20 ނޮވެމްބަރ 2017 - 14:56

ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ލޯންޗެއް ހައިޖެކް ކޮށްގެން ރަށަކަށް ގެންދިޔަ މީހަކު ހަ އަހަރާއި އަށް މަހަށް ޖަލަށް ލާން ޖުވެނައިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
އުމުރުން 16 އަހަރުގައި ކުށްކުރި، އެކަމަކު މިހާރު 18 އަހަރު ފުރިފައިވާ އެ މީހާގެ މައްޗަށް ޖަލު ހުކުމެއް އިއްވިޔަސް ޖުވެނައިލް ކޯޓުން ވަނީ އެ ކޯޓުން ހިންގާ އިސްލާހީ ޕްރޮގްރާމްގެ ދަށުން އޭނާގެ ހުކުމް ގޭ ބަންދުގައި ހުރެގެން ތަންފީޒުކުރާ ގޮތަށް ހަމަޖައްސައިފަ އެވެ. އޭނާއަކީ މިހާރު ވަޒީފާއަކަށް ދާ މީހަކަށް ވާތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ވަޒީފާއަށް ދެވޭނެ އިންތިޒާމް ވެސް ކޯޓުން ހަޖައްސައިދިނެވެ.
އެ މީހާގެ މައްޗަށް އެ ހުކުމް އައީ ނޮވެމްބަރު، 2010 ގައި ހދ. މަކުނުދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗެއްގައި އޭނާ އިނުމަށް ފަހު އެ ލޯންޗްގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި، އެ ލޯންޗް ހައިޖެކް ކޮށްގެން ހދ. ކުޑަމުރައިދޫ ކިޔާ ރަށަކަށް ގެންދިޔަ މައްސަލައިގަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ ކޯޓުގައި އެކަމަށް އޭނާ އެއްބަސްވުމުންނެވެ.
ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އޭނާގެ މައުލޫމާތު ވެސް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ ހާދިސާ ހިނގިއިރު އަމަލުކުރަމުން ދިޔަ ޓެރަރިޒަމް މަނާކުރުމުގެ ކުރީގެ ގާނޫނުގެ ދަށުން ހައިޖެކް ކުރުމަކީ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. އޭނާގެ އަދަބު އެއަށް ވުރެ ލުއިވީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް ދޭން ޖެހޭނީ ގާނޫނުގައި އެ ކުށަކަށް އޮންނަ އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ވާތީ އެވެ.
އެ ހާދިސާގައި އޭނާއާ އެކު އިތުރު ކުއްޖަކު ވެސް ބައިވެރިވި އެވެ. އެ ކުއްޖާގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައި ވިޔަސް އެ ކުއްޖާގެ ބައި ވަކިން ނިންމަން ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ އަދި ނުނިމެ އެވެ.