނިއު ސްޓާ އިން ވަނީ މީގެ އަހަރުތަކެއްކުރިން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ފުޓްބޯޅައިގެ ވަރުގަދަ ބާރު ނިއު ރޭޑިއަންޓާ ވާދަކޮށް ރަނގަޅު ފައިޓެއް ދީފަ އެވެ.
މާފުށީގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެ އެ ދާއިރާގެ މައި ހަބަކަށް ބަދަލުވެފައިވީ ނަމަވެސް ކުޅިވަރުގެ ފޯރި އަދިވެސް ގަދަ އެވެ. އެގޮތުން އެ ރަށު ސްކޫލުން އަންނަނީ ހޭންޑްބޯޅައިގައި ވެސް ވާދަކުރަމުންނެވެ.