24 ނޮވެމްބަރ 2017 - 07:18

ފިލްމަކުން ރަނގަޅު ރޯލެއް ލިބިއްޖެ ނަމަ އަދިވެސް ކުޅޭނެ ކަމަށާއި ފައިސާގެ ބޭނުމުގައި ކޮންމެ ފުރުސަތެއްގެ ބޭނުން ނުހިފާނެ ކަމަށް، މިދިޔަ އާދީއްތަ ދުވަހު 66 ވަނަ އުފަން ދުވަސް ފާހަގަކުރި ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ބުނެފި އެވެ.
ޒީނަތަކީ 1970 އާއި 80 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދާލި އެއް ބަތަލާ އެވެ. އޭނާގެ ރީތިކަމާއި ފަރިކަމުގެ ޖާދޫގައި އެ ދުވަސްވަރު ވަރަށް ގިނަ ބަޔަކު ޖެހުނެވެ.
އުމުރުން ދުވަސް ވެފައި ހުއްޓަސް ޒީނަތު އަދިވެސް އެކްޓިން މަސައްކަތް ކުރަން ހުރީ ތައްޔާރަށެވެ. ނަމަވެސް ކޮންމެ ކޮންމެ ރޯލެއް ގަބޫލު ނުކުރާނެ ކަމަށް ޒީނަތު ބުންޏެވެ. ފައިސާ ހޯދުމުގައި ބޭނުމުގައި، ލިބޭ ކޮންމެ ރޯލެއް ކުޅުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
"އަހަރެންގެ އުމުރުގެ ބަތަލާއިންނަކަށް ޚިޔާރު ކުރާކަށް މާ ގިނަ ރޯލުތަކެއް ނުލިބޭ. ނަމަވެސް އަހަރެންނަކަށް ޝަކުވާއެއް ނުކުރެވޭނެ. އަހަރެން ގަބޫލުކުރަނީ އަހަރެންގެ ރަން ޒަމާނުގައި ވަރަށް ކުޅަދާނަ ޑައިރެކްޓަރުންގެ މޮޅު ފިލްމުތައް ކުޅުމުގެ ފުރުސަތު އަހަންނަށް ވެސް ވަނީ ލިބިފައޭ. އެމީހުންގެ ފަރާތުން އަހަންނަށް ވަރަށް ގިނަ އެއްޗެހި ދަސްވި،" ޒީނަތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ދުވަސްވަރު ކުރިމަތިވި ކޮންމެ ގޮން ޖެހުމެއް އޭނާ ބަލައިގަތީ އުފަލާ އެކުގަ އެވެ. މިހާރު ރޯލުތައް ލިބުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި ނަމަވެސް ބޭކާރު ރޯލުތައް ނުކުޅޭނެ ކަމަށް ޒީނަތު ބުންޏެވެ.
"އަހަރެންނަށް އެ ރޯލަކަށް ފުރިހަމައަށް އިންސާފު ކުރެވޭ ކަހަލަ މޮޅު ރޯލެއް ލިބޭނެ ދުވަހަކަށް އަހަރެން މި އިންތިޒާރު ކުރަނީ. އަވަސް އަރުވާލައިގެން ކަންކަން ނުކުރަން އަހަރެން ދަސްކޮށްފިން،" ޒީނަތު ބުންޏެވެ.