ގެއެއް ގަނެ ޕްރިޔަންކާ އެކަނި ދިރިއުޅެން ފަށައިފި
ގެއެއް ގަނެ ޕްރިޔަންކާ އެކަނި ދިރިއުޅެން ފަށައިފި

މޫދު ފެންނަ ބަންގްލޯއެއް މުމްބާއީގެ ޖޫހޫ ހިސާބުން ގަންނަން ބޭނުންވެގެން ޕްރިޔަންކާ އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ހިސާބުން އޭނާ ބޭނުންވާ ކަހަލަ ގެއެއް ގަންނަން ލިބި ޕްރިޔަންކާގެ މި ހުވަފެން މިދިޔަ އަހަރު ނިމެން އުޅެނިކޮށް ވަނީ ހަގީގަތަކަށް ވެސް ވެފަ އެވެ.

މުމްބާއީ މިރާގައިވާ ގޮތުން ޕްރިޔަންކާގެ މި ހުވަފެނީ ގެއަކީ ފަސް ކޮޓަރީގެ ވަރަށް ޒަމާނީ ފެންވަރަށް ހަދާފައިވާ ތަނެކެވެ. ނަމަވެސް ޕްރިޔަންކާ މިހާރު ގިނައިން އުޅެނީ އެމެރިކާގައި ކަމަށްވާތީ މި ގެއަށް ފައިސާ ދެއްކުން އޮތީ ލަސްވެފަ އެވެ. އެކަމަކު މިދިޔަ މޭ މަހު 27 ވަނަ ދުވަހު އޭނާ ވަނީ މުމްބައި އަށް ގޮސް މި ގޭގެ އަގު ޚަލާސްކޮށްފަ އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި މިހާރު އޭނާ ވަނީ އާ ގެއަށް ބަދަލުވެފަ އެވެ. އަދި މަންމަ އެކަނި އެމީހުންގެ މުސްކުޅި ގޭގައި ނޫޅެންވެގެން މަންމަ ވެސް އާ ގެއަށް ގެންދަން ވަނީ ނިންމާފަ އެވެ. އަދި މިއީ މަންމައާ ވަކިން އޭނާ ދިރިއުޅޭ ފުރަތަމަ ފަހަރު ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާ އިންޑިޔާގައި ނެތްއިރު އޭނާގެ ގޭގެ ކަންތައްތަކާއި އެހެން ބައެއް ކަންތައްތައް ބަލަހައްޓަނީ އޭނާގެ މަންމަ އެވެ. އަދި އޭނާއަށް ހުރިހާ ކަމެއްގައި ވެސް ލަފާ ދެނީ ވެސް މަންމަ އެވެ. އަދި ގެއެއް ގަތަސް އަދި އެނޫން ކަމަކަށް ފައިސާ އިންވެސްޓް ކުރިޔަސް މަންމަ އާއި އޭނާ އެއްބަސްވުމަކަށް އައިސްގެން ނޫނީ އެއްވެސް ކަމެއް ނުކުރާކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިތުރުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ހުރިހާ ސިއްރެއް ވެސް އެނގޭ މީހަކީ ހަމައެކަނި އޭނާގެ މަންމަ އެވެ.

ޕްރިޔަންކާ އަލަށް މި ގަން ގޭގެ އަގު އެނގެން ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެގޭގެ އަގަކީ 35 ކްރޯޑު (350 މިލިއަން ރުޕީސް) ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އަދި ފާއިތުވީ ތިން މަސް ތެރޭ ހަމައެކަނި އެންޑޯސްމަންޓްސް ތަކުން ވެސް ޕްރިޔަންކާ އަށް 100 ކްރޯޑު (1000 މިލިއަން ރުޕީސް) ލިބިފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް ޕްރިޔަންކާ ހިނިގަނޑެއް ޖަހާލާފައި ބުނީ އެ ބުނާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނަމަ ކިތަންމެހާވެސް ރަނގަޅުކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ފާއިތުވީ ތިރީހަކަށް އަހަރު ޕްރިޔަންކާ ދިރިއުޅެމުން އައިސްފައިވަނީ މައިންބަފައިންނާ އެކު މުމްބާއީގެ ޔާރީ ރޯޑުގައި ހުންނަ އެޕާޓްމަންޓެއްގަ އެވެ.