21 ނޮވެމްބަރ 2017 - 00:40

ހަރާރޭ (ނޮވެމްބަރު 21) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދިނުމަށް ދިން މުހުލަތު އިއްޔެ ހަމަވުމާ އެކު އިސްތިއުފާ ދީފައި ނުވާތީ ގާނޫނީ އިމުގެ ތެރޭން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މުގާބޭ ވެރިކަމުން ދުރުކުރަން ޕާލަމެންޓަށް ހުށަހަޅާ ސަބަބަކީ ގާނޫނު އަސާސީގެ ބޭރުން އަނބިކަނބަލުން ގްރޭސް މުގާބޭ އަށް ބާރުތައް ދިން މައްސަލަ އެވެ. މުގާބޭ މަގާމުން ދުރުކުރަން ފާސްކުރަން ޕާލަމެންޓަށް އަންގާރަ ދުވަހު ހުށަހަޅާނެ އެވެ.
ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ޕޯލް މަންގްވާނާ ވިދާޅުވީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް ނިންމާލަން ދެ ދުވަސްވަރު ނަގާނެ ކަމަށާއި ލަފާކުރެވޭ ގޮތުން ބުދަ ދުވަހު މުގާބޭ ވަކި ކުރެވޭނެ ކަމަށެވެ.
އަނެއްކޮޅުން ޒިމްބާބުވޭ ސިފައިން ބުނެފައި ވަނީ މުގާބޭގެ ކުރިމަގާ ގުޅޭ ގޮތުން މަގު ޗާޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މަގާމުން ދުރުކުރި ނައިބް ރައީސް އެމާސަން ނަންގަގްވާ ވަރަށް އަވަހަށް ގައުމާ ހަވާލުވާނެ ކަމަށް ސިފައިން ބުނެ އެވެ.
އުމުރުން 93 އަހަރުގެ މުގާބޭ އަށް ފަހު ވެރިކަން ހޯދަން އެންމެ ބޮޑަށް ކޯޅިފައި ވަނީ ގްރޭސް އާއި ނަންގަގްވާ އެވެ. އެކަމަކު އަނބިކަނބަލުންގެ ހައްގުގައި މުގާބޭ ވަނީ ނަންގަގްވާ މަގާމުން ދުރުކޮށްފަ އެވެ. ބޭނުމަކީ ޕާޓީގެ ޒައާމަތަށް ގްރޭސް ގެނެސް އެންމެ ފަހުން ވެރިކަމަށް ވެސް އޭނާ ގެންނަން މަގު ފަހި ކުރުމެވެ. ގައުމުގެ ކަންކަމާ ސިފައިން ހަވާލުވީ އެހާ ހިސާބުންނެވެ.
ޒިމްބާބުވޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް މަގާމުން ދުރުކުރެވޭނީ "ސީރިއަސް އަޚުލާގީ މައްސަލައެއް" ދިމާވުމުން، ގާނޫނު އަސާސީއާ ޚިލާފުވުން، ގާނޫނޫ އަސާސީ ދިފާއުކޮށް ނެގެހެއްޓުމުގައި ފޭލްވުން އަދި ވެރިކަން ކުރަން ނުކުޅެދުމެވެ.
ޕޯލް މަންގްވާނާ ވިދާޅުވީ މުގާބޭގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ގާނޫނު އަސާސީގައި ނެތް ބާރުތަކެއް ގްރޭސް އަށް ދޭން އުޅުމެވެ.
"ގާނޫނު އަސާސީ ތަންފީޒު ކުރަން މުގާބޭ ވަނީ ދެކޮޅު ހައްދަވާފައި. ޕްރޮވިންޝަލް ކައުންސިލް އިންތިޚާބު ބާއްވަން ގާނޫނު ލާޒިމްކުރާ އިރު އެކަން ކުރައްވައިފައެއް ނުވޭ. އަނެއްކޮޅުން މުގާބޭގެ އުމުރަށް ބަލާއިރު ގައުމު ހިންގުމުގެ ގާބިލްކަން ޖިސްމާނީ ގޮތުން ވެސް ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. "މުގާބޭ އަކީ ބޯހަރު މީހެއް. ރައްޔިތުންގެ އަޑު އޭނާ އަށް އިވޭނެ. އެކަމަކު އެ އަޑު އަހަން ދަނީ ދެކޮޅު ހަދަމުން."
މުގާބޭ މަގާމުން ދުރުކުރުގެ ވޯޓު ނޭޝަނަލް އެސެމްބްލީ އާއި ސެނެޓުގައި ނަގާނެ އެވެ. އޭގެ ކުރިން ރައީސް މަގާމުން ދުރުކުރުމާ ގުޅޭ ޖޮއިންޓް ކޮމިޓީއެއް ދެ ޗެމްބަރުން އެކުލަވާލާނެ އެވެ. ރައީސް މަގާމުން ދުރުކުރަން މި ކޮމިޓީން ލަފާދީފި ނަމަ ވޯޓަށް އަހާނެ އެވެ. ރައީސް މަގާމުން ދުރުކުރެވޭނީ ދެ ޗެމްބަރުގެ ވެސް ތިން ބައިކުޅަ ދެބައި ވޯޓުންނެވެ. މުގާބޭ މަގާމުން ދުރުކުރަން ފާސްކޮށްފި ނަމަ ވެރިކަމާ ހަވާލުވާނީ މިހާރުގެ ނައިބް ރައީސް ފެލެކެޒެލާ ފޮކޯ އެވެ. އޭރުން ވާނީ ގާނޫނާ އެއްގޮތަށް މުގާބޭ މަގާމުން ދުރުކުރި ކަމަށެވެ. އަދި އަސްކަރީ ބަޣާވާތެއް ގެނައުމުގެ ތުހުމަތުން ސިފައިން ބަރީއަވާނެ އެވެ.
މުގާބޭ މަގާމުން ދުރުކުރަން އިދިކޮޅު އެމްޑީސީ-ޓީ ޕާޓީން މީގެ ކުރިން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. ނަމަވެސް ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ތާއީދާ އެކު މިފަހަރު އެކަން ވާނެ ކަމަށް ބެލެވެ އެވެ.
މުގާބޭގެ އިސްތިއުފާ އިއުލާން ކުރައްވާނެ ކަމަށް އާދިއްތަ ދުވަހުގެ ރޭ ވަރަށް ބޮޑަށް ބެލެވުނު ތަގްރީރުގައި އިސްތިއުފާގެ ވާހަކަ ވިދާޅު ނުވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. މުގާބޭގެ 37 އަހަރުގެ ވެރިކަން ދޫކޮށްލަން އެތައް ގޮތަކުން ޕްރެޝަރު ކުރި ނަމަވެސް މުގާބޭ ވިދާޅުވެފައި ވަނީ އަންނަ މަހު ބާއްވާ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު ވެސް ބަލަހައްޓަވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރު ކަމުން މުގާބޭ ދުރުކޮށް އެ މަގާމަށް މުގާބޭ ކުރީގެ ނައިބް އެމާސަން ނަންގަގްވާ ހަމަޖައްސާފައިވާ އިރު ޕާޓީގެ ރިޔާސަތަށް މުގާބޭ ވަޑައިގަންނަވާނެ ގޮތެއް ވިދާޅެއް ނުވެ އެވެ. ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކުރީ ޒަނޫ-ޕީއެފް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.