އާއިލީ ސަބަބަކާ ގުޅިގެން ގަލާޑޯ އެނބުރި ގައުމަށް
އާއިލީ ސަބަބަކާ ގުޅިގެން ގަލާޑޯ އެނބުރި ގައުމަށް

ނިއު ރޭޑިއަންޓުގެ ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ކޮންޓްރެކްޓް ހަމަވެފައިވާއިރު އާއިލީ ސަބަބަކާ ގުޅިގެން އެނބުރި ގައުމަށް ދާން ޖެހޭތީ ކޮންޓްރެކްޓް އާނުކުރާނެ ކަމަށް ކްލަބުން ބުނެފި އެވެ.

އާއިލީ ސަބަބަކާ ގުޅިގެން ގަލާޑޯ އެނބުރި ގައުމަށް
އާއިލީ ސަބަބަކާ ގުޅިގެން ގަލާޑޯ އެނބުރި ގައުމަށް

އެނގިފައިވާ ގޮތުގައި ގަލާޑޯގެ އަންހެނުން އިނީ ބަލިވެ އެވެ. އެހެންވެ މި ވަގުތު އަންހެނުންނާ އެކު ސްޕެއިނުގައި ހުންނަން ގަލާޑޯ ބޭނުންވެ އެވެ. އެއާ އެކު ކޮންޓްރެކްޓް ވެސް ހަމަވެފައިވާތީ، ކްލަބާ އެކު އެއްބަސްވުމަކަށް އައިސް އޭނާ އެނބުރި ގައުމަށް ދާން ނިންމީ އެވެ. އޭނާ އަށް ސްޕެއިން ކްލަބަކުން އޮފާއެއް ވެސް ލިބިފައިވާ ކަމަށްވެ އެވެ.

ނިއު ލީގު ކަށަވަރުކުރި މެޗުގައި މިދިޔަ އާދީއްތަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް ލަނޑު ޖެހުމަށް ފަހު ގަލާޑޯ ވަނީ "އާއިލާ ދެކެ ވަރަށް ލޯބިވޭ" ސްޕެނިޝް ބަހުން ޖަހާފައިވާ މެސެޖެއް އޭނާގެ ޖާޒީގެ އަޑިން ލާފައިވާ ޓީޝާޓުގައި ޖަހައިގެން ދައްކާލައިފަ އެވެ.

މިދިޔަ ދެ ސީޒަނުގައި ފިލިޕީންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ގަލާޑޯ ނިއުއާ ގުޅުނީ މި ސީޒަނުގަ އެވެ. އޭނާ ވަނީ އެ ޓީމަށް 19 ގޯލް ޖަހައިދީފަ އެވެ. އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އޭނާގެ ދައުރު ބޮޑެވެ. އެކަމަކު ސީޒަނުގެ ވަކި ހިސާބުން އަލީ އަޝްފާގް (ދަގަނޑޭ) ގުޅުމާ އެކު ނިއުގައި ގަލާޑޯގެ ދައުރު ކުރިއަށް ވުރެ ވަނީ ކުޑަވެފަ އެވެ.

ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. ގަލާޑޯ ދިއުމާ އެކު ނިއުގެ އެޓޭކުގައި ހަސަން އަދުހަމް (ސަޑޭ) އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.

ކުރިން ސީޒަން ނިމޭ ގޮތަށް އޮތީ އޮކްޓޯބަރު ފަހުކޮޅު ކަމަށްވާތީ ކްލަބްތަކުން ހަދާފައިވާ ގިނަ ކޮންޓްރެކްޓްތައް ވެސް ހަދާފައިވަނީ އެ މުއްދަތަށެވެ. މާޒިޔާ އިން އެ ޓީމުގެ ކުރީގެ ކޯޗު މަރްޖާން ސެކުލޮސްކީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވެސް އެ މުއްދަތަށް ހަމަވުމާ އެކު އިތުރަށް އާކޮށްފައެއް ނުވެ އެވެ.