ޑެހެއާ ގެންދަން މެޑްރިޑުން އަނެއްކާ ވެސް މަސައްކަތް ފަށަނީ
ޑެހެއާ ގެންދަން މެޑްރިޑުން އަނެއްކާ ވެސް މަސައްކަތް ފަށަނީ

މެޑްރިޑް (ނޮވެމްބަރު 21) – މެންޗެސްޓާ ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންދިއުމުގެ މަސައްކަތް މި ސީޒަން ނިމުމުން ރެއާލް މެޑްރިޑުން އަލުން ފަށާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކީޕަރު ގެންދިއުމަށް މެޑްރިޑުން އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ މެޑްރިޑަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އެ ފަހަރު އެކަންނުވީ ޓްރާންސްފާ ވަގުތު ޖެހުނުއިރު ލިޔެކިޔުންތައް ބަދަލުނުކުރެވުމުންނެވެ. އެއާ އެކު ޑެހެއާ ޔުނައިޓެޑުގެ ކޮންޓްރެކްޓް އާކުރި އެވެ.

ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި މެޑްރިޑް އޮތީ ޑެހެއާ ގެންދިއުމަށް 70 މިލިއަން ޔޫރޯ ދޭން ތައްޔާރަށެވެ. ސްޕެއިން ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އިކާ ކަސިޔަސް އަކީ މެޑްރިޑުގެ ލެޖެންޑެކެވެ. ސްޕެއިނުގެ އެއް ވަނަ ކީޕަރަކީ އަބަދުވެސް މެޑްރިޑުގެ ކުޅުންތެރިއަކަށް ހަދަން އެ ކްލަބުން ބޭނުންވާ ކަމަށް ވާހަކަދެކެވެ އެވެ. ޑެހެއާ އަކީ މެޑްރިޑުގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ޔުނައިޓެޑާ ގުޅުނު ކުޅުންތެރިއެކެވެ.

ދާދި ފަހުން ޑެހެއާ ވަނީ، ސްޕެއިން ކުޅުންތެރިން ސްޕެނިޝް ލީގު ދޫކޮށްލާ ހިސާބުން ސްޕެއިނުން އަޅާނުލުން ނުލިބޭ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އިންގްލެންޑުގައި ސްޕެއިން ކުޅުންތެރިންގެ އަގު މާބޮޑަށް ވެސް ވަޒަންކުރާ ކަމަށް ބުނެފަ އެވެ.