21 ނޮވެމްބަރ 2017 - 12:07

ހަރާރޭ (ނޮވެމްބަރު 21) - މިދިޔަ ބުދަ ދުވަހާ ހަމައަށް ޒިމްބާބުވޭގެ އެންމެ ބާރުގަދަ މީހަކީ ރައީސް ރޮބަޓް މުގާބޭ އެވެ. އޭނާގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ބަހެއް ބުނެލަން ކެރުނު މީހަކު އެ ގައުމުގައި ނެތެވެ. އެކަމަކު 37 އަހަރުގެ ދިގު ވެރިކަމުގައި ސިއްކަ ޖެހުނީ ހީވެސް ނުކުރާ ފަދަ އަވަސް ގޮތަކަށެވެ. މުގާބޭ އަށް އެޅުއްވުނު ގޯސް އެންމެ ފިޔަވަޅަކުންނެވެ؛ އަނބިކަނބަލުންނަށް ބާރުތައް ދޭން އެކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ވަފާތެރިއަކު މަގާމުން ދުރު ކުރުމެވެ.

ޒިމްބާބުވޭގެ މިނިވަންކަމުގެ ހަނގުރާމައިގެ ބަތަލުންގެ ތެރޭގައި ހިމެނޭ ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރީ މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ ސިޔާސީ ކުރިމަގު އުޖާލާ ކުރުމަށެވެ. އުމުރުން 93 އަހަރުގެ މުގާބޭ އަށް ފަހު ވެރިކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ނަންގަގްވާ، 75، އެވެ. އެކަމަކު އެ މަގުން ކަންކަން ނުދިއުމަށްޓަކައި ގްރޭސް ގެންދިޔައީ އެތައް ކަމެއް ރާވަމުންނެވެ. އެމާސަން ބަޣާވާތް ކުރަން އުޅޭކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވި އެވެ. ގްރޭސްގެ ހިތުގައި ވެސް ވެރިކަން ކުރުމުގެ އުދާސްތައް ބޮޑުވެގެން އެންމެ ފަހުން ފިރިކަލުންނަށް މަޖްބޫރުކޮށްގެން ނަންގަގްވާގެ މަގާމު ގެއްލުވާލީ އެވެ. އެކަމަކު ސިފައިންނަށް އެގޮތް ކަމަކު ނުދިޔަ އެވެ. ނަންގަގްވާ އަކީ ސިފައިންގެ އިހްތިރާމް ލިބިފައިވާ ބޭފުޅެކެވެ. ގައުމުގެ ބަތަލުންގެ ބަދަލުގައި ޕާޓީގައި ތިބި ކޮރަޕްޓް މީހުންގެ ބާރު ގަދަވާން ބޭނުން ނުވާތީ ސިފައިން ނިންމީ މުގާބޭއާ ދެކޮޅަށް ނުކުތުމަށެވެ. އެއަށް ފަހު މުގާބޭގެ ބާރު ގަޑިއިރުތަކެއްގެ ތެރޭގައި ނެތިގެން ދިޔަ އެވެ. ސިފައިން ނުކުމެ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މުގާބޭ ގޭ ބަންދުކުރުން ހިމެނެ އެވެ.
އިސްތިއުފާ ދިނުމަށް މުގާބޭ އަށް ދިން މުހުލަތުގައި އެކަން ނުކުރެއްވި ނަމަވެސް މުގާބޭގެ ބާރެއް މިހާރު ގައުމުގައި ނެތެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މުގާބޭގެ ވަފާތެރިންގެ ގޮތުގައި ތިބި މީހުން، މުގާބޭގެ ބާރެއް ނެތްކަން އެނގުމާ އެކު އޭނާއާ ދެކޮޅުވެއްޖެ އެވެ. މުގާބޭ މަގާމުން ދުރުކުރަން މާދަމާ ނަގާނެ ކަމަށް ބެލެވޭ ވޯޓުގައި މުގާބޭއާ ދެކޮޅަށް ވޯޓު ދޭނީ އޭނާގެ ކުރީގެ ވަފާތެރިންނެވެ.
ގްރޭސް އަކީ މުގާބޭގެ ކުރީގެ ސެކްރެޓަރީ އެވެ. މުގާބޭގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ގްރޭސްއާ ކައިވެނި ބައްލަވައިގަތީ 1996 ވަނަ އަހަރު އެވެ. ގްރޭސް އަކީ މުއްސަނދި ދިރިއުޅުމަކަށް ލޯބިކުރި މީހެކެވެ. ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވާ ސިޔާސީ ކެރިއަރަށް ދިޔައީ މަގު ފަހިކުރަމުންނެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވެރިކަންކުރާ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާކަން ހޯއްދެވި އެވެ. މުގާބޭ އަށް ފަހު ވެރިކަން ހޯދުމުގެ ނިޔަތުގައި ދެން މިސްރާބު ޖެހީ ޕާޓީ އާއި ގައުމުގެ ނައިބް ރައީސްކަން ހޯދުމަށެވެ. އެކަމަކު އެ ހިސާބަށް ނުދެވި އުޅެނިކޮށް ގްރޭސް ވަނީ ޕާޓީން ވެސް ބޭރުކޮށްފަ އެވެ. ފިރިކަލުން ވަނީ ޕާޓީގެ ލީޑަރުކަމުން ވަކިކޮށްފަ އެވެ. ދެން އޮތް ފިޔަވަޅަކީ ގައުމުގެ ވެރިކަމުން ވެސް ދުރުކުރުމެވެ.