20 ނޮވެމްބަރ 2017 - 13:16

ޕޮލިޓެކްނިކް ހިންގާ އިމާރާތުން ބައެއް ތަކެތި ގެއްލުނު މައްސަލާގައި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ކުންފުނިން ދައުލަތަށް ބަދަލު ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕޮލިޓެކްނިކްގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ އޭޖޭ އެންޓަޕްރައިސަސްގެ މައްޗަށް އެ ހުކުމް އައީ ޕޮލިޓެކްނިކުން 17 ކޮމްޕިއުޓަރާއި މަލްޓިމީޑިއާ ދެ ޕްރޮޖެކްޓަރު ގެއްލުނު މައްސަލާގައި އެ ތަކެތީގެ އަގަށްވާ، 270،000ރ. ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.
މި މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް ބަލާއިރު ޕޮލިޓެކްނިކުން ގެއްލޭ މުދަލަށް އޭޖޭ އެންޓަޕްރައިސަސް ޒިންމާވާން ޖެހޭ ކަމަށެވެ. އެހެންވެ، ގެއްލުނު ތަކެތީގެ އަގަށްވާ 270،000ރ. އެއް އަހަރު ތެރޭގައި ޕޮލިޓެކްނިކަށް ދައްކައި، ޚަލާސް ކުރަން އެ ހުކުމުގައި ވަނީ އަންގައިފަ އެވެ.
އެ ފައިސާ ހޯދަން ދައުލަތުން ދައުވާކުރީ އެ ފައިސާ ދައްކަން ޕޮލިޓެކްނިކުން އެންގުމުން އެ ފައިސާ ނުދެއްކުމުންނެވެ. އެކަމަކު އޭޖޭ އެންޓަޕްރައިސަސުން ކޯޓުގައި ވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެއްބަސްވެފަ އެވެ.