20 ނޮވެމްބަރ 2017 - 15:52

ހަރާރޭ (ނޮވެމްބަރު 20) - ޒިމްބާބުވޭގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ރޮބަޓް މުގާބޭ އަށް ޕާޓީން ދިން މުހުލަތު މިއަދު ހަމަވެއްޖެ އެވެ.
ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީން އިއްޔެ ބޭއްވި ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފަ އެވެ. އަދި ޒިމްބާބުވޭ ގަޑިން މިއަދު މެންދުރު 12 ޖެހުމާ ހަމައަށް (ރާއްޖޭ ގަޑިން މެދުރު ފަހު 3 ޖަހާއިރު) މުގާބޭ އިސްތިއުފާ ދިނުމަށް ވަނީ މުހުލަތު ދީފަ އެވެ. އެ މުއްދަތުގައި އިސްތިއުފާ ނުދެއްވައިފި ނަމަ ޕާލަމެންޓް މެދުވެރިކޮށް މަގާމުން ދުރުކުރަން ވަނީ ނިންމައިފަ އެވެ. މުގާބޭ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.
މުގާބޭގެ އިސްތިއުފާ އިއުލާން ކުރައްވާނެ ކަމަށް ރޭ ވަރަށް ބޮޑަށް ބެލެވުނު ތަގްރީރުގައި އިސްތިއުފާގެ ވާހަކަ ވިދާޅު ނުވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. މުގާބޭގެ 37 އަހަރުގެ ވެރިކަން ދޫކޮށްލަން އެތައް ގޮތަކުން ޕްރެޝަރު ކުރި ނަމަވެސް މުގާބޭ ވިދާޅުވެފައި ވަނީ އަންނަ މަހު ބާއްވާ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު ވެސް ބަލަހައްޓަވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރު ކަމުން މުގާބޭ ދުރުކޮށް އެ މަގާމަށް މުގާބޭ ކުރީގެ ނައިބް އެމާސަން ނަންގަގްވާ ހަމަޖައްސާފައިވާ އިރު ޕާޓީގެ ރިޔާސަތަށް މުގާބޭ ވަޑައިގަންނަވާނެ ގޮތެއް ވިދާޅެއް ނުވެ އެވެ.
މުގާބޭ އަށް ދިން މުހުލަތު ހަމަވުމުން އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ޕާޓީން އަދި ހާމަކޮށްފައެއް ނުވެ އެވެ. މުގާބޭ މަގާމުން ދުރުކުރުމާ ގުޅޭ ގޮތުން ސިފައިން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.