"ބްރިޖެޓް ޖޯންސް ބޭބީ" ވަރުގަދަ ޓްވިސްޓަކާ އެކު
"ބްރިޖެޓް ޖޯންސް ބޭބީ" ވަރުގަދަ ޓްވިސްޓަކާ އެކު

ރެނީ ޒެލްވެގާ ޓައިޓްލް ރޯލުން ފެނިގެންދާ "ބްރިޖެޓް ޖޯންސް" ސީރީސްގެ ފިލްމުތަކަކީ އަންހެންވެރިންގެ މެދުގައި ވަރަށް މަގުބޫލް ފްރެންޗައިޒެކެވެ. މި ފަހަރު މިއޮތީ މީގެ ތިން ވަނަ ފިލްމެވެ.

ފިލްމުގެ ނަމަކީ މި ފަހަރު "ބްރިޖެޓް ޖޯންސް ބޭބީ" އެވެ. އުރުމުން 40 ގެ އަހަރުތައް ގުނަމުންދާ ބްރިޖެޓް (ރެނީ) އާއި މާކް ޑާސީ (ކޮލިން ފާތު) ގެ ލޯބީގެ ގުޅުން ނިމުމުކަށް އަންނަނީ އެވެ. އެ ހިސާބުން ބްރިޖެޓް ދެން ފޯކަސް ކުރަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާމިޔާބު ކެރިއާއެއް އަނެއްކާ ވެސް ބިނާ ކުރެވޭތޯ އެވެ.

ހަޔާތުގެ މި ސޮފުހާތައް ގުނަމުން ދަނިކޮށް އަނެއްކާ ވެސް ހިތްކިޔާ ކަހަލަ މީހަކާ ދިމާވެ އެވެ. އެއީ ޖެކް ކްވަންޓް (ޕެޓްރިކް ޑެމްޕްސޭ) އެވެ. ދެ މީހުން ގަދައަށް ހިތާވެ ކައިވެންޏަކާ ހިސާބަށް ދާން ތައްޔާރުވަމުން ދަނިކޮށް ބްރިޖެޓް ބަލިވެއިން އެނގެ އެވެ.

އެ ހިސާބުން އަނެއްކާ ވެސް އޭނާ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓެ އެވެ. އެންމެ ބޮޑު މައްސަލައަކީ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައަކީ ކާކުކަމާ ދޭތެރޭ ޝައްކު އުފެދުމެވެ. އެއީ މާކްތޯ ނުވަތަ ޖެކްތޯ ބްރިޖެޓަކަށް ކަށަވަރެއް ނުވެ އެވެ.

ފިލްމުގައި ދެން ފެނިގެން ދާނީ މި އޮޅުންބޮޅުންގަނޑުގެ ތެރޭގައި ބްރިޖެޓަށް ދިމާވާ ކަންތައްތަކެވެ.

މި ރޮމޭންޓިކް ކޮމެޑީ "ބްރިޖެޓް ޖޯންސް ބޭބީ" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 16 ގަ އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

ފިލްމް ޑައިރެކްޓްކޮށްފައި ވަނީ މި ސީރީސްގެ ފުރަތަމަ ފިލްމް ބްރިޖެޓް ޖޯންސް ޑައިރީ (2001) ގެ ޑައިރެކްޓް ކުރި ޝެރޯން މެގްއާ އެވެ.

މީގެ ދެވަނަ ފިލްމް "ބްރިޖެޓް ޖޯންސް: ދި އެޖް އޮފް ރީޒަން (2004) ގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދިނީ ބީބަން ކިޑްރޮން އެވެ.

އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގި ދެ ފިލްމެވެ. އެހެންވެ "ބްރިޖެޓް ޖޯންސް ބޭބީ" އަށް ކުރެވޭ އުންމީދުތައް ހުރީ ވަރަށް އުހުގަ އެވެ.