21 ނޮވެމްބަރ 2017 - 06:42

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތީ" އަށް ސެންސަރު ބޯޑުން ލިބެން ޖެހޭ ހުއްދަ ނުލިބި ލަސްވަމުން ދާތީ ފިލްމު ރިލީޒްކުރުން ވަކި މުއްދަތެއް ނެތި ފަސްކޮށްފި އެވެ.
ފިލްމު ރިލީޒްކުރާނެ ތާރީޚެއް ދެން އިއުލާން ކުރާނީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދިނުމުން ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.
ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ތަރިންގެ ގޮތުގައި އުޅޭ ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ "ޕަދްމާވަތީ" ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު 1 ގަ އެވެ. އަދި ފާއިތުވީ އަަހަރެއްހާ ދުވަހު ބާންސާލީ އާއި އޭނާގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. ނަމަވެސް ފިލްމު ރިލީޒްކުރަން ދެ ހަފުތާއަށް ވެފައި ވަނިކޮށް ފިލްމު ފަސްކުރަން ޖެހުމުން ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ.
ފިލްމު ފެށީއްސުރެ ފިލްމާ ދެކޮޅުހަދަމުން ދިޔަ ޖަމާއަތްތަކުން ފިލްމު ރިލީޒްކުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް މުޒާހަރާތައް ވަރުގަދަކުރި އެވެ. ބާންސާލީ އާއި ދީޕިކާއަށް މަރުގެ އިންޒާރުދިނެވެ.
މުސްލިމް ރަސްކަލަކު ހިންދީންގެ ރާނީއެއްގެ ވާހަކަ ކިޔައިދޭ ފިލްމު ބިނާކޮށްފައި ވަނީ 16 ވަނަ ގަރުނުގެ މަޝްހޫރު ޅެމެއްގެ މައްޗަށެވެ. އެކަމަކު ފިލްމުގައި ދައްކާ ރާނީ ޕަދުމާވަތީ އަކީ ދުނިޔޭގައި އުޅުނު މީހެއްކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ހިލްޖީ އަކީ އުޅުނު މީހެކެވެ.
އިންޑިޔާގެ މަޝްހޫރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އަންހެނެއްގެ ހައިސިއްޔަތުން އަދި އާޓިސްޓެއްގެ ހައިސިއްޔަތުންނާއި އިންޑިޔާގެ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ވަރަށް ރުޅިއައިސްފައިވާ ކަމަށެވެ. އަދި ވަރަށް ނިކަމެތިކޮށްލައިފިކަމުގެ އިހްސާސް ކުރެވޭ ކަަމަށާއި މިއީ ވަރަށް ހެއްވާ ކަމެއް ކަމަށް ވެސް އޭނާ ސިފަކުރި އެވެ.
ދީޕިކާ ބުނި ގޮތުގައި މަރުގެ އިންޒާރުތައް ދިނަސް އޭނާ ބިރެއް ނުގަނެ އެވެ. ބިރަކީ އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ތަޖުރިބާކޮށްފައިވާ ޖަޒުބާތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްމާ ބެހޭ ގޮތުން ތަފާތު ވާހަަކަތައް ދައްކައި މުޒާހަރާތައް ކޮށް އިންޒާރުތައް ދެމުން އެދަނީ ފިލްމުގައި ދައްކަނީ ކޮން އެއްޗެއްކަން ނުވެސް އެނގި ތިބެ އެވެ.
"ފިލްމުގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ މި ފިލްމަކީ އިންޑިއާގެ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާނެ ފިލްމެކޭ. 'ޕަދްމާވަތީ'ގެ ހަޔާތުގެ ދަތުރު ފިލްމަކުން ދައްކާލުމުގެ ފުރުސަތު ލިބުނީތީ އަހަރެން އުފާކުރަން. އެ ވާހަކައަކީ ހަމައެކަނި އިންޑިޔާ މީހުންނަކަށް ނޫން މުޅި ދުނިޔެއަށް ވެސް އެނގެން ޖެހޭނެ ވާހަކައެއް ކަމަށް އަހަރެން ގަބޫލުކުރަނީ،" ދީޕިކާ ބުންޏެވެ.
އޭނާ ވަނީ ފިލްމުގައި އޭނާއަށް އެންމެ މަގްބޫލު މަންޒަރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެއީ "ޖައުހަރް" މަންޒަރު ކަމަށާއި އެ މަންޒަރުތައް މިހާރުވެސް އޭނާގެ ހިތަށް އުނދަގޫކުރާ ކަމަށް ދީޕިކާ ބުންޏެވެ.
ދީޕިކާ ބިރު ނުގަތަސް އޭނާއަށާއި ބާންސާލީ އަށް ލިބެމުން ދާ މަރުގެ އިންޒާރުތަކުގެ ސަބަބުން އެ މީހުންގެ ސަލާމަތީ ކަންތައް މުމްބައި ޕޮލިހުން ވަނީ ވަރުގަދަ ކޮށްފަ އެވެ.