21 ނޮވެމްބަރ 2017 - 10:06

އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮހްލަތު އިބްރާހިމް ކަލޭފާނު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޖެނުއަރީ، 2012 ގައި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރުކޮށް، ކ. ގިރިފުށީގައި ބަންދު ކޮށްފައި ބެހެއްޓި މައްސަލާގައި ތޮލްހަތު ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރީ އެ ހުކުމް ތޮލްހަތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ތޮލްހަތުގެ ފަރާތުން މައިގަނޑު އެއްކަމެއްގެ ގޮތުގައި ހައި ކޯޓުގައި ފާހަގަކުރީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އޭނާ ބައިވެރިވީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކަމަށާއި އެކަމުގައި އޭނާގެ އަދާކުރީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ގާނޫނީ އިމުގެ ބޭރުން އެއްވެސް މީހަކު އަންގާ އެންގުމަކަށް ތަބާވެގެން ނުވާނެ ކަމަށާއި ވެރިންގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ކަމަށް ބުނެ، ކުށުގެ އަމަލެއްގައި ބައިވެރިވުމަކީ އެކަމުން އެ މީހަކު ބަރީއަވާނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖުބޫރީ ހާލަތެއް އޮވެގެން މެނުވީ އެފަދަ އެންގުމަކަށް ތަބާވެގެން ނުވާނެ ކަމަށާއި އެކަމަކު އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، އެކަން ރާވައި ހިންގުމުގައި ތޮލްހަތު ބައިވެރިވެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"ގާނޫނީ އިމުގެ ބޭރުން ވެރިން އަންގާ އެންގުންތަކަށް ކިޔަމަންވުމުގެ ގޮތުން ކަމަށް ބުނެ، ޝަރުއުގައި ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ އަމަލެއް ހިންގުމާއި ރޭވުމާއި ރޭވުމުގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން އެހީތެރިވެެ ދިނުމަކީ ވެސް ކުށެއް ކަމާއި، އެފަދަ ކުށެއް ކޮށްފި ފަރާތަކުން އެކަމުގެ ޝަހްސީ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމާއި،" ހުކުމުގައި ވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރަން އެންގިކަން ނަޝީދުގެ މައްޗަށް ސާބިތު ވެފައިވާއިރު ނަޝީދުގެ އަމުރަށް ކުރިކަމަކާ ގުޅިގެން ތޮޮލްހަތު ކުށްވެރިވާ ކަމަށް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ތޮލްހަތުގެ ފަރާތުން ފާހަގަ ކުރިޔަސް އެއީ ގާނޫނާ ޚިލާފް ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ބަންދުކުރީ ތޮލްހަތުގެ އިސް ދައުރެއް އެކަމުގައި އޮވެގެން، އޭނާގެ ފެނުމާއި އެނގުމުގެ ތެރެއިން ކަން ސާބިތުވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަބްދުﷲ ގާޒީ ބަންދު ކުރުމުގައި ތޮލްހަތުގެ ބައިވެރިވުން އޮތްކަން ހެކިންގެ ބަހުން ސާބިތުވެ އެވެ. އެގޮތުން ސިފައިންގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރަން ތޮލްހަތު ވާހަކަ ދެއްކިކަން އެނގެން އޮތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ.
ތޮލްހަތު ޖަލަށްލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުން ފެށިގެން އޭނާ ހުންނަނީ ގޭ ބަންދުގަ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.