22 ނޮވެމްބަރ 2017 - 06:34

"ޕަދްމާވަތީ" އަށް މި ވަގުތު މައްސަލަތަކެއް ކުރިމަތިވެފައި ވިޔަސް ފިލްމު ރިލީޒްކުރެވި އެންމެންގެ ލޯބި އެ ފިލްމަށް ލިބޭނެ ކަމުގެ ކަމަށް ޔަގީންކަން އެބަ އޮތް ކަމަށް އެ ފިލްމުގައި މުހިއްމު ރޯލުތައް އަދާކުރި ތިން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހިދު ކަޕޫރު ބުނެފި އެވެ.
މުސްލިމް ރަސްކަލަކު ހިންދީންގެ ރާނީއަކާ ލޯބީގެ ގޮތުން ގުޅޭކަން ދައްކާ ކަމަށް ބުނެ، ހިންދޫންގެ ބައެއް ގްރޫޕްތަކުން ދަނީ ކުރިންސުރެ މި ފިލްމަށް އެކި ގޮތްގޮތުން ހުރަސްތައް އަޅަމުންނެވެ. މި ފިލްމު ބިނާކޮށްފައި ވަނީ 16 ވަނަ ގަރުނުގެ މަޝްހޫރު ޅެމެއްގެ މައްޗަށެވެ. އެކަމަކު ފިލްމުގައި ދައްކާ ރާނީ ޕަދުމާވަތީ އަކީ ދުނިޔޭގައި އުޅުނު މީހެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ހިލްޖީ އަކީ އުޅުނު މީހެކެވެ.
ޝާހިދު ބުނި ގޮތުގައި އޭނާގެ "އުޅްތާ ޕަންޖާބު" މިދިޔަ އަހަރު ރިލީޒްކުރުމާ ދިމާކޮށް ވެސް މިކަހަލަ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެންމެފަހުން ފިލްމު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ވެސް ލިބުނުކަން ޝާހިދު ފާހަގަކުރި އެވެ.
ޝާހިދު ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަށާއި ބަތަލާ ދީޕިކާ ޕަދުކޯން އަށް މަރުގެ އިންޒާރުދިނުމަކީ ވަރަށް ލަދުވެތި ކަމެކެވެ. ފިލްމާ މެދު ސެންސަރު ބޯޑުން ނިންމާ ނިންމުމަކަށް އެންމެން ވެސް އިންތިޒާރު ކުރުމަށް ޝާހިދު އެދުނެވެ. އޭނާ ބުނީ ފިލްމު ބަލާފައި ނޫނީ އެޔަށް ފާޑުކިޔައި ގޮތް ނުނިންމުމަށް އެދޭ ކަމަށެވެ.
"ޕަދްމާވަތީ" ގައި ރާނީ ޕަދްމާވަތީގެ ރޯލު ދީޕިކާ ކުޅެފައިވާއިރު ރާނީގެ ފިރިމީހާ ރާވަލް ރަތަން ސިންގްގެ ރޯލު ކުޅެފައިވަނީ ޝާހިދެވެ. އެކްޓަރު ރަންވީރު ސިންގް ކުޅެފައިވަނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ. މިއީ ފިލްމުގައި ނުބައިބައި ކުޅޭ ކެރެކްޓާ އެވެ.
ދާދިފަހުން "ބިގް ބޮސް 11"ގައި ބައިވެރިވެ އެ ޝޯގެ ހޯސްޓް ސަލްމާން ޚާނާ ވާހަކަ ދައްކަމުން ދީޕިކާ ބުނެފައިވަނީ "ޕަދްމާވަތީ" އަކީ އޭނާ އާއި ރަންވީރު އެކުގައި ކުޅޭ ތިން ވަނަ ފިލްމަށް ވިޔަސް ފިލްމުގައި އެ ދެ މީހުން އެއްގޮތަކަށް ވެސް ބައްދަލު ނުވާ ކަމަށެވެ.
ފިލްމާ ދެކޮޅުހަދާ ގިނަ ބަޔަކު ބުނަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ބާންސާލީ ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު މި ކަން ދޮގުކޮށްފަ އެވެ. އަދި ދީޕިކާ އާއި ރަންވީރު އެކުގައި ފެންނަ އެންމެ މަންޒަރެއް ވެސް ފިލްމުގައި ނޯންނާނެ ކަމުގެ ޔަގީންކަން ބާންސާލީ ވަނީ ދީފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ސެންސަރު ބޯޑުން ފިލްމު ފާސް ކޮށްދިނުމުން ސިނަމާތަކުގައި އެޅުވުމުގެ ކުރިން މައްސަލަ ޖައްސާ ގްރޫޕްތަކުގެ މަންދޫބުންނަށް ފިލްމު ދައްކާ އެމީހުންގެ ރުހުން ހޯދާނެ އެވެ.