21 ނޮވެމްބަރ 2017 - 11:05

ބިއުނަސް އޭރީޒް (ނޮވެމްބަރު 21) - އާޖެންޓީނާގެ ސަބްމެރިން ގެއްލުމުގެ ކުރިން ވަނީ މެކޭނިކަލް މައްސަލައެއް ރިޕޯޓްކޮށްފައި ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ސަބްމެރިން ގެއްލުނީ 44 މީހުންނާ އެކު އެވެ. އޭގެ ފަހުން ސަބްމެރިންނާ މުވާސަލާތު ކޮށްފައެއް ނުވެ އެވެ. ސަބްމެރިން ގެއްލުނީ އާޖެންޓީނާގެ އައްސޭރިން 430 ކިލޯ މީޓަރު (270 މޭލު) ބޭރުންނެވެ.
"ސަބްމެރިން ފެން މައްޗަށް ނެގުމަށް ފަހު ވަނީ ޓެކްނިކަލް މައްސަލައެއް ރިޕޯޓްކޮށްފައި،" ކަނޑުގެ ސިފައިންގެ ކޮމާންޑަރު ގަބްރިއަލް ގަލިއާޒީ ވިދާޅުވި އެވެ.
މާ ޑެލް ޕްލާޓާ ކަނޑުގެ ސިފައިންގެ މަރުކަރު ހިންގުމާ ހަވާލުވެ ހުންނެވި ގަލިއާޒީ ވިދާޅުވީ ސަބްމެރިންނަށް މެކޭނިކަލް މައްސަލައެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާވި ނަމަވެސް އެއީ އެހާ ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބްމެރިންގައި ހުރި ފަޅުވެރިއެއްގެ ބޭބެ ބުނި ގޮތުގައި ސަބްމެރިންނާ ގުޅުން ކެނޑުމުގެ ކުރިން ފޮނުވި މެސެޖެއްގައި ވަނީ ސަބްމެރިންގެ ބެޓެރީ އަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ބުނެފަ އެވެ. މިއީ ސަބްމެރިންނަށް މެކޭނިކަލް މައްސަލައެއް ދިމާވިކަން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.
"ސަބްމެރިންގައި ވަރަށް ބައިވަރު ބެކަޕް ސިސްޓަމްތައް ހުންނާނެ،" ގަލިއާޒީ ވިދާޅުވި އެވެ.
އާޖެންޓީނާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސަބްމެރިންގެ ކެޕްޓަން ވެސް ވަނީ މެކޭނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަން ސިފައިންގެ މަރުކަޒަށް އަންގައިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލިބުނީ ސަބްމެރިންގެ ސިގްނަލް ނޫން ކަމަށް އޮފިޝަލުން މިހާރު ވަނީ ބުނެފަ އެވެ. ސަބްމެރިންގައިވާ ސެޓެލައިޓް ފޯނުން ކަމަށް ބެލެވޭ ހަތް ސިގްނަލް ވަނީ ލިބިފަ އެވެ.
ސަބްމެރިން ހޯދުމަށް ސައުތު އެޓްލާންޓިކްގައި ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އެމެރިކާ އިން ފޮނުވާފައިވާ ޚާއްސަ އާލާތްތައް ވެސް ދަނީ ސަބްމެރިން ހޯދުމުގައި ބޭނުން ކުރަމުންނެވެ.