މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 127،986 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ މަހު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 28،689 ޓޫރިސްޓުން އައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ ރާއްޖެ އައި ޓޫރިސްޓުންގެ 22.4 ޕަސެންޓެވެ. އެކަމަކު އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓް މަދު އަދަދެކެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 15،007 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ރާއްޖޭގެ އޮކިއުޕަންސީ ރޭޓް ވަނީ 64.8 ޕަސެންޓަށް އަރައިފަ އެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓް ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 126 ރިސޯޓާއި 459 ގެސްޓް ހައުސް އާއި 11 ހޮޓެލް އަދި 150 ސަފާރީ ހިންގަ އެވެ.