ބައްޕަގެ ޑިޕްރެޝަން ހުންނަ ނަމަ ދަރިންނަށް ވެސް އެކަން ޖެހިދާނެ
ބައްޕަގެ ޑިޕްރެޝަން ހުންނަ ނަމަ ދަރިންނަށް ވެސް އެކަން ޖެހިދާނެ

ބައްޕަގެ ޑިޕްރެޝަން ހުންނަ ނަމަ އޭނާގެ ފުރާވަރުގެ ދަރިންނަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ދިރާސާއެއްގައި ލަފާކޮށްފި އެވެ.

މީގެ ކުރީގެ ދިރާސާއެއްގައި ބުނެފައި ވަނީ މަންމަ އަކީ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހެއް ނަމަ ދަރިންނަށް ވެސް އެކަން ކުރިމަތިވެދާނެ ކަމަށެވެ. ދިރާސާ ޓީމުން ބުނީ މަންމަގެ ޑިޕްރެޝަނުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު މީގެ ކުރިން އެނގިފައި ވިޔަސް މިއީ ބައްޕަގެ ފަރާތުން ވެސް ދަރިންނަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެދާނެކަން ހާމަވި ފުރަތަމަ ފަހަރު ކަމަށެވެ.

ފުރާވަރުގެ ދަރިންނަށް ބައްޕަގެ ފަރާތުން ޑިޕްރެޝަން ކުރިމަތިވެދާނެކަން ހާމަވީ އަޔަލެންޑް، ވޭލްސް އަދި އިންގްލެންޑްގައި ކުރި، އެތައް ހާސް އާއިލާއެއް ބައިވެރިކޮށްގެން ކުރި ދިރާސާއަކުންނެވެ.

"ދަރިންގެ ނަފްސާނީ ސިއްހަތުގައި ބޮޑު ދައުރެއް ކުޅެނީ މައިމީހާ ކަމަށާއި ބައްޕަގެ ދައުރު ކުޑަ ކަމަށް ގަބޫލުކުރެވިފައި އޮންނަނީ ރަނގަޅަކަށް ނޫން،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ ލަންޑަން ކޮލެޖްގެ ސައިކޭޓްރީ ޑިވިޒަންގެ ރިސާޗާ ގެމާ ލެވިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިންގެ ނަފްސާނީ ސިއްހަތަށް މައިމީހާ އާއި ބައްޕަގެ ފަރާތުން ވެސް އެއްވަރަކަށް އަސަރުކުރެ އެވެ. އެހެންވެ ޑިޕްރެޝަނުން އާއިލާ ސަލާމަތްކުރުމަށް މަންމަ އާއި ބައްޕަގެ ނަފްސާނީ ސިއްހަތަށް ވެސް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދިރާސާ ވަނީ ލޭންސިޓް ސައިކޭޓްރީ ޖާނަލްގައި ޝާއިއުކޮށްފަ އެވެ.