ބޯ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ވާނެބާ؟
ބޯ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ވާނެބާ؟

ބޯ ޓްރާންސްޕްލާންޓްކުރުމުގެ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ބޯ ޓްރާންސްޕްލާންޓް ކުރާ ސާޖަނުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް ޑޮކްޓަރު ވަނީ ބުނެފަ އެވެ. އޭނާ މި ޓްރާންސްޕްލާންޓް ހެދީ މަރުވެފައިވާ ދެ މީހެއްގެ ބޯ ބަދަލު ކޮށްގެންނެވެ. ނަމަވެސް ދިރިހުރި މީހެއްގެ ބޯ ވަރަށް އަވަހަށް ޓްރާންސްޕްލާންޓް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބޯ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ވާނެބާ؟
ބޯ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ވާނެބާ؟

ޑރ. ފްރެންކެންސްޓީންގެ ނަމުން މިހާރު ގިނަ ބަޔަކު މުޚާތަބުކުރާ ޕްރޮފެސާ ސާޖިއޯ ކަންނަވާރޯ ވަނީ މަރުވެފައިވާ އިންސާނެއްގެ ބޮލާއި އެއާ ގުޅިފައިވާ ސްޕައިން އާއި ނާރުތައް އަދި ލޭ ހޮޅިތައް ހަށިގަނޑުން ވަކިކޮށް އެހެން ހަށިގަނޑެއްގައި ގުޅާލުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފަ އެވެ. ޗައިނާގައި ކުރި މި އޮޕަރޭޝަނަށް 18 ގަޑިއިރު ހޭދަވެފައިވެ އެވެ.

އޭނާ ވިދާޅުވީ ސިކުނޑި މަރުވެފައިވާ އޯގަން ޑޯނާއެއްގެ މުޅި ބޯ ބަދަލުކޮށްލުމަކީ ދެން ކުރަން އޮތް މަސައްކަތް ކަމަށެވެ. އަދި އެއީ ސިއްހީ މައްސަލައަކާ ހެދި ކޮންމެހެން ބޯ ބަދަލުކުރަން ޖެހޭ މީހެއްގެ ބޯ ބަދަލުކުރުމުގެ އެންމެ ފަހު ފިޔަވަޅު ކަމަށާއި އެކަން ކުރަން ދެން މާލަހެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޕްރޮފެސަރު ކަންނާވާރޯ 2015 ގައި އިއުލާން ކުރައްވާފައިވާ ގޮތުގައި އެއްކޮށް ޕެރެލައިޒް ވެފައިވާ މީހެއްގެ ބޯ، މަރުވެފައިވާ އޯގަން ޑޯނާއެއްގެ ހަށިގަނޑަށް ގުޅާލުމަށް އޭނާ ވަނީ ގަސްތުކޮށްފަ އެވެ. އޭނާ މި ވިދާޅުވާ މީހަކީ ރަޝިއާގެ 30 އަހަރުގެ ވެލެރީ ސްޕިރިޑޮނޯވް އެވެ.

ވެލެރީ އަކީ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔެއް ކަމަށްވާ ވާޑްނިގް-ހޯފްމަން ޑިޒީޒް ޖެހިފައިވުމުގެ ސަބަބުން ބޯ ފިޔަވައި ހަށިގަނޑުގެ އެހެން އެއްވެސް ބަޔެއްގެ ހަރަކާތެއް ނެތް މީހެކެވެ. ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ސާޖަރީއަށް ވެލެރީ ވަނީ ވޮލަންޓިއާ ކޮށްފަ އެވެ.

މި އޮޕަރޭޝަންގައި ވެލަރީގެ ބޯ އިން ގޮތަށް ވަކިކޮށްލައި ސިކުނޑި މަރުވެފައިވާ ޑޯނާއެއްގެ ހަށިގަނޑުގައި ގުޅާލާނެ އެވެ. ނަމަވެސް ގިނަ ސައިންސްވެރިން ވަނީ މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބުނެ މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ. އެމީހުން ސިފަކުރާ ގޮތުގައި ޕްރޮފެސާ ކަންނަވާރޯގެ މި އެކްސްޕެރިމެންޓަކީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ސާޖަރީ އެކެވެ.

މިއީ ފްރެންކެންސްޓީން ކަހަލަ ވިސްނުމެއްގައިކުރާ ކަމެއް ކަމަށް އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސާ ޖެން ޝްނަޕް ވިދާޅުވި އެވެ. އަދި ބޯ ޓްރާންސްޕްލާންޓް ކުރިޔަސް އެ ބޯ ބަދަލުކޮށްދޭ މީހާއަށް އެ ހަށިގަނޑުގެ ހުރިހާ ކޮންޓްރޯލެއް ލިބޭނެތޯ އަދި އެކަމުން ލިބޭނެ ފައިދާތަކަކީ ކޮބައިތޯ އެއްގޮތަކަށް ވެސް ބެލިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަހަލަ އޮޕަރޭޝަނެއް ކޮށްގެން ބޯ ޓްރާންސްޕްލާންޓް ކޮށް އަނެއް މީހާގެ ހަށިގަނޑާއި ބޯ ގުޅުމުގެ ތެރޭގައި ދިމާވާ ސައިޑް އިފެކްޓްސް ތަކަކުން މަރަށް ވުރެ ވެސް ވަރުގަދަ ވޭނެއް އެ މީހާއަށް އިހްސާސްކުރަން ޖެހުމުގެ ބިރު އެބައޮތް ކަމަށް ވެސް ޕްރޮފެސާ ޖެން ވިދާޅުވި އެވެ.

ޔުނިވަސިޓީ އޮފް އެޑިންބަރާގެ ޕްރޮފެސާ ކެތަރީނާ ބެކާ ވިދާޅުވީ ގަބުރެއްގެ ބޯ އެހެން ގަބުރެއްގައި ޓްރާންސްޕްލާންޓް ކޮށްގެން ބޯ ކޮންޓްރޯލްކުރާ މޯޓާ ފަންކްޝަން ރަނގަޅުތޯ ޗެކް ނުކުރެވޭނެކަމަށެވެ. އެހެންކަމުން ބޯ ޓްރާންސްޕްލާންޓް ކުރާ މީހާއަށް އެ ހަރުކުރާ ބޮލުގެ ކޮންޓްރޯލް ލިބޭނެ ކަމެއް ނުވަތަ ނޫންކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ސާދަ މިލިއަން ޕައުންޑުގެ އެކްސްޕެރިމެންޓަލް ޓްރާންސްޕްލާންޓަށް 36 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވެ އެވެ. އަދި މިކަމުގައި 150 ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެ އެވެ.