06 ޖުލައި 2016 - 06:53

މިއަދު ރިލީޒްކުރާ ސަލްމާން ޚާންގެ "ސުލްތާން" އަށް އޭނާގެ ފިލްމުތައް މީގެ ކުރިން ހަދާފައިވާ ރެކޯޑްތައް މުގުރާލެވިދާނެ ހެއްޔެވެ؟ ފެށުމެއްގެ ގޮތުން 150 ކްރޯޑު (1500 މިލިއަން ރުޕީޒް) ހޯދިއްޖެ ނަމަ މިފިލްމު ރިލީޒްކުރާނީ ރެކޯޑް މުގުރާލާފަ އެވެ.
ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނަނީ ސަލްމާނާއި އަނުޝްކާ ޝަރުމާގެ މި ރެސްލިން ޑްރާމާ ހީކުރާ ވަރަށް ވުރެ ވެސް މާ ކާމިޔާބުވެދާނެ ކަމަށެވެ. ފުރަތަމަ ހަފުތާގައިވެސް މި ފިލްމުން ބޮކްސް އޮފީހުގައި ވަރަށް ގިނަ ރެކޯޑްތައް ގާއިމްކުރާނެކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
ބޮލީވުޑް ލައިފް އަށް މައުލޫމާތު ދެމުން ޓްރޭޑް އެކްސްޕާޓް އަމުލް މޯހަން ބުނެފައިވާ ގޮތުގައި ފުރަތަމަ ހަފުތާގައި އެކަނިވެސް މި ފިލްމަށް 160 ކްރޯޑު (1600 މިލިއަން ރުޕީސް) ލިބޭނެ އެވެ.
ނަމަވެސް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނަނީ ފިލްމު ރެކޯޑްތަކެއް ގާއިމްކުރާނެކަން ޔަގީން ވިޔަސް ލިބޭނެ ވަރެއް އަންދާޒާ ކޮށްލަންވެސް ނޭނގޭ ކަމަށެވެ.
"ސަލްމާން އާއި ޔާޝްރާޖް ފިލްމްސް އަދި އީދު އެކުވުމަކީ ފިލްމަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް އުންމީދު ކުރެވިދާނެ ތިން ކަންތައް. ސަލްމާންގެ ބޮކްސް އޮފީސް ކާމިޔާބީ އެތައް ގުނައަކަށް އިތުރުވެފައިވޭ. އަދި އޭނާގެ ކޮންމެ ފިލްމަކަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބޭ،" ތަރަން ބުންޏެވެ.
ތަރަން ބުނީ މިއީ ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެކަމަށް ބުނަން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ފަސް ދުވަހުގެ އެޑްވާންސް ބުކިންސް ދާގޮތަށް ބަލާއިރު ރެކޯޑްތަކެއް މުގުރާލާނެކަން ޔަގީންކަން ތަރަން ބުނެފައި ވެއެވެ.
އެހެން ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ކޯމަލް ނަހާތާ ބުނާ ގޮތުގައި އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ބޮޑު ކާމިޔާބެއް ލިބޭނެކަން މިހާރު ހަމަ ޔަގީނެވެ. އަދި "ސުލްތާން" އަކީ ސަލްމާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ކޯމަލް ބުންޏެވެ.
"އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް މުގުރާނުލެވުނަސް އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެކަން ހަމަ ޔަގީން،" ކޯމަލް ބުނެފައިވެ އެވެ.
ފިލްމު ރިލީޒްކުރުމުގައި ސަމާލުކަން ދީފައިވަނީ ހަމައެކަނި އިންޑިޔާ މާކެޓަކަށް ނޫނެވެ. ބޭރު ގައުމުތަކުގައި ފިލްމުގެ ވިޔަފާރި ރަނގަޅުކުރުމަށް ވެސް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ. އެހެންކަމުން މި ފިލްމު ބަލާލުމަކީ އީދު ބަނދުގައި ގިނަ ގައުމުތަކުގެ މީހުންގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގައި މިފަހަރު ހިމެނޭނެ ކަމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ދަނީ ޔަގީންކުރަމުންނެވެ.
"ސުލްތާން" އިންޑިޔާގައި އެކަނިވެސް 5000 ވަރަށް ސްކްރީންގައި މާދަމާ އަޅުވާނެ ކަމަށް ވެއެވެ.