06 ޖުލައި 2016 - 07:11

ކޮންމެ އެކްޓަރެއްވެސް ބިރުގަންނަ ކޮންމެވެސް ކަމެއް ނުވަތަ ކަންތައްތަކެއް ހުންނާނެ އެވެ. މަޝްހޫރު ފިލްމީ ތަރި އާމިރު ޚާނަކީ މަރުވެދާނެ ކަމަށް ވަަރަށް ބިރުގަންނަ މީހެކެވެ.
ސީކިއު އެވޯޑްސްގައި ބައިވެރިވުމަށް ދާދިފަހުން ނިއު ދިއްލީއަށް ކުރި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އާމިރު ބުނެފައިވާ ގޮތުގައި އޭނާ އެންމެ ބިރުގަންނަނީ މަރު ދެކެ އެވެ. އެހެންކަމުން އޭނާ އަބަދުވެސް މަރުގެ ވަސިއްޔަތް ތައްޔާރުކޮށްފައި ތަނެއްގައި ތަތްކޮށްފާ ބަހައްޓަ އެވެ.
"އަހަރެން އަބަދުވެސް ވަރަށް ސްޓްރެސްވޭ ކުޅޭ ފިލްމެއްވެސް އަހަރެން ބޭނުންވާ ގޮތަށް ތައްޔާރު ނުވެދާނެތީ. ކަނޑައެޅިފައިވާ ޝެޑިއުލަށް މަސައްކަތް ނުކުރެވިދާނެތީ ކަހަލަ ވަރަށް ކުދިކުދި ކަންތައްތަކާ ވެސް އަހަރެން ވަރަށް އަވަހަށް ކަންބޮޑުވެ ހާސްވޭ. އަދި އަހަރެންގެ ހިތުގައި އަބަދުވެސް އޮންނަ ބިރެއް ފިލްމު ނުނިމެނީސް އަހަރެން މަރުވެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔޭ؟ ނުވަތަ އަހަންނަށް ބޮޑު އަނިޔާއެއް ވެއްޖިއްޔާ ފިލްމަށް ވާނީ ކިހިނެއް ހެއްޔޭ؟ މުޅި ފިލްމު އަހަރެންނަށް ބަރޯސާވެފައި އޮންނައިރު މިފަދަ ކަންތައްތަކާ ވެސް އަހަރެން ވަރަށް ކަންބޮޑުވެ ހާސްވޭ،" އާމިރު ކިޔައިދިނެވެ.
އާމިރު ބުނި ގޮތުގައި މިކަހަލަ ބިރުތައް ހިތުގައި އޮންނާތީ އެއިރަކު ކުޅޭ ފިލްމެއްގެ ކޮންމެ ޝެޑިއުލެއް ވެސް ނިމުމާއެކު އޭނާގެ ކައިރީގައި އެވަގުތަކު އުޅޭ އެންމެންނަށް ނޯޓެއް ލިޔެ، އޭނާ މަރުވެއްޖެ ނަމަ ދެން ފިލްމު ކުރިއަށް ގެންދަން ބޭނުންވާ ގޮތް އޮޅުން ފިލުވައިދީފައި ބާއްވާ ކަމަށެވެ. އެއީ ކްރިއޭޓިވް ނުވަތަ ފިލްމު ރިލީޒްކުރުމާ ބެހޭ ކަމެއް ވިޔަސް އެ ނޯޓުގައި އެ ހުރިހާ ކަމެއް ސާފުކޮށް ލިޔާކަމަށް ވެސް އާމިރު ބުންޏެވެ.
"ހަޔާތަކީ ވަރަށް ގޮތް ކިޔަން ނޭނގޭ އެއްޗެއް. ކޮންމެ ކަމެއްވެސް ކޮންމެ ވަގުތަކުވެސް ވެދާނެ. އެހެންވެ "ޑަންގަލް"ގެ ވެސް އެންމެ ފަހު ޝެޑިއުލް ނިމިގެން މި ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ޗުއްޓީގައި އަހަރެން އޮންނާނީ ޑައިރެކްޓަރު ނިތޭޝް އަށް އަހަރެން މަރުވެއްޖެނަމަ ކަންތައް ކުރާގޮތް ކިޔައިދީފައި،"
އާމިރު ބުނީ ފިލްމުގެ ނުނިމި އޮތީ މަހާވީރްގެ ޒުވާން ދުވަސްވަރުގެ ބައެއް ކަމަށް ވާތީ އޭނާ މަރުވެއްޖެ ނަމަ ވަރޫން، ޝާހިދު، ރަންވީރު ނުވަތަ ރަންބީރު އެ ބަޔަށް ލައިގެން ފިލްމު ފުރިހަމަކޮށްލަން އޭރު ބުނެފައި ވާނެ ކަމަށެވެ.