ބަޖެޓަކީ އޮޅުވާލުމެއް، ވޯޓެއް ނުދޭނަން: އިދިކޮޅު ޕާޓީތައް
ބަޖެޓަކީ އޮޅުވާލުމެއް، ވޯޓެއް ނުދޭނަން: އިދިކޮޅު ޕާޓީތައް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ "ބޮޑު އޮޅުވާލުމެއް" ކަމަށް ބުނެ ބަޖެޓަށް ވޯޓު ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ބަޖެޓަށް ވޯޓު ނުދޭން ޕާޓީތަކުން ނިންމީ، އެ ބަޖެޓާ ގުޅޭ ގޮތުން އެތައް ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ އެއްވެސް ހަމަހަމަކަމެއް ނެތް ބަޖެޓެއް ކަމަށް ޕާޓީތަކުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ އިސްލާހެއް ވެސް ނުގެނޭ، ސަރުކާރުން ހުށަހެޅި ގޮތަށް އެ އޮތީ ކޮމެޓީން ވެސް ފާސްކޮށްފައި. މިހާ ބޮޑު އޮޅުވާލުމަކަށް ވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ވޯޓު ނުދޭން،" ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ބުނެފައިވާ ގޮތުގައި އެ ބަޖެޓުގެ ސަބަބުން 2018 ވަނަ އަހަރުގެ ރިކަރަންޓު ޚަރަދާއި ބަޖެޓު ޑެފިސިޓު އެތައް ގުނައެއް ބޮޑުވެ، އިގްތިސާދަށް ނުރައްކާ ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ބުނެ އަދަދުތަކެއް ޖަހައި ބަޖެޓް އަމާޒުކޮށްފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަމަށް ވެސް ޕާޓީތަކުން ތުހުމަތުކޮށްފައިވެ އެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާ ހަވާލާ ދެއްވައި ރިޔާޒް ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ ޖަލްސާގައި، މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހޭނެ ކަމަށެވެ. އެ އަދަދަށް މެމްބަރުން ހާޒިރުވެވަޑައިނުގެންފި ނަމަ ބަޖެޓް ސައްހަވާނެ ކަމަށް ޕާޓީތަކުން ގަބޫލުނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒް ހަވާލާދެއްވި މާއްދާގައި ވަނީ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މިހާރުގެ މަޖިލީހުގެ ޖުމްލަ އަދަދަށް ބަލާއިރު 43 މެމްބަރުންނެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ "ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ ކަންތައް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންކަމަކީ:

- ރައްޔިތުން ވަކި ގޮތަކަށް ތަބާވުން ލާޒިމްކުރާ ގާނޫނެއް ފާސްކުރުން.

- ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ގާނޫނެއް ފާސްކުރުމަށް.

- ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް.

- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް.

- ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި ހުންނާނީ 43 ބިލިއަން ރުފިޔާގަ އެވެ. އަދި މި ހަތަރު އަހަރު ތެރޭގައި ދަރަނި އިތުރުވީ 15 ބިލިއަން ރުފިޔާއަށެވެ. ވޭތުވެދިޔަ ހަތަރު އަހަރު ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު ވަނީ 27.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.