21 ނޮވެމްބަރ 2017 - 11:19

ސެވިލް، ސްޕެއިން (ނޮވެމްބަރު 21) - ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅޭއިރު ފަހުންވާނެ ގޮތަކަށް ބަލައިގެން އެއްވެސް މެޗަކަށް ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަބަދުވެސް ވިސްނަންވާނީ މޮޅުވާން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ ސެވިއްޔާ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ސްޕާޓާ މޮސްކޯ އަށް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް މަރިބޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މިރޭ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް އަނެއް ބުރަށް ދެވެން އޮތީ ދެން ކުޅޭ ސްޕާޓާ މޮސްކޯ އާއި މަރިބޯ މެޗުން ވާގޮތަކުންނެވެ. ކްލޮޕް ބުނީ ސެވިއްޔާ އަތުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިއްމު ކަމަށެވެ.
"ގްރޫޕް ސްޓޭޖުގައި ވަކި މެޗުތަަކަކުން ޕޮއިންޓް ހޯދަން ކަނޑައަޅައިގެން ކުރިއަށް ނުދެވޭނެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު ކޮޅަށްދާއިރު ކޮންމެ މެޗަކުން ވެސް ބޮޑު މައްސަލަތަކެއް ދިމާވެދާނެ. އަހަރެން ދެކޭ ގޮތުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފަހުންވާނެ ގޮތެއް ބަލަން ތިބުމަކީ ހެދޭނެ ގޯހެއް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކްލޮޕް ބުނީ އެ މެޗުގެ ކަންތައްތައް ދިޔަ ގޮތުން ސެވިއްޔާއާ ދޭތެރޭ އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.
"ވަރަށް އެއްވަރުކޮށް ދިޔަ މެޗެއް އަހަރެމެން ދަނޑުގައި ކުޅުނީ. އެކަމަކު އަހަރެންގެ ނަޒަރުގައި އެ މެޗު އެންމެ އިންސާފުވެރިވާނީ ސެވިއްޔާ އަށް ދެ ވަނަ ލަނޑެއް ނުޖެހި ނިމުނު ނަމަ،" އޭނާ ބުންޏެވެ.
ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސައުތެމްޓަން އަތުން 3-0 އިން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު ޖޮއެލް ޕަޓިޕް މި މެޗުގައި ވެސް ނުކުޅޭނެ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ޓީމާ ގުޅުނު މިޑްފީލްޑަރު އެޑަމް ލަލާނާ ވަނީ ޓީމުގައި ހިމަނައިފަ އެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ލިވަޕޫލަށް ކުޅޭ މިސްރުގެ ވިންގް މުހައްމަދު ސަލާހު ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
ލިވަޕޫލާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.